27 މާޗް 2019 - 14:45

ވެރިކަމުގެ 100 ދުވަސް ގުނަމުންދާ އިރު، މިހާތަނަށް އެންމެ ހިތާމަ ކުރައްވާ ނިންމެވުމަކީ ޖަލުގައި ހުރި މީހަކު މިނިވަން ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސައްކަތުގެ 100 ދުވަހާ ގުޅޭ ގޮތުން "މިހާރު" އަށް މިއަދު ދެއްވި ޚާއްސަ އިންޓަވިއުގައި، ރައީސް ވިދާޅުވީ އެކަން ކުރެއްވުނީ މާ އަވަހަށް ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުނު ނަމައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.
ވަކި މީހެއްގެ ނަން ވިދާޅު ނުވެ، ގައިދީއަކު މިނިވަން ކުރެވުމުން ހިތާމަކުރައްވާ ކަމަށް ރައީސް އެ އިޝާރާތް ކުރެއްވީ އެނގިފައިވާ ގޮތުގައި، ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އަށެވެ. އެމްޑީޕީގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ކަން ކުރެއްވި ހޯރަ އިއްބެ މިނިވަންކުރުމުން ރައީސާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.
ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފް ދެވޭ ކުށަކަށް ނުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އަދަބު ލުއިކޮށްދެއްވީ ބާކީ ފަސް އަހަރު އޮއްވަ އެވެ. އަދަބު ލުއިކޮށްދެއްވީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ނޫން އެހެން ހުރިހާ ދުވަހެއް މައާފްވާ ގޮތަށެވެ.
އޭނާ މިނިވަންކުރީ އެމްޑީޕީ މީހަކަށް ވާތީ ކަމަށާއި އެއީ ހަމަހަމަކަމާ އެކު އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވަކާލާތު ކުރައްވާ ވައުދާ ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
"އެއީ، ތަންކޮޅެއް އަވަސްކޮށް ކުރެވުނު ކަމެއް. ޖަލުގައި ހުރި މީހަކު މިނިވަންކުރުން. ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑު އެކަން ކުރީ، އަޅުގަނޑަށް ލިބިފައި އޮތް ބާރުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ކުރެއްވީ ބަންޑާރަ ނައިބާއި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ ލަފާ ހޯއްދަވައި އެގޮތަށް އެދިވަޑައިގަތުމުންނެވެ.
"އެއީ އަޅުގަނޑަަށް ނުކުރެވުނު ނަމޭ ހިތަށް އަރާ އެއް ކަންތައް. އެކަމާ ހިތާމަކުރަން،" އެއީ، ރައްޔިތުން ބޭނުން ނުވާ ގޮތަށް ކުރެއްވުނު ކަމެއް ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން އިއްބެ މިނިވަން ކޮށްފައިވާއިރު އޭނާ އަކީ އެމްޑީޕީ އުފެދި، ސިޔާސީ ޖަލްސާތައް ބާއްވަމުން ދިޔައިރު އެ ޖަލްސާތައް ތައާރަފުކުރުން ފަދަ ކަންކަން ކުރަމުން އައި، މޮޅު ވާހަކަދެއްކުންތެރިއެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެސް އަރިސް ބޭފުޅެކެވެ.
އިއްބެގެ މިހާރުގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރުގެ އުމުރުން 17 އަހަރުގައި އިއްބެ އޭނާއާ ބަދުއަޚުލާގީ އަމަލު ހިންގަނިކޮށް 2012 ގައި ހައްޔަރުކޮށް އޭގެ އެއް އަހަރު ފަހުން ކުށް ސާބިތުވެ ޖަލު ހުކުމް އައުމާ ގުޅިގެން އިއްބެއަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ ކުށްވެރިއެކެވެ.
އިއްބެގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެ ކުއްޖާގެ އުމުރު ހަމަވެ، އޭނާއާ ކުރި ކައިވެންޏަށް 10 މަސް ވީ ފަހުންނެވެ. ދެމަފިރިންނަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ. އިއްބެގެ ފުރަތަމަ އަނބިމީހާ ކެންސަރު ބަލީގައި މަރުވެފައިވާއިރު އެ ކައިވެންޏަށް ވެސް ކުއްޖަކު ހުރެ އެވެ.