29 މާޗް 2019 - 12:31

ކްރައިސްޗާޗް (މާޗް 29 - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި ދިން ބަޑީގެ ހަމަލާގައި ބޮޑު ވަޒީރު ޖަސިންޑާ އާޑާން މުސްލިމުންނާ މެދު ބެހެއްޓެވި އޯގާތެރި ކަމަށްޓަކައި އެކަމަނާ އަށް މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ހައްގުވާ ކަމަށް ބުނެ ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޕެޓިޝަން ތައްޔާރު ކުރުމުގެ މަސައްކަތް ފެށީ ފްރާންސްގެ ބަހުގެ އިލްމުވެރިއެއް ކަމަށްވާ އަދި ހައުސް އޮފް ވިޒްޑަމްގެ ބާނީ ޑރ. ކާލް ޓޮރަބުލީ އެވެ.
"ކްރައިސްޗާޗުގައި ދިމާވި ހިތާމަވެރި ހާދިސާ އަށް ފަހު އާޑާންގެ ފަރާތުން ލިބުނު ސުލްހައިގެ އިޖާބަ އަށްޓަކައި އަޅުގަނޑުމެން އެދެނީ މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް އެކަމަނާ ހުށަހަޅަން،" ޓޮރަބުލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރައިސްޗާޗް ބޮމުގެ ހަމަލާ އަށް ފަހު އާޑާން ވަނީ އެންމެ ނިކަމެތި މީހާއާ ހަމައަށް ވެސް ހާސިލްވެވަޑައިގެންފައި ކަމަށެވެ. އަދި މިއީ އެހެން ގައުމުތަކުގެ ވެރިންގެ ކިބައިން މަދުން ފެންނަ ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަނާ ވަނީ ދުނިޔެ އަށް ލޯތްބާއި އުއްމީދު ގެނެސްދެއްވާފައި. ދުނިޔެ އަށް ބޭނުން ވަނީ އެކަހަލަ ލީޑަރުން،" ޓޮރަބުލީ ވިދާޅުވި އެވެ. "އެކަމަނާ ވަނީ ދުނިޔޭގެ ސުލްހަ އަށް މުހިންމު ފިޔަވަޅެއް އަޅުއްވާފައި."
މިސްކިތުގައި ދިން ހަމަލާ އަށް ފަހު އާޑާން ވަނީ އެއީ ނިއު ޒީލެންޑަށް ކުރިމަތިވި އެންމެ "ކަޅު ދުވަސް" ކަމަށް ވިދާޅުވެފަ އެވެ. އެކަމަނާ ވަނީ އެ ގައުމުގައި މިލިޓަރީ ސްޓައިލުގެ ސެމީ-އޮޓޮމެޓިކް ހަތިޔާރު މަނާކޮށްފަ އެވެ.
ބަޑީގެ ހަމަލާ އަށް ފަހު އާޑާން ކަންތައް ކުރެއްވި ގޮތުން ދުނިޔޭގެ އެތައް މުސްލިމުންނެއްގެ ލޯބި އެކަމަނާ ވަނީ ހޯއްދަވައިފަ އެވެ.