ގާނޫނީ އަދަދު ހަމަނުވޭ، ކޮންގްރެސް ނުބޭއްވޭނެ: ފީފާ
ގާނޫނީ އަދަދު ހަމަނުވޭ، ކޮންގްރެސް ނުބޭއްވޭނެ: ފީފާ

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދި ވިކްޓްރީ ސްޕޯޓްސް ކްލަބް އޮވެ ހުށަހެޅި ލިޔުމުގައި، ގާނޫނީ އަދަދު ހަމަނުވާ ކަމަށް ފީފާ އިން ބުނެފި އެވެ.

އެހެންވެ، އެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން އެފްއޭއެމަށް ދެން ނުޖެހުމުގެ އިތުރުން، ބާއްވައިދިނުމުން، ވިކްޓްރީން ހުކުރު ދުވަހު އަމިއްލަ އަށް އިސްނަގައިގެން ބާއްވަން އުޅުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ ފުރުސަތެއް މިވަގުތު ނެތެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ މައްސަލައިގައި އުފެދުނު މައްސަލަތައް ބެލުމަށް އިއްޔެ ރާއްޖެ އައި ފީފާ އާއި އޭއެފްސީގެ މަންދޫބުގެ ވަނީ ވިކްޓްރީގެ ހުށަހެޅުމުގައި ސޮއިކުރި ކްލަބްތަކާއި ނުކުރާ ކްލަބްތަކާއި އަދި ކުރުމަށް ފަހު ނަން އަނބުރާ ގެންދިޔަ ކަމަށް ބުނި ކްލަބްތަކާ މިއަދު ބައްދަލުކޮށްފަ އެވެ.

"އެ ބައްދަލުވުންތަކަށް ފަހު މިއަދު އަހަރެމެންނަށް ނިންމުނު ނިންމުމަކީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދެން ޖެހޭ، އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ (ގާނޫނީ) އަދަދު މިއަދާ ހަމަޔަށް ހަމަނުވާ ކަމަށް،" ފީފާގެ ގަވަނަންސް ޑިޕާޓްމަންޓުގެ ސީނިއާ މެނޭޖަރު އެލެކްސެންޑާ ގްރޮސް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފީފާ އިން ކްލަބްތަކާ އެކު މިއަދު ކުރި މަޝްވަރާތަކާ އެކު، މިނިމިގެންދިޔައީ ވަރަށް ގިނަ ދުވަހަށް ދިގުދެމިގެން ދިޔަ މައްސަލައެއް ކަމަށާއި މިއާ އެކު އެފްއޭއެމްގެ އަސާސީ ގަވާއިދު ނެގެހެއްޓިއްޖެ ކަމަށެވެ.

'މިހާހިސާބުން އަޅުގަނޑުމެންގެ ފޯކަސް އޮންނާނީ ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކަށް އެއްބާރުލުން ދިނުމާއި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަން ޖެހޭ މަސައްކަތްކުރުމަށް،" ބައްސާމް ވިދާޅުވި އެވެ.

ވިކްޓްރީން 15 ކްލަބުގެ ސޮޔާ އެކު މިދިޔަ މަހުގެ 10 ދުވަހު މައްސަލަ ހުށަހެޅުމުން އެފްއޭއެމުން އެކަމާ ފީފާއާ މަޝްވަރާކުރި އެވެ. އޭރު ފީފާ އިން ދިން ލަފައަކީ އޯޑިނަރީ ކޮންގްރެސްއެއް ކުރިއަށް އޮތުމުން މިވަގުތު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުން މުހިއްމު ނޫން ކަމަށެވެ. ފަހުން އެފްއޭއެމުން ބުނީ އޭގައި ސޮއިކުރި ހަތަރު ކްލަބެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އަދި އިތުރު ތިން ކްލަބަކަށް ވޯޓްލުމުގެ ހައްގު ނެތުމުން ގާނޫނީ އަދަދު ހަމަނުވާ ކަމަށެވެ.

އެކަމަކު ވިކްޓްރީން ގަބޫލުކުރީ އަދަދުހަމަވާ ކަމަށެވެ. އަދި 14 ދުވަސް ތެރޭ އެފްއޭއެމުން އެކްސްޓްރާ އޯޑިނަރީ ބާއްވައިނުދިނުމުން، އަސާސީ ގަވާއިދުން ލިބިދޭ އިހުތިޔާރެއްގެ ދަށުން އަމިއްލަ އަށް އިސް ނަގައިގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ނިންމީ އެވެ.

ވިކްޓްރީން އެޖެންޑާކޮށްފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ވަކިކުރުމާއި އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމެވެ. އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމަކީ ފީފާ އަށް ލިބޭ ބާރެއް ކަމަށް އެފްއޭއެމުން ބުނެ އެވެ.