11 މާޗް 2019 - 09:10

ޓިއުރިން (މާޗް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މާދަމާރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސް ކޮޅަށް ނަތީޖާ އަނބުރާލަން ތައްޔާރުވެ ތިބުމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެދިއްޖެ އެވެ.
ފުރަތަމަ ލެގުގައި އެތުލެޓިކޯ ދަނޑުގައި ޔުވެންޓަސް ބަލިވީ 2-0 އިންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން މާދަމާރޭ ކުޅޭ މެޗުން ޔުވެންޓަސް އަށް ވަނީ ތިން ލަނޑުގެ ތަފާތުން މޮޅުވަން މަޖުބޫރުވެފަ އެވެ. އެ ޓީމު 2-0 އިން މޮޅުވެއްޖެ ނަމަ، އެގްރިގޭޓް އެއްވަރުވެ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހޭނެ އެވެ. އެ ނޫން ކޮންމެ ނަތީޖާއަކުން، ދެ ލަނޑުގެ ތަފާތެއް އަޔަސް ކުރި ލިބޭނީ އެތުލެޓިކޯ އަށެވެ.
އުމުރުން 34 އަހަރުގެ ރޮނާލްޑޯ ބުނީ ފުރަތަމަ ލެގުގައި ހެދުނު ގޯސްތައް ތަކުރާރުވިޔަ ނުދޭން ހުރިހާ ގޮތަކުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ފުރަތަމަ ލެގުން 2-0 އިން ބަލިވުމަކީ އަހަރެމެން އުއްމީދުކުރި ގޮތެއް ނޫން. އެކަމަކު މި މުބާރާތުގައި ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ. އަހަރެމެން ބޭނުންވަނީ ފުރަތަމަ މެޗުގައި ހިނގާދިޔަ ކަންތައްތައް ރަނގަޅުކޮށް އެ ކަންތައްތަކަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޖަވާބުދޭން،" ޔުވެންޓަސް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ބޮޑެތި މެޗުތަކުގައި ޓީމުތަކުން ނަތީޖާ ނެރޭއިރު އެންމެ ބޮޑަށް ބަރޯސާވަނީ ސަޕޯޓަރުން ކަމަށާއި އެހެންވެ ރޮނާލްޑޯ ވަނީ އޭނާގެ ފަރާތުން ސަޕޯޓަރުންނަށް މެސެޖެއް ދީފަ އެވެ.
"ޓީމު އޮތީ ވަރަށް ކޮންފިޑެންޓްކޮށް. އަހަރެން ވެސް މި ހުރީ ޖޯޝުގައި. ސަޕޯޓަރުންނަށް ދޭން ބޭނުން މެސެޖަކީ ޕޮޒިޓިވްކޮށް ވިސްނައިގެން އުއްމީދުގައި ތިބޭށޭ. ނަތީޖާ އަނބުރާލައި އެނބުރި އަންނަން ތައްޔާރުވާށޭ،" ރޮނާލްޑޯ ބުންޏެވެ.
އިޓާލިއަން ލީގުގައި ހުކުރު ދުވަހުގެރޭ އުދިނޭޒީ އަތުން 4-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ. އެ މެޗުގައި ރޮނާލްޑޯ ލައްވައި ނުކުޅުވީ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗު އޮތުމުންނެވެ.
އެތުލެޓިކޯއާ ދެކޮޅަށް ލަނޑު ޖެހުމުގެ ރަނގަޅު ރެކޯޑެއް އެބައޮތެވެ. އެތުލެޓިކޯއާ ދެކޮޅަށް މިހާތަނަށް ރޮނާލްޑޯ ކުޅުނު 31 މެޗުގައި އޭނާ ވަނީ 22 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި 2016-2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ހެދި ހެޓްރިކް ވެސް ހިމެނެ އެވެ.