12 މާޗް 2019 - 09:44

މެޑްރިޑް (މާޗް 12) - ރެއާލް މެޑްރިޑާ އަލުން މި ހަވާލުވީ ވަރަށް ގިނަ ކްލަބްތަކަކަށް ނޫނެކޭ ބުނެފައި ކަމަށް، މިދިޔަ ސީޒަނަށް ފަހު އެ ޓީމުން ވަކިވި ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިން ސީޒަނުގައި ހޯދައިދިން ޒިދާން އެ ޓީމަށް އަލުން ގެނައީ ސަންޓިއާގޯ ސޮލާރީ ވަކިކުރުމަށް ފަހު 2022 ވަނަ އަހަރުގެ ނިޔަލަށެވެ. ރެއާލާ ހަވާލުވުމުގެ ކުރިން ޒިދާން އެކި ޓީމުތަކާ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ.
"އަހަންނަށް ވަރަށް ގިނަ ހުށަހެޅުން ލިބުނު. އެހެން ކްލަބްތަކަށް އަހަރެން ނުދިޔައީ ހިތްހަމަނުޖެހުންތަކެއް ވެސް ހުރީމަ. މި ވަގުތު އަހަރެމެން ފޯކަސް ކުރަންވީ މި ސީޒަން ރަނގަޅަށް ނިންމާލުމަށް ފަހު އަންނަ ސީޒަނަށް ތައްޔާރުވާން،" ރެއާލާ އަލުން ހަވާލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ޒިދާނަށް ހުށަހެޅި ކްލަބްތަކުގެ ތެރޭގައި އިނގިރޭސި ގަދަ ދެ ބާރު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އިޓަލީގެ ޔުވެންޓަސް ހިމެނެ އެވެ. ޔުވެންޓަސް އިން ހުށަހެޅީ އަންނަ ސީޒަނުގައި އެ ޓީމާ ހަވާލުވާ ގޮތަށެވެ.
މެޑްރިޑުގެ ބޯޑުން އެންމެ ފުރަތަމަ ގެންނަން ބޭނުންވީ މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ހޯސޭ މޮރީނިއޯ އެވެ. އެކަމަކު ކްލަބްގެ ކުޅުންތެރިން އެ ނިންމުމާ މެދު ނުރުހުން ފާޅުކުރުމުން މެނޭޖްމަންޓުން ޒިދާން ގެންނަން މަޖުބޫރުވީ އެވެ.
"ރެއާލް މެޑްރިޑުގެ ރައީސް އަހަންނަށް ގުޅާފައި އެހީތެރިކަމަށް އެދުމުން އެ ކަމަށް ފުރަގަސް ދޭނެ ހިތްވަރެއް އަހަރެންގެ ކިބައިގައި ނެތް. ފޯމު ގެއްލުނީމަ ވާ ގޮތް ކޯޗެއްގެ ގޮތުގައި އަހަރެން ވެސް ތަޖުރިބާކުރިން. ކޮންމެ ހާލަތެއްގައި ވެސް މި ކްލަބުން އަހަރެންގެ އެހީއަށް ބޭނުންވެއްޖެނަމަ އަހަރެން އަންނާނަން. މި ކްލަބުން އަހަންނަށް ގިނަ ކަންތައްތަކެއް ކޮށްދިން،" ޒިދާން ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ މެއި މަހު ޒިދާން މެޑްރިޑް ދޫކޮށްލީ ކްލަބްގެ ޓްރާންސްފާ ކަންތައްތަކުގެ ބާރު އޭނާ އަށް ނެތުމުންނެވެ. މެޑްރިޑުން މިދިޔަ ޓްރާންސްފާ މާކެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލީ ޒިދާންގެ ނުރުހުމުގައި ކަމަށްވެ އެވެ.
"އަހަރެމެން މިހާރު ވާހަކަދައްކަންވީ މައުލޫއަކީ ރޮނާލްޑޯއެއް ނޫން. މި ސީޒަނުގައި ބާކީ އޮތް 11 މެޗުން ކާމިޔާބު ހޯދުން އަމާޒަކީ. ރޮނާލްޑޯ އަކީ މި ކްލަބަށް ކުޅުނު މޮޅު ކުޅުންތެރިއެއް. އެކަމަކު އެއީ މާޒީ،" ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެތޯ ކުރި ސުވާލަށް ޒިދާން ޖަވާބު ދިނެވެ.
ރިޕޯޓްތައް ބުނާގޮތުން ޒިދާން އަލުން އެނބުރި އައިއިރު ކްލަބްގެ ޓްރާންސް ކަންތައްތަކުގެ ކޮންޓްރޯލް ނެގީ އޭނާ ބޭނުންވާ ކުޅުންތެރިން ހޯދަން އަމިއްލަ އަށް މަސައްކަތް ކުރުމުގެ ގޮތުންނެވެ. ޒިދާން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ އެޑެން ހަޒާޑް އާއި އަޔަކްސްގެ އުއްމީދީ ޑިފެންޑަރު މަތިއަސް ޑި ލީޓްގެ އިތުރުން ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ހިމެނެ އެވެ.