01 އެޕްރީލް 2019 - 07:31

މިއުޒިކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ކަމަށްވާ އެމެރިކާގެ ކުރީގެ ލެޖެންޑް އެލްވިސް ޕްރިސްލީ ތަރިއަކަށް ހަދައިދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި އޭނާގެ މެނޭޖަރު ކާނަލް ޓޮމް ޕާކާގެ ބައޮގްރަފިކަލް ޑްރާމާ، ކުޅަދާނަ އެކްޓަރު ޓޮމް ހޭންކްސް އަށް ހުށަހަޅައިފި އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ވޯނާ ބްރަދާޒް އިން ހަދާ މި ފިލްމުގެ ނަން އަދި އިއުލާންކޮށްފައި ނުވާ އިރު، ފިލްމު ޑައިރެކްޓްކުރާނީ "މޫލިން ރޫޖް" އާއި "ދަ ގްރޭޓް ގެޓްސްބީ" ފަދަ ފިލްމުތައް ގެނެސްދިން އޮސްޓްރޭލިއާގެ ޑައިރެކްޓަރު ބާޒް ލާމަން އެވެ.
ފިލްމުގެ ސްކްރިޕްޓް ހަވާލުކޮށްފައި ވަނީ ކްރެއިގް ޕިއާސްއާ އެވެ.
ފިލްމުގައި ޕްރިސްލީގެ ރޯލް ކުޅުވަން ހަމަޖެހިފައި ވަނީ އާ އެކްޓަރަކު ލައްވަ އެވެ. އަދި އެ ރޯލަށް އެކްޓަރަކު ހޯދަން މިހާރު އަންނަނީ އަތްފުނާ އަޅަމުންނެވެ. ހޭންކްސް ކުޅޭނީ މެނޭޖަރު ޕާކާގެ ރޯލެވެ.
އޭނާއަކީ ވަރަށް ޒުވާން އުމުރުގައި ޕްރިސްލީގެ ލަވަކިޔުމުގެ ހުނަރު ފެނިގެން އޭނާ ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، ޕްރިސްލީގެ ކެރިއަރުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއްވާ މީހެކެވެ. އޭގެ ތެރޭގައި އާރްސީއޭއާ އެކު ހެދި ރިކޯޑް ޑީލާއި ޕްރިސްލީގެ އެކްޓިން ކެރިއަރު ވެސް ފާހަގަކޮށްލެވެ އެވެ.
އުމުރުން އެންމެ 42 އަހަރުގައި ޕްރިސްލީ މަރުވީ 1977 ގަ އެވެ. ކާނަލް ޕާކާ މަރުވީ 1997 ގަ އެވެ.
ޕާކާގެ ވާހަކަ ކިޔައިދޭ ފިލްމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން ރޭވި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މި ފިލްމަށް ހޭންކްސް އެއްބަސްވެއްޖެ ނަމަ. ފިލްމަށް ކުރެވޭ އުންމީދުތައް ވެސް އެތައް ގުނައަކަށް ބޮޑުވެގެން ދާނެ އެވެ. އޭނާއަކީ މީގެ ކުރިން ވެސް ޝަހުސިއްޔަތްތަކުންގެ ރޯލް ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރެކެވެ. އޭގެ ތެރޭގައި "އެޕޯލޯ 13" ގައި ކުޅުނު އެސްޓްރޮނޯޓް ޖިމް ލޮވެލްގެ ރޯލާއި "ދަ ޕޯސްޓް" ގައި ކުޅުނު ވޮޝިންޓަން ޕޯސްޓްގެ އެޑިޓަރު ބެން ބްރެޑްލީގެ ރޯލާއި "ކެޕްޓަން ފިލިޕްސް" ގައި ކުޅުނު ކެޕްޓަން ރިޗަޑް ފިލިޕްސްގެ ރޯލްގެ އިތުރުން "ސަލީ" ގައި ކުޅުނު ޕައިލެޓް ޗެޒްލީ ސަލެންބާގާގެ ރޯލް ފާހަގަކޮށްލެވެ އެވެ.
އޮސްކާ ވެސް ހާސިލުކޮށްފައިވާ ހޭންކްސް، 62، ގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ނޮވެމްބަރު 22 ގައި ރިލީޒް ކުރާ "އަ ބިއުޓިފުލް ޑޭ އިން ދަ ނޭބަހުޑް" އެވެ.