ސުޕަ ޗެމްޕިއަންސް ލީގަށް ބޮޑެތި ބާރުތަކުން ތާއީދުކުރޭ
ސުޕަ ޗެމްޕިއަންސް ލީގަށް ބޮޑެތި ބާރުތަކުން ތާއީދުކުރޭ

ޔުއެފާއާ ގުޅިގެން ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ތައާރަފްކުރަން އުޅޭ އާ ކްލަބް ފުޓްބޯޅަ މުބާރާތް "ސުޕަ ޗެމްޕިއަންސް ލީގު" ގެ ހިޔާލަށް ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަބާރުތަކުގެ ތާއީދު އެބައޮތް ކަމަށް އީސީއޭ އާއި ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. ޔޫރަޕްގެ ގަދަ ބާރުތަކުން ދެކޭގޮތުގައި މިއީ ޔޫރަޕްގެ ފުޓްބޯޅަ އާ ހަރުފަަކަށް ގެންގޮސްދޭނެ މުބާރާތެކެވެ.

މިހާރު އާދައިގެ ގޮތަކަށް، ކޮންމެ އަހަރެއްގެ ފަހުކޮޅުގައި ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ނިންމައި، ފުރަތަމަ މުބާރާތް 2021 ވަނަ އަހަރަށް ފީފާއިން ދާދި ފަހުން ތާވަލުކުރިއިރު، އެކަމާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރީ އީސީއޭ އާއި ޔޫރަޕްގެ ފުޓްބޯޅައިގެ ޖަމިއްޔާތަކެވެ.

ޔޫރަޕްގެ ނަން މަޝްހޫރު ފަސް ލީގުގައި ވެސް ގިނަ ޓީމުތަކަށް އެކަށީގެންވާ ވަރުގަދަ މެޗުތަކެއް ނުލިބި ހަމައެކަނި ބޮޑު ވާދައެއްކުރަން އޮންނަ މުބާރާތަކަށް ވެފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގެވެ. އެހެންވެ މާލީ ގޮތުން ގިނަ ފައިދާތަކެއް ހޯދުމުގެ ވިސްނުމުގައި މެމްބަރު ގައުމުތަކުން ވަކިވެ، އަމިއްލަ އަށް ސުޕަ ލީގެއް އުފައްދަން އުޅޭ ކަމަށް ބުނެ، މިދިޔަ އަހަރު އަޑުފެތުރުނު ނަމަވެސް މިހާރު އެ ވާހަކަތައް ވަނީ ހުއްޓިފަ އެވެ.

އަގްނެލީ ވިދާޅުވީ ކޮންމެ ފުޓްބޯޅަ މުބާރާތެއް ވެސް ކުރިއަށް ގެންދެވޭނީ ރަސްމީ އިދާރާތަކާ ގުޅިގެން އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި އެ ގޮތުން ބޭނުންވަނީ ޔުއެފާއާ އެކު އާ މުބާރާތެއް ބާއްވައި ފުޓްބޯޅައިގެ ފޯރި އިތުރަށް ގަދަ ކޮށްލުމަށެވެ.

"މި ވަގުތު މި އަންނަނީ ކުރިމަތީގައި އޮތް ވަރަށް ގިނަ ޕްރޮފޯސަލްތަކެއް ދިރާސާކުރަމުން. މިހާރު މަޝްވަރާތައް ގޮސްފައި އޮތް ހިސާބުން ޔަގީނުންވެސް އެނގޭ ކަމަކީ މި މުބާރާތާ މެދު ގިނަ ފަރާތްތަކުން ޕޮޒިޓިވް،" ޔޫރަޕުގެ 232 ކްލަބް ތަމްސީލްކުރާ އީސީއޭގެ ރައީސް އަގްނެލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ވެސް މި މަސައްކަތަށް ލިބިފައި އޮތް އެންމެ ބޮޑު ކުރިއެރުން އައިސްފައިވަނީ ބޮޑެތި ކްލަބްތަކުގެ އެހީތެރިކަމާ އެކު ކަމަށެވެ.

"ސުޕަ ޗެމްޕިއަންސް ލީގެއް ކުޅެން ރެއާލް މެޑްރިޑް، ބަޔާން މިއުނިކް އަދި ޔުވެންޓަސް ތައްޔާރުު. އަހަންނަށް ޔަގީން އަދި އެތައް ސަތޭކަ ޓީމުން މި މުބާރާތަށް މަރުހަބާކިޔާނެ. ކުޅެން ބޭނުންވާނެ،" އަގްނެލީ ވިދާޅުވި އެވެ.

މިއީ އެއްވެސް ކްލަބެއް ބާކީކުރުމުގެ ވިސްނުމުގައި ކުރާ ކަމެއް ނޫން ކަމަށާއި މަޝްވަރާތަކާއި އެހެން ހުރިހާ ކަމެއް ވެސް ދާނީ ވަރަށް ދެފުށް ފެންނަ ހާމަކަން ބޮޑު އުސޫލެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ބައްދަލުވުންތައް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ފެށި 20 މަސް ދުވަހުގެ ތެރޭގައި ފައިނަލް ޑްރާފްޓެއް ތައްޔާރުކުރެވޭނެ ކަމަށް އަގްނެލީ ވިދާޅުވި އެވެ.

ސުޕަ ޗެމްޕިއަންސް ލީގެއް ވުޖޫދުކުރުމަށް މިހާތަނަށް ވެސް ވަނީ ގިނަ ޕްރޮޕޯސަލްތަކެއް ތައްޔާރުކުރެވިފަ އެވެ. އޭގެ ތެރެއިން މީޑިއާ އަށް ލިބިފައިވާ އަދި މިހާތަނަށް އެންމެ ގިނަ ކްލަބްތަކުން ރުހުން ދީފައިވާ ޕްރޮޕޯސަލަކީ 15 ޓީމުގެ މެދުގައި ކުޅޭ ލީގެއް ތައާރަފް ކުރުމެވެ. މި ލީގު ކުޅެން ރާވާފައިވަނީ ދެ ހަފްތާ އިން އެއް ހަފްތާގައި ހަފްތާ ބަންދު ނޫނީ ހަފްތާ މެދުތެރޭގަ އެވެ. އަދި ވަކި ދުވަސްތަކެއް ކަނޑައެޅުމަށް ނިންމާފައިވަނީ ޓީވީ ރައިޓްސް ވިއްކުމަށް ފަހު ޝެޑިއުލްތަކަށް ބެލުމަށް ފަހު އެވެ.

މުބާރާތް ކުރިއަށްދާ ގޮތަށް ބަލާއިރު ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅުމަށް ފަހު ރެލިގޭޓްވާނީ އެންމެ ފުލަށްދާ ތިން ޓީމެވެ. ރެލިގޭޝަން ޕްލޭއޮފް ކުޅޭނީ ޔޫއެފާ އިން ކަނޑައަޅާ ކޯ އެފިޝަން ރޭންކިންގެ އަށް ބަލައިގެން ކޮލިފައިވާ ޓީމުތަކާ ދެކޮޅަށެވެ.

މި ޕްރޮޕޯސަލާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަނީ އިނގިރޭސި ކްލަބްތަކުންނެވެ. އެއީ ހަފްތާ ބަންދުގެ މެޗުތައް ކުޅުމާއި އަދި ރެލިގޭޓްވާ ގޮތަށް އޮންނަ އުސޫލުގައި ސީދާ ގޮތަކަށް ކޮލިފައިން ކުޅޭނެ ގޮތްތަކެއް ކަނޑައަޅާފައި ނުވާތީ އެވެ. އަދި އިނގިރޭސި ކްލަބްތަކުން ބުނާ ގޮތުގައި ޔުއެފާ ކޯ އެފިޝެެންޓް ރޭންކިންގެ ކަންތައްތައް ބެލެވިފައި އޮންނަނީ އަހަރުތަކަކަށް ބަހާލައިގެން ކަމަށާއި ކޮލިފިކޭޝަން ފަދަ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނީ އަހަރުން އަހަރަށް އަޕްޑޭޓްވާ ސިސްޓަމެއްގެ ތެރެއިން ކަމަށެވެ.

ސްޕެއިނުގެ ގަދަބާރު ބާސެލޯނާގެ ކަންބޮޑުވުން އޮތީ ހަފްތާ ބަންދުގައި މެޗުތައް ކުޅޭ ހިޔާލާ މެދުގަ އެވެ. ބާސެލޯނާ އިން ބުނެފައިވަނީ ޔޫރަޕްގެ މުބާރާތެއް ހަފްތާ ބަންދުގައި ކުޅުމަކީ ގައުމުތަކުގެ ނެޝަނަލް ލީގުތަކަށް ވަރަށް ބޮޑަށް ގެއްލުންވާނެ ސަބަބެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އީސީއޭ އަށް މިހާރު ސުޕަ ޗެމްޕިއަންސް ލީގު ކުރިއަށް ގެންދިއުމަށް ލިބިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ޖަމިއްޔާ އިން މިހާރު ޝޯޓްލިސްޓު ކޮށްފައިވަނީ ހަތަރު ޕްރޮޕޯސަލެކެވެ. ދެން މަޝްވަރާކުރާނީ އޭގެ ތެރެއިން އެންމެ ރަނގަޅު ފޯމެޓެއް ކަނޑައެޅުމަށެވެ.