30 އޯގަސްޓް 2016 - 16:26

ރާއްޖެ އަށް އެތެރެކޮށް ވިއްކާ ޖަރުމަނުގެ ޑަޔަމެންޓް ބްރޭންޑުގެ ލިކުއިޑް ސްވީޓްނާގެ ބައެއް ފުޅީގެ ކުލަ އާއި ވަސް ބަދަލުވެފައިވާކަން ފާހަގަ ކުރެވިފައިވާތީ އެ ބޭނުން ނުކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
އެ ތަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ފަދަ އަސްލު ގެއްލިފައިވާ ކާބޯތަކެތި ބޭނުން ކުރުމަކީ އާއްމު ސިއްހަތަށް ނުރައްކާވެދާނެ ކަމެކެވެ. އެހެންވެ، މި ފުޅިތައް ބާޒާރުން ނަގައި ނައްތާލުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"ވީމާ މި ތަކެތި ވިއްކަން ބެހެއްޓުމާއި ހިލޭ ބެހުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، މި ވައްތަރުގެ ސްވީޓްނާ ފުޅި ރަނގަޅަށް ޗެކުކޮށް، ކުލަ ބަދަލުވެފައި ވާ ނަމަ ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން އިލްތިމާސް ކުރެ އެވެ.
އާއްމު ގޮތެއްގައި ލިކުއިޑް ސްވީޓްނާ ބޭނުން ކުރަނީ ހަކުރު ބަލި ހުންނަ މީހުންނެވެ.