ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ކްރޭނެއްގެ ބުޅިގަނޑު ވޭނެއްގެ ތެރެއަށް!
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ކްރޭނެއްގެ ބުޅިގަނޑު ވޭނެއްގެ ތެރެއަށް!

ހުޅުމާލޭގައި ކްރޭނެއްގެ ބުޅިގަނޑު ވޭނެއްގެ ތެރެއަށް ވަދެ ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފި އެވެ. އެކަމަކު އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ ހެނދުނު ނުވައެއް ޖަހާކަން ހާއިރު، އެކްސިޑެންޓު ހިނގީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރިން އަސުރުމާ ހިނގުމުން ދިޔަ އެސްޓީއޯގެ ވޭނަކާއި ރީތިގަސް މަގުން ދިޔަ ކްރޭން ޖެހިގެން ކަމަށެވެ.

ކްރޭންގެ ބުޅިގަނޑުން ޖެހި ވޭނުގެ މަތިން ބަޔަކާއި ވިންޑް ސްކްރީނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

"ވޭންގައި އެންމެ ފުރަތަމަ ޖެހުނީ ކްރޭންގެ ބުޅިގަނޑު. މަތީގައި ޖެހުނު ގޮތަށް ވޭންގެ މަތި ވަނީ ވަރަށް ބޮޑަށް ނައްޓައިގެން ގޮސްފައި،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

އޭނާ ބުނީ އެކްސިޑެންޓާ އެކު ވޭންގެ ދިވެހި ޑްރައިވަރުގެ ބުރަކައްޓަށް ތަދުވާތީ އުޅުނު ކަމަށެވެ. އެކަމަކު ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ ބޮޑެތި އިމާރާތްތަކުގެ މަަސައްކަތުގައި ބޭނުންކުރާ ކްރޭން އާއި ބިޔަ ލޮރީތަކާއި އެހެން ފާޑުފާޑުގެ ވެހިކަލްތައް ގިނަ އެވެ. އަދި އެކްސިޑެންޓްވި ސަރަހައްދަކީ އެފަދަ ވެހިކަލްތައް އާންމުކޮށް ދުއްވާ ހިސާބެކެވެ.