30 އޯގަސްޓް 2016 - 16:10

ބްރެސަލްސް (އޮގަސްޓް 30) - އެޕަލް ކުންފުނިން ޓެކްސްގެ ގޮތުގައި 13 ބިލިއަން ޔޫރޯ (14.3 ބިލިއަން ޑޮލަރު) ދައްކަން ޖެހޭ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ނިންމައިފި އެވެ.
ތިން އަހަރު ދުވަހަށް ދެމިގެން ދިޔަ ތަހުގީގަށް ފަހު ކޮމިޝަނުން ނިންމާފައި ވަނީ އެމެރިކާގެ ކުންފުންޏަށް އަޔަލެންޑުން ލިބުނު ޓެކްސްގެ ލުއިތަކަކީ ގާނޫނީ ގޮތުން ހުއްދަ އެއްޗެއް ނޫން ކަމަށެވެ. ކޮމިޝަނާ މާގްރެތު ވެސްޓެގާ ވިދާޅުވީ އީޔޫގެ މެންބަރު ގައުމުތަކުން ވަކިވަކި ކުންފުނިތަކަށް ޓެކްސްގެ ލުއިތައް ނުދެވޭނެ ކަމަށެވެ.
"ކޮމިޝަނުގެ ތަހުގީގުން އެނގިފައި ވަނީ އަޔަލެންޑުން އެޕަލް އަށް ޓެކްސްގެ ނާޖާއިޒް ލުއިތައް ދީފައިވާކަން. އެހެން ވިޔަފާރިތަކަށް ވުރެ ލުއި ޓެކްސްއެއް އެޕަލް އިން ދައްކާފައި ވަނީ،" ކޮމިޝަނާ ވެސްޓެގާ ވިދާޅުވި އެވެ.
ކޮމިޝަނުގެ ނިންމުން އިސްތިއުނާފް ކުރުމަށް އަޔަލެންޑުން ވަނީ ނިންމައިފަ އެވެ. އަޔަލެންޑުގެ މާލީ ވަޒީރު މައިކަލް ނޫނަން ވިދާޅުވީ ކޮމިޝަނުގެ ނިންމުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށެވެ.
"ކޮމިޝަނުގެ ނިންމުން އިސްތިއުނާފް ކުރުމަށް ކެބިނެޓުގެ ރުހުން ހޯދާނަން. މިއީ އަޔަލެންޑުގެ ޓެކްސް ނިޒާމުގެ އަގު ހިފެހެއްޓުމުގެ ގޮތުން ވެސް ކުރަން ޖެހޭ ކަމެއް. ވިޔަފާރިތަކަށް ޓެކްސްގެ ޔަގީންކަން ހޯދައިދިނުމަށް ވެސް ކުރަން ޖެހޭ ކަމެއް،" ނޫނަން ވިދާޅުވި އެވެ.
ކޮމިޝަނުގެ ނިންމުން އެޕަލް އިން ވެސް އިސްތިއުނާފް ކުރާނެ ކަމަށް ބެލެވެ އެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ކުރިން ވިދާޅުވެފައި ވަނީ އިންސާފުވެރިކޮށް މައްސަލަ ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނޫން ނަމަ މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.
އެޕަލްގެ މަރުކަޒެއް ވަނީ އަޔަލެންޑުގެ ދެކުނުގެ ކޯކުގައި 1980 ވަނަ އަހަރު ގާއިމްކޮށްފަ އެވެ. އަދި އެޕަލްގެ 5،000 މުވައްޒަފުން އަޔަލެންޑުގައި ވަޒީފާ އަދާކުރެ އެވެ.