05 އެޕްރީލް 2019 - 15:14

ދާއިރާގެ ރައްޔިތުންނާ ގުޅުންބަދަހިކޮށް ބިލްތަކަށް ހިޔާލު ހުށަހެޅޭނެ ގޮތް ފަހިކޮށްދިނުމަށް، ގަލޮޅު އުތުރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަމްޒާ ހަލީލް "އަހަރެމެން" ނަމުގައި މޮބައިލް އެޕްލިކޭޝަނެއް މިއަދު ލޯންޗުކޮށްފި އެވެ.

ޓީވީއެމުން ގެނެސްދިން މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން، ކެންޑިޑޭޓް ނަންބަރު 3، ހަމްޒާ ވަނީ ރައްޔިތުންނާއި އެ ދާއިރާގެ މެމްބަރާ ދޭތެރޭ އޮންނަ ގުޅުން ބަދަހިކުރަން އެޕްލިކޭޝަނެއް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެއީ ކެމްޕެއިންގައި ހަމްޒާ ދެއްކެވި ވާހަކަތަކާ ގުޅިގެން އިޝާމް ފާރޫގު ނަމަކަށް ކިޔާ މީހަކު އޭނާއަށް ހަދިޔާކުރި އެޕްލިކޭޝަނެކެވެ.

މިވަގުތު ހަދާފައިވަނީ އެންޑްރޮއިޑް އެޕްލިކޭޝަން އެކަންޏެވެ. ނަމަވެސް އައިއޯއެސް އެޕްލިކޭޝަން ވަރަށް އަވަހަށް ލޯންޗުކުރާނެ ކަމަށް ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވިގޮތުގައި އެ އެޕްލިކޭޝަން މެދުވެރިކޮށް މެމްބަރަށް މެސެޖުކޮށް ވާހަކަދެއްކޭނެ އެވެ. އަދި އެއީ ދާއިރާގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގޭނެ އެޕްލިކޭޝަނެއް ކަމަށް ވިދާޅުވި އެވެ.
"އެ އެޕްލިކޭޝަނަކީ މިއަދުން ފެށިގެން މަޖިލީހަށް ކުރިމަތިލާ ފަރާތްތަކާ ދާއިރާގެ ރައްޔިތުންނާ އޮންނަ ގުޅުން، އޮންނަންޖެހޭ ދަރަޖައަށް ގެންގޮސްދޭނެ އެޕްލިކޭޝަނެއް،" ހަމްޒާ ވިދާޅުވި އެވެ.
އަހަރެމެން އެޕްލިކޭޝަންގައި ރަޖިސްޓާވާން ޖެހޭނީ ފޯނު ނަމްބަރު ޖަހައިގެންނެވެ. ކުރިއަށް އޮތް ތަނުގައި އެޕްލިކޭޝަން އިތުރަށް ފުރިހަމަކުރާނެ ކަމަށް އެ އެޕްލިކޭޝަން ތައްޔާރުކުރި އިޝާމް ބުންޏެވެ.
އޭނާ ބުނިގޮތުގައި މަޖިލީހުގައި ކަންކަން ނިންމުމުގައި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތެއް މިހާރު ނޯވެ އެވެ. އެހެންވެ އެކަންކަމުގައި ހިޔާލާއި މަޝްވަރާކުރުމުގެ އިތުރުން ގާނޫނުތައް ވެސް ބެލޭނެ ގޮތް ހަމަޖައްސާފައިވާނެ ކަން ފާހަގަކުރި އެވެ.
"ރައްޔިތުންނަށް އުނދަގޫ ކަންތައްތައް އެ މެމްބަރެއްގެ ސަމާލުކަމަށް ގެނެވޭނެ. ކަމަކާ ގުޅޭގޮތުން ހިޔާލެއް ހުށަހަޅަންޏާ ވެސް، މިސާލަކަށް ވަކި މުއްދަތެއް ލިބޭނީ އެ ހިޔާލު ހުށަހަޅަން. އަދި ހިޔާލު ހުށަހަޅަމުންދާ ވަރަކަށް އާއްމުންނަށް ހުންނާނެ އެ ހިޔާލުތައް ފެންނަން ވެސް،" އިޟާމް ބުންޏެވެ.