29 އޯގަސްޓް 2016 - 16:05

ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ލިބޭ އެލައިޑުގެ "ހަލް އިންޝުއަރެންސް" ފޯރުކޮށްދޭން ޓްރާސްޕޯޓް އޮތޯރިޓީއާ އެކު އެލައިޑުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، ކަނޑުމަތީގެ ހާދިސާތަކުގެ ސަބަބުން ދިމާވާ ގެއްލުން ކުޑަކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ފަށާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ހެދި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒާއި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަބްދުލް ނާސިރު މުހައްމަދެވެ. އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލާއި ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒް އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކަނޑުމަތީގެ ހާދިސާތައް އިތުރުވެފައިވާތީ އެކަމުގެ ސަބަބުން ދިމާވާ ގެއްލުން ކުޑަކުރަން ޓްރާންސްޕޯޓުން ފަށާފައިވާ މަސައްކަތަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ލާބަ އަށް ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް އިތުރުވި ބޮޅެއް ކަމަށް ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އެއްބަސްވުމާ ގުޅިގެން އެލައިޑުން ފޯރުކޮށްދޭ "މެރިން ހަލް ޓޯޓަލް ލޮސް އިންޝުއަރެންސް"ގެ ދަށުން ހާދިސާއެއްގައި އުޅަނދެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ ނަމަ ވެރިފަރާތަށް ލިބޭ މާލީ ނިކަމެތިކަމުގެ ބަދަލު ލިބޭނެ ކަމަށެވެ.
"އަންނަ އަހަރުން ފެށިގެން ހުރިހާ އުޅަނދެއް އިންޝުއަކުރުން ލާޒިމް ކުރާނެ،" ނާފިޒް ވިދާޅުވި އެވެ.
އަމީލް ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން ހަލް އިންޝުއަރެންސް ލާޒިމް ކުރުމާ އެކު ރާއްޖޭގެ ހުރިިހާ ހިސާބަކުން ވެސް މި ސްކީމް ނެގޭނެ ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ އޮންލައިން ސިސްޓަމެއް ތައާރަފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް އަންނަ ޑިސެމްބަރު މަހު ނިންމައި މި ހިދުމަތް ޖެނުއަރީ އެއް ވަނަ ދުވަހު ފެށުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" އަމީލް ވިދާޅުވި އެވެ.
ހަލް އިންޝުއަރެންސްގެ ދަށުން އޮޑިދޯނިފަހަރާއި އޮޑިވެރިޔާ އަށް ކަނޑުމަތީގައި ދިމާވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީން ކޮށްދެ އެވެ. އެގޮތުން، އުޅަނދާއި އޭގެ އާލާތްތައް އަދި ފަޅުވެރިންނާއި ފަސިންޖަރުންނަށް ދިމާވާ ގުދުރަތީ ހާދިސާތަކާއި އެކްސިޑެންޓްތަކާއި މުދާ އަރުވައި ބޭލުމުގައި ލިބޭ ގެއްލުންތަކަށް ބަދަލު ލިބެ އެވެ.