31 މާޗް 2019 - 10:50

ޒުވާން ބޮޑީބޯޑަރުން އުފެއްދުމުގެ ވިސްނުމާ އެކު އެ ކުޅިވަރު ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން ތިން ސަރަހައްދެއްގައި މުބާރާތް ބޭއްވުމަށް ރާއްޖެ ބޮޑީބޯޑިން އެސޯސިއޭޝަނުން ނިންމައިފި އެވެ.

މި އަހަރު ބާއްވާ މުބާރާތްތަކުގެ ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ސީސްޕޯޓްސް އެވެ. ސީ ސްޕޯޓްސްއާ އެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު، މި އަހަރުގެ އެންމެ ފުރަތަމަ މުބާރާތް "އެލައިސް 2019" އޮންނާނީ މި މަހު 5 އާއި 6 ވަނަ ދުވަހު ޏ. ފުވައްމުލަކުގަ އެވެ.
ސީސްޕޯޓްސްގައި އިއްޔެ އޮތް ރަސްމިއްމިޔާތުގައި ސްޕޮންސާޝިޕް އެއްބަސްވުމުގައި ރާއްޖެ ބޮޑީބޯޑިންގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. އަދި ސީސްޕޯޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އަހުމަދު ފައުޒާން އެވެ.
މިދިޔަ އަހަރު ވެސް ފުވައްމުލަކުގައި މި މުބާރާތް ބޭއްވިއިރު، މި ފަހަރުގެ މުބާރާތުގައި 18 އަހަރުން ދަށަށް ހާއްސަކޮށް ކުދިންނަށް ބޮޑީބޯޑިން އިން އިތުރު ތަމްރީންތަކެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. ފުވައްމުލަކުގެ އިތުރުން ދެން ރާއްޖެ ބޮޑީބޯޑިން އިން މި އަހަރު އިތުރު ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވަނީ ލ އާއި ރ އަތޮޅުގަ އެވެ.
ކުޑައައްޔަ ބުނީ ޒުވާން ހުނަރުވެރި ކުދިންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ރާއްޖެ ބޮޑީބޯޑިން އިން ވަރަށް އިސްކަންދޭނެ ކަމަށާއި ފުވައްމުލަކުގެ އިވެންޓުން ހުނަރުވެރި ކުދިން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ރާއްޖޭގެ ބޮޑީބޯޑިން އެތުލީޓުން ފަހަކަށް އައިސް އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. އެ ގޮތުން މި އަހަރު މެލޭޝިއާގެ ޓިއޮމަން ސާފް ފެސްޓިވަލުގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ކުޑައައްޔަ އަދި ދެ ވަނަ މަގާމް ރާއްޖޭގެ އަލީ ޖާވީދު (ޖާއްޓެ) ވަނީ ހޯދައިފަ އެވެ. އަދި މީގެ ކުރިން ކުޑައައްޔަ ވަނީ 2016 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި ކުއިކްސިލްވާ ޗެރަޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ މުބާރާތުގެ ދެ ވަނަ މަގާމް މުހައްމަދު އަސްވާން ހޯދިއިރު ތިން ވަނަ އަކީ ޖާއްޓެ އެވެ.
ރާއްޖެ ބޮޑީބޯޑީންއިން ރާވާހިންގާ މި މުބާރާތްތައް ކުރިއަށްދަނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން އަދި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އެހީތެރިކަމާ އެކުގަ އެވެ.
ސިނަމާލެ ބްރިޖް ހެދުމުގެ މަސައްކަތަށް ރާޅުގަނޑު ސަހަރައްދު ބަންދުކުރުމުން ރާޅާ އެޅުމުގެ ހަރަކާތްތައް ހުއްޓުނެވެ. އޭގެ ސަބަބުން ރާޅާ އެޅުންތެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެކަމަކު އަލުން އެ ސަރަހައްދުގައި ރާޅާ އެޅޭ ގޮތަށް ހަމަޖެއްސުމުން މިހާރު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އަލުން އެ ތަނުގެ ބޭނުން ހިފައި ރާޅާ އަޅަމުންނެވެ.