ނޯތު ކޮރެއާގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު 99.99 ޕަސެންޓް
ނޯތު ކޮރެއާގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު 99.99 ޕަސެންޓް

ޕިއަންޔޮން (މާޗް 12) - ނޯތު ކޮރެއާގެ ސުޕްރީމް ޕީޕަލްސް އެސެމްބްލީ އަށް މެންބަރުން ހޮވަން ވޯޓު ދިން މީހުންގެ އަދަދު 99.99 ޕަސެންޓަށް އަރާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ވޯޓު ދީފައި ވަނީ 99.97 ޕަސެންޓް މީހުންނެވެ. މި ފަހަރުގެ އިންތިޚާބުގައި ވޯޓު ދިން މީހުންގެ އަދަަދު 100 ޕަސެންޓަށް ނޭރީ "ބައެއް މީހުން ގައުމުން ބޭރުގައި ތިބުމާ އަދި ބައެއް މީހުން ކަނޑުމަތީގައި އުޅެން" ޖެހުމުން ކަމަށް ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުންޏެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ އިންތިޚާބުގައި ރަބަރު ތައްގަނޑު ޖެހި ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަން ވޯޓު ދޭއިރު ވޯޓު ކަރުދާހުގައި އޮންނަނީ އެންމެ ނަމެކެވެ. މި ފަހަރު އިންތިޚާބު ކުރި 687 މީހުންގެ ތެރޭގައި އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންގެ ނަން ނެތް ކަމަށް ރަސްމީ މީޑިއާ އިން ބުނެ އެވެ. އިންތިޚާބުގައި ކިމް ބައިވެރިވެވަޑައިނުގަތީ ކީއްވެ ކަމެއް ނޭނގެ އެވެ. ކިމްގެ އަންހެން ކޮއްކޮ ކިމް ޔޯ ޔަންގް ވަނީ އިންތިޚާބުވެވަޑައިގެންފަ އެވެ.

ޕީޕަލްސް އެސެމްބްލީ އަށް ކިމް އެންމެ ފަހުން އިންތިޚާބުވެވަޑައިގެންނެވީ މާޗް 2014 ގަ އެވެ. އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގައި ހުރިހާ ކެންޑިޑޭޓުންނަށް ވެސް 100 ޕަސެންޓް ވޯޓު ލިބިފައިވެ އެވެ.