ސޯލްޝެއާގެ ޓާގެޓަކީ ލީގު ކާމިޔާބުކުރުން
ސޯލްޝެއާގެ ޓާގެޓަކީ ލީގު ކާމިޔާބުކުރުން

މެންޗެސްޓާ (މާޗް 30) - މެންޗެސްޓާ ޔުނައިޓެޑާ ދާއިމީކޮށް ހަވާލުވެ އެންމެ ބޮޑަށް ހާސިލްކުރަން ބޭނުންވާ ކަމަކީ އިނގިރޭސި ޕްރިިމިއާ ލީގު ކާމިޔާބުކުރުން ކަމަށް އެ ޓީމުގެ ކޯޗު ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން އެއްވަރުވެ، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑާ ހަވާލުވުމަށް ފަހު ސޯލްޝެއާ ވަނީ ޖެހިޖެހިގެން ހަ މެޗުން މޮޅުވެފަ އެވެ. މިއާ އެކު އޭނާ ވެފައިވަނީ ޔުނައިޓެޑާ ހަވާލުވެ ފުރަތަމަ ހަ މެޗުން އެ ޓީމު މޮޅުކޮށްދިން ފުރަތަމަ ކޯޗެވެ. މި ސަބަބުތަކާ ހުރެ ޔުނައިޓެޑުން ވަނީ މިހާރު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސޯލްޝެއާ ބުނީ އޭނާ އަށް ކްލަބުން ކުރި އިތުބާރުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ދެވުނު ކަަމަށާއި މިހާރު އަމާޒަކީ ކޯޗެއްގެ ގޮތުގައި ވެސް އެކަން ކޮށްދިނުން ކަމަށެވެ.

"އަލުން ޕްރިމިއާ ލީގުގެ ތަށި އުފުލާލުން އެއީ އަމާޒަކީ. އެއީ އަހަރެމެން އަބަދުވެސް ޝަރަފުވެރިކަމާ އެކު ކުރާ ކަމެއް. އަލުން އެކަން ހާސިލްކުރަން މާ ގިނަ އަހަރުތަކެއް މަޑުކުރަން ނެތިން. އަހަރެމެން މި ވަގުތު މި އޮތީ ވަރުގަދަ ޓީމުތަކާ 18 ޕޮއިންޓް ފަހަތުގައި. މި ފަރަގު އެހެން ހުރެފައި ނައްތާ ނުލެވޭނެ. މީގެ ވިސްނުން ތެރިކަމާ އެކު ތައްޔާރުވެ މަސައްކަތްކުރުން އޮތީ،" ޔުނައިޓެޑާ އެކު ހޭދަކުރި 11 އަހަރުގައި ހަ ފަހަރު ލީގު ކާމިޔާބުކުރި ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ އަކީ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރި ފަހުން އެ ޓީމާ ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަވާލުވި ހަތަރު ވަނަ ކޯޗެވެ. މީގެ ކުރިން އެ ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ ޑޭވިޑް މޮއިސް، ލުއީ ވެން ހާލް އަދި ހޯސޭ މޮރީނިއޯ އެވެ. ރަޔާން ގިގްސް މަސައްކަތްކުރީ މޮއިސް ވަކިކުރި ސީޒަނުގައި ވަގުތީ ގޮތުންނެވެ. އެންމެ ފަހުން ޔުނައިޓެޑުން ލީގު ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ. އެއީ ފާގަސަން ހުރިއިރު އެވެ.

ޔުނައިޓެޑްގައި ކުރިން ހުރި ކޯޗުން ވަނީ ކުޅުންތެރިން ހޯދަން ގިނަ ހަރަދުތަކެއް ކޮށްފަ އެވެ. އޭގެ ގޯސް އަސަރު ޓީމަށް އަންނަނީ ކުރަމުންނެވެ. ސޯލްޝެއާ ބުނީ ޓީމާ ހަވާލުވުމަށް ފަހު ފުރަތަމަ ދުވަހުން ފެށިގެން ވެސް ކްލަބްގެ މުސްތަގުބަލާ ޓީމު އިތުރަށް ވަރުގަދަކުރާނެ ގޮތްތަކާ ބެހޭގޮތުން ޓީމުގެ ވެރިންނާއި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

"މި ޓީމު ވަރުގަދަކުރަން ކުރަންޖެހޭ ކަންތައް އަހަންނަށް އެނގޭ. ޓީމަށް އެބަ ބޭނުންވޭ ކުޅުންތެރިން. އަހަރެމެން ހަރަދުކުރާނަން. އެކަމަކު އެކަން ކުރާނީ ވަރަށް ވިސްނުންތެރިކަމާ އެކު މުޅި ޓީމުގެ މަސްލަހަތަށް ވިސްނާފައި،" ޔުނައިޓެޑަށް 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދޭން ފައިނަލުގައި ބަޔާން މިއުނިކް ކޮޅަށް ތާރީހީ ގޯލު ކާމިޔާބު ކޮށްދިން ސޯލްޝެއާ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އިން އަންނަނީ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ޑޭވިޑް ޑެހެއާ އަދި މާކަސް ރެޝްފޯޑަށް ފާރަލަމުންނެވެ. ސޯލްޝެއާ ބުނީ އޭނާގެ ޕްލޭނުގައި ހިމެނޭ އެއްވެސް ކުޅުންތެރިޔަކު ކްލަބް ދޫކޮށްނުލާނެ ކަމަށެވެ.

ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި ވާދަކުރަމުން އަންނަ ޔުނައިޓެޑް މިރޭ މާލެ ގަޑިން 8 ޖަހާއިރު ނުކުންނާނީ އަމިއްލަ ދަނޑުގައި ވެޓްފޯޑާ ދެކޮޅަށެވެ.