26 މާޗް 2019 - 08:08

މިހާތަނަށް އައިޖީއެމްއެޗާއި ސަރުކާރުން ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއްގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެމުން އައީ މުޅިންހެން ބޭސް ދީގެންނެވެ. އެއީ ގިނަ ބަޔަކު ފަރުވާއަށް ދާން ބޭނުންނުވާ އެއް ސަބަބެވެ. ބޭހުގެ ބަދަލުގައި ނުވަތަ ބޭހާ އެކު ދޭން ޖެހޭ ތެރަޕީގެ ފަރުވާނުދޭތީ އެވެ. ހަމައެއާ އެކު ނަފްސާނީ ބައްޔާ މެދު އުފެދިފައިވާ ކުށްހީތަކާ ވެސް އެކުގަ އެވެ.

ނަފްސާނީ ބަލިތަކުގެ ތެރަޕީ ނަގަން މިހާތަނަށް މުޅިންހެން ޖެހެނީ އަމިއްލަ ކްލިނިކްތަކަށް ދާށެވެ. އެއް ގަޑިއިރުގެ ތެރަޕީ ސެޝަނެއްގެ އަގު އާއްމުކޮށް އުޅެނީ 500ރ. އަށެވެ. ނަފްސާނީ ހާލަތު ދެނެގަތުމަށް ހަދާ އެސެސްމަންޓްތަކުގެ އަގު އުޅެނީ 1،500ރ. އާއި 3،000ރ. އާ ދޭތެރޭ އަގުތަކެއްގަ އެވެ. އެހެންކަމުން ކިތަންމެ ހާލެއްގައި އުޅެން ޖެހުނަސް ގިނަ ބަޔަކަށް އޮތީ އެ ބައްޔަށް ފަރުވާ ހޯދަން ނުކުޅެދިފަ އެވެ.

ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗުގައި އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހުޅުވައިދެއްވިއިރު މިއީ މާޔޫސީ ބައްޔާއި އެކިއެކި ނަފްސާނީ ބަލިތައް ޖެހިފައިވާ އެކި އުމުރުގެ ގިނަ ބަޔަކު އުޅޭ ރާއްޖޭގައި މިހާތަނަށް އެފަދަ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. ހިތުގެ ބައްޔާއި ކިޑްނީގެ ބަލިތަކުގެ އިތުރުން ލޮލުގެ ބަލި ފަދަ ބަލިތަކަށް ހާއްސަ ފަރުވާ ދެވޭ ޑިޕާޓްމަންޓްތައް ހިންގާ ފަދައިން ކުރިއަށް އޮތް ތަނުގައި ނަފްސާނީ ބަލިތަކަށް ވެސް އައިޖީއެމްއެޗުން ފަރުވާ ލިބޭނެ އެވެ. އާސަންދައިގެ ތެރެއިން ހިލެ އެވެ.

މީގެ ކުރިން އާއްމު ޑޮކްޓަރީ ކޮޓަރިތަކުގައި ބަލިމީހުން ބަލަމުން އައި ނަފްސާނީ ޑޮކްޓަރުންނަށް ހާއްސަ ކޮޓަރިތަކެއް އެ ސެންޓަރުގައި ވަނީ ހަދައިފަ އެވެ. އެތަން ފަރުމާކޮށްފައި ހުރީ ބަލި މީހާ އާއި ފަރުވާދޭ ފަރާތަށް ވެސް ހިތްހަމަޖެހޭ ގޮތަކަށެވެ. ހިތްގައިމު ގޮތަކަށެވެ. ކުޑަކުދިން ޝައުގުވެރިވާ އެކިއެކި ކަންތައްތަކާ އެކު ފަރުވާ ދެވޭ ގޮތަަށެވެ.

ސެންޓާ ފޯ މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ހެޑް، އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ޑރ. ޝަނޫހާ މަންސޫރު ވިދާޅުވި ގޮތުގައި އަމާޒަކީ ނަފްސާނީ ސިއްހަތަށާއި ބަލިތަކަށް އެކަށީގެންވާ ފަރުވާއެއް ދިނުމެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ނަފްސާނީ ބަލިތަކަށް ބޭހުން ދޭ ފަރުވާއާ އެކު ތެރަޕީތައް ވެސް ދެވިގެންދާނެ ކަމަށް ޝަނޫހާ ވިދާޅުވި އެވެ.
"ސްކޫލުގައި ކިޔަވާއިރު ނުވަތަ ވަޒީފާގައި އުޅޭއިރު އުނދަގޫވާ ނަމަ ރިހިބިލިޓޭޝަންއަށް ތެރަޕިސްޓުންގެ އެހީތެރިކަން ދެވިގެން ދާނެ. ރިލޭޝަންޝިޕްގައި ދިމާވާ ކަންކަމަށް ވެސް ސައިކޯ ތެރަޕީ އާއި ފަންނީ އެކި ކަހަލަ ތެރަޕީތައް ދެވިގެންދާނެ،" އާ ހިދުމަތްތަކުގެ ތަފްސީލް ދެއްވަމުން ޝަނޫހާ ވިދާޅުވި އެވެ.
ސައިކްލޮޖިކަލް ތެރަޕީތަކުގެ އިތުރުން އެ ސެންޓަރުން ކުރިއަށް އޮތް ތަނުގައި އެސެސްމެންޓްތައް ހެދޭނެ އެވެ. އޭރުން ނަފްސާނީ ބައްޔާއި ހާލަތު ޒަމާނީ ފެންވަރެއްގައި ދެނެގަނެވޭނެ އެވެ.
"އަޅުގަނޑުމެން މިގެންނަ ޓޫލްސްތަކަކީ ވަރަށް އެކިއުރޭޓް އެވިޑެންސް ބޭސްޑް އެއްޗެހި. އެހެންވީމަ ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފެންވަރަށް ޑައިގްނޯސް [ބަލިދެނެގަނެވޭނެ] ކުރެވިގެންދާނެ،" ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޝަނޫހާ ވިދާޅުވި އެވެ.
އާ ސެންޓަރުގެ ހިދުމަތް އިއްޔެ ފެށީ ތިން ސައިކޭޓްރިސްޓުންނާ އެކު އެވެ. ޝަނޫހާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެ އަދަދު ހަތަކަށް އިތުރުކުރައްވާނެ އެވެ. އަދި ތެރަޕީތައް ދިނުމަށް އަށް ސައިކޮލިޖިސްޓުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެތައް ވައްތަރެއްގެ ނަފްސާނީ ބަލިތަކަށް ދިވެހިން ފަރުވާ ހޯދާއިރު އޭގެން ބައެއް ބަލިތަކަށް އެޑްމިޓްކޮށްގެން ހޯދަން ޖެހޭ ފަރުވާ ވެސް ހިމެނެ އެވެ. އެއީ މީހާއަށް ހަގީގަތް އޮޅޭ ހިސާބަށް ދިއުމެވެ. ނުވަތަ އެއްވެސް ވަރަކަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމެވެ.
މިހާރު އައިޖީއެމްއެޗްގައި އެފަދަ ބަލިތަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހާއްސަކޮށްފައި ވަނީ އެންމެ ހަތަރު އެނދެވެ. ޑރ. ޝަނޫހާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އަށް އެނދުގެ ވޯޑެއް ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން ގާއިމްވާނެ އެވެ.
އެ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ފަރުވާއާ އެއްވަރަށް އެކަމަށް އާއްމުން ހޭލުންތެރިކުރުވުން ވެސް މުހިންމެވެ. މިއަދު ދިވެހި މުޖުތަމައުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ފަސްޖެހޭ ސަބަބަކީ އެފަދަ މީހުންނާ މެދު މުޖުތަމައު ދެކޭ ގޮތެވެ. އެއީ މީހާގެ އީމާންތެރިކަން ދަށްވުމުން ނުވަތަ މީހާ ފިނޑިވުމުން ދިމާވާ ކަމެއް ކަމަށް ގަބޫލުކުރާ މީހުން ގިނަ ވުމެވެ.
ނަމަވެސް ހަގީގަތަކީ ސިކުނޑިއަކީ ވެސް ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަކެކޭ އެއް ފަދައިން ތަފާތު ބަލިތައް ޖެހޭ ގުނަވަނަކަށް ވުމެވެ. އެހެންކަމުން އެހެން ބަލިތަކަށް ފަރުވާ ހޯދަން ފަސްނުޖެހޭއިރު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ފަސް ޖެހެންވީ ސަބަބެއް ނެތެވެ.
ޝަނޫހާ ވިދާޅުވީ ސައިކްލޮޖިސްޓުންނާއި ސައިކޭޓްރިސްޓުން ބޭނުންކޮށްގެން އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތް ތަނުގައި ހިންގާނެ ކަމަށެވެ. އަދި ނަފްސާނީ ބަލިތަކަށް ދިގު މުއްދަތެއް ވަންދެން ފަރުވާ ހޯދާ މީހުންގެ ބެލެނިވެރިން ހޭލުންތެރިކުރުވަން ހާއްސަ ޕްރޮގްރާމްތައް ހިންގަން ވެސް ވަނީ ނިންމައިފަ އެވެ.
ނަފްސާނީ ބައްޔަށް ޒަމާނީ ފެންވަރެއްގެ ހިދުމަތް ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އާ ސެންޓަރާ އެކު އެ ހިދުމަތް އިތުރަށް ފުޅާ ވެގެންދާނެ އެވެ.
އެ ސެންޓަރުގެ ހިދުމަތް އަދި ހޯދަން ޖެހެނީ އައިޖީއެމްއެޗްގެ އާއްމު ހިދުމަތްތައް ހޯދާ އުސޫލުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ސެންޓަރުން އެޕޮއިންޓްމެންޓްތައް ހެދޭ ގޮތް ހަމަޖައްސާނެ އެވެ.
މިއީ ނަފްސާނީ ބަލީގެ ނުރައްކާ ބޮޑުވަމުން ދާ ރާއްޖެއަށް ސިއްހީ ގޮތުން އިތުރު ކުރިއެރުމެއް ލިބޭކަމުގެ ހެއްކެކެވެ. ނަފްސާނީ ބަލިތަކަށް ދޭ ފަރުވާ އެހެން ހަރުފަތަކަށް ގެންދިއުމުގެ ދޮރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއްޔެ އެވަނީ ހުޅުވައިފަ އެވެ.