03 އެޕްރީލް 2019 - 14:41

މިދިޔަ ތިން މަހު ދައުލަތުގެ އާމްދަނީ 6.1 ބިލިއަން ރުފިޔާ އަށް އެރިއިރު ހޭދަކުރި މިންވަރު 5.1 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާ އަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބުނު އާމްދަނީއަށެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޓެކްސް ނޫން އެހެން އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ހިލޭ އެހީގެ ގޮތުގައި 389 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ ފެބްރުއަރީ މަސް ނިމުނު އިރު ދައުލަތަށް ލިބުނު އާމްދަނީ ހުރީ 4.1 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
ދައުލަތުން ހަރަދުކުރި މިންވަރަށް ބަލާއިރު އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ ރިކަރެންޓް ހަރަދަށެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި މިހާތަނަށް 4.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މަޝްރޫއުތަކަށް މިހާތަނަށް ހަރަދުކުރެވިފައި ވަނީ 999 މިލިއަން ރުފިޔާ އެވެ.
މި އަހަރުގައި ހިންގާ ތަފާތު މަޝްރޫއުތަކަށް 8.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން ހަތް ބިލިއަނަކީ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކަށެވެ.
މިފާއިތުވެދިޔަ ތިން މަސް ދުވަހު ދައުލަތުން ލޯނުތަކަށް 315 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ސޮވެރިން ޑިވެޕޮލްމެންޓް ފަންޑަށް 248 މިލިއަން މިހާތަނަށް ޖަހާކޮށްފައިވެ އެވެ.