21 މާޗް 2019 - 06:55

ގައުމުތަކުގެ ތެރެއިން އެންމެ އުފާވެރި ގައުމަކީ ފިންލެންޑް ކަމަށް މި އަހަރު ނެރުނު ވޯލްޑް ހެޕިނެސް ރިޕޯޓްގައި ވެސް ބުނެފި އެވެ.
މިއީ ޖެހިޖެހިގެން ފިންލެންޑް މި މަގާމު ދިފާއުކުރި ދެވަނަ އަހަރެވެ.
އދ. ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކް (އެސްޑީއެސްއެން) އިން ނެރޭ ވޯލްޑް ހެޕިނެސް ރިޕޯޓްގައި، އެންމެ އުފާވެރި ގައުމުތައް ކަނޑައަޅަނީ މައިގަނޑު ހަ ކަމަކަށް ބަލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިރިއުޅުމުގެ ހާލަތު (އާމްދަނީ)، މިނިވަންކަމާއި ހަމަޖެހުން، އިތުބާރާއި ޔަގީންކަން، އުމުރުގެ ދިގުމުން، އިޖުތިމާއީ ގުޅުމުގެ ބަދަހިކަން އަދި ހިތްހެޔޮކަމެވެ.
ދެ ލައްކަ މީހުން ހަމަނުވާ ފިންލެންޑަކީ ސިޔާސީ ހަމަނުޖެހުމާއި ކުށް ވެސް މަދު ގައުމެކެވެ.
އެ ގައުމުގެ ފަހަތުން، އެންމެ އުފާވެރި 10 ގައުމުގެ ލިސްޓްގައި ދެން ހިމެނެނީ ޑެންމާކް، ނޯވޭ، އައިސްލެންޑް، ނެދަލެންޑްސް، ސްވިޓްޒަލެންޑް، ސްވިޑްން، މިދިޔަ ހުކުރު ދުވަހު މިސްކިތްތަކަކަށް ޓެރަރިސްޓް ހަމަލާއެއް ދީ 49 މީހަކު މަރުވެގެން ދިޔަ ނިއުޒިލެންޑް، ކެނަޑާ އަދި ނިއުޒިލެންޑަށް ހަމަލާ ދިން މީހާ ނިސްބަތްވާ އޮސްޓްރޭލިއާ އެވެ.
އުފާވެރިކަން އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެފްރިކާ ބައްރާއި މެދު އިރުމައްޗަށް ނިސްބަތްވާ ގައުމުތަކެވެ. މި ފަހަރުގެ ރިޕޯޓްގައި އުފާވެރިކަން އެންމެ ކުޑަ 10 ގައުމުގެ ގޮތުގައި ލިސްޓްކޮށްފައި ވަނީ ދެކުނު ސޫދާން، ސެންޓްރަލް އެފްރިކަން ރިބަޕްލިކް، އަފްޢާނިސްތާން، ޓެންޒޭނިއާ، ރުވާންޑާ، ޔަމަން، މަލާވީ، ސީރިއާ، ބޮޓްސްވާނާ އަދި ހެއިޓީ އެވެ.