22 މާޗް 2019 - 07:32

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން (އެމްއޯސީ) އިން ހޯދައިދިން ފުރުސަތެއްގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ފުޓްބޯޅަ ކޯޗު އާމިނަތު ޝިޔާނާ ބައިނަލްއަގްވާމީ ފެންވަރުގެ ކޯޗިން ކޯހެއް ފުރިހަަމަކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އޭނާ ބައިވެރިވަމުން އަންނަނީ ހަންގޭރީގެ ޔުނިވާސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަން އިން ކުރިއަށްގެންދާ ޑިޕްލޮމާ ޕްރޮގްރާމެއް ކަމަށްވާ 17 ވަނަ އިންޓަނޭޝަނަލް ކޯޗިން ކޯހުގަ އެވެ. މިއީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި އޮލިމްޕިކް ސޮލިޑާރިޓީއާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
މިއީ މި ފަދަ ކޯހެއްގައި ދިވެހި އަންހެން ފުޓްބޯޅަ ކޯޗަކު ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެ އެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެތަނުން ދެކެ އެވެ. އެފްއޭއެމުން ދާދި ފަހުން ވަނީ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އަންހެން ފުޓްބޯޅަ އެކެޑަމީއެއްގެ މަސައްކަތް ފަށައިފަ އެވެ.
ތިން މަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯސް އަހަރަކު ދެ ފަހަރު ރޭވިގެން ކުރިއަށް ދެ އެވެ. އެއީ މާޗް އިން ފެށިގެން ޖޫން އަށާއި ސެޕްޓެމްބަރުން ފެށިގެން ޑިސެމްބަރާ ހަމައަށެވެ. މި ކޯހުގައި ކުޅިވަރުގެ ޑިސިޕްލިން އާއި ތަފާތު އެކި ކަންތައްތަކާ ބެހޭ އެކި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ޕްރެކްޓިކަލް ސެޝަންތަކެއް ވެސް ކުރިއަށްދާނެ އެވެ. އޭގެ ތެރޭގައި ފިޓްނަސް އާއި ފިޒިކަލް ކަންތައްތަކުގެ އިތުރުން ކުޅިވަރާ ގުޅޭ އެކި ދާއިރާތަކާ ގުޅިގެން ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް މީގެ ކުރިން ގޯލްކީޕަރެއްގެ މަގާމުގައި ކުޅުނު ޝިޔާނާ ވަނީ އެފްއޭއެމުން ކުރިއަށްގެންދިޔަ ސީ ލައިސަންސް ކޯޗިން ކޯސް ވެސް ފުރިހަމަކޮށްފަ އެވެ. އަދި ދާދި ފަހުން އެފްއޭއެމުން ބޭއްވި ގޯލްކީޕަރު ޓްރެއިނަރުން ތަމްރީންކުރުމުގެ ކޯހުގައި ވެސް ޝިޔާނާ ވަނީ ބައިވެރިވެފަ އެވެ. އޭގެ އިތުރުން އޭނާ މިދިޔަ އަހަރުން ފެށިގެން އަންނަނީ އެފްއޭއެމާ ގުޅިގެން ފުޓްބޯޅަ ކޯޗިންގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ސްކޫލުތަކާއި އެހެނިހެން އަންހެން ޓީމުތަކުގައި ވެސް މަސައްކަތްކުރި އެވެ.