ރާއްޖޭގައި އިންޑިއާ ޓޫރިސްޓަކު މަރުވި މައްސަލައެއްގައި ބޮޑެތި ތުހުމަތުތަކެއް
ރާއްޖޭގައި އިންޑިއާ ޓޫރިސްޓަކު މަރުވި މައްސަލައެއްގައި ބޮޑެތި ތުހުމަތުތަކެއް

ހަނީމޫނަށް ރާއްޖޭގެ ރިސޯޓަކަށް އައިސް އުޅެނިކޮށް 2016 ވަނަ އަހަރު އިންޑިއާ ފިރިހެނަކު، ޑޮކްޓަރުގެ އިހުމާލުން މަރުވި ކަމަށް ބުނާ މައްސަލައެއްގައި ބޮޑެތި ތުހުމަތުތަކެއް ކުރާތީ، އެ މައްސަލަ އިތުރަށް ބެލުމަށް ހާއްސަ ކޮމިޓީއެއް އުފައްދަން އިންޑިއާގެ ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ޗީފް ޖަސްޓިސް ރަޖެންދުރަ މެނަން އާއި ޖަޖް އޭ ޖޭ ބަމްބާނީ މި އަމުރު އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަށް ނެރުއްވީ މަރުވި މީހާގެ ޕޯސްޓްމޯޓަމާއި ފޮރެންސިކް ތަހުލީލްކުރި ލެބޯޓަރީގައި މި ތަހުލީލުތައް ކުރުމަށް ބޭނުންކުރި ވިސެރާ ސާމްޕަލްސް (ހިތާއި ކިޑްނީ ފަދަ އެތެރެ ހަށީގެ މުހިންމު ގުނަވަންތަކުގެ ސާމްޕަލް) މިހާރު ފެންނަން ނެތް ކަމަށާއި ހުރީ ހަމައެކަނި ޓިޝޫ ސާމްޕަލްތައް ކަމަށް މަހާރަޝްތުރާގެ ސަރަހައްދީ ސަރުކާރުން ކޯޓަށް އެންގުމުންނެވެ.

ތަހުލީލުތައް ކުރި ފޮރެންސިކް ލެބޯޓަރީން ކޯޓުގައި ބުނެފައި ވަނީ ވިސެރާ ސާމްޕަލްތައް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ ހިސާބަށް ވެސް ހުރި ކަމަށެވެ. އޭގެ ފަހުން އެ އެއްޗެހި ގެއްލުމުން ޕޮލިހަށް ވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މަރުވި މީހާގެ ބައްޕަ ތުހުމަތުކުރާ ގޮތުގައި އޭނާގެ ދަރިފުޅު މަރުވީ ވިލު ރީފް ރިސޯޓްގައި އުޅެނިކޮށް ކާނާ ވިހަވެގެން ފަރުވާ ދިން ޑޮކްޓަރުގެ އިހުމާލުންނެވެ. އަދި އިންޑިއާގެ ޕޯސްޓް މޯޓަމް ހެދި ޖޭޖޭ ހޮސްޕިޓަލުން ވެސް އެކަން ކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށާއި ދޫކުރި ރިޕޯޓަކީ ވެސް ހަގީގަތާ އެއްގޮތަށް ހަދާފައިވާ ރިޕޯޓެއް ނޫން ކަމަށް ތުހުމަތުކުރެ އެވެ.

އޭނާ ބުނަނީ ކާނާ ވިހަވެގެން ޑޮކްޓަރަށް ދެއްކުމުން ދިނީ ބަނޑުގެ މައްސަލަތަކަށް ދޭ ބޭސްތަކެއް ކަމަށާއި އެއް ވަގުތެއްގައި ބޭނުންކޮށްގެން ނުވާނެ ބޭސްތަކެއް އެއްފަހަރާ ދިން ކަމަށެވެ. މީގެ އިތުރުން، ބޭސް ދިނީ މަރުވި މީހާގެ މެޑިކަލް ހިސްޓްރީ ވެސް އޮޅުން ނުފިލުވާ ކަމަށާއި ލޭގެ ޕްރެޝަރު މައްޗަށް ދާން ފެށުމުން ވެސް އިމަޖެންސީގައި އެއްވެސް ފަރުވާއެއް ދީފައި ނުވާ ކަމަށް ތުހުމަތުކުރެ އެވެ.

މި ތުހުމަތުތައް ކޮށް، މަރުވި މީހާގެ ބައްޕަ މީގެ ކުރިން ވަނީ ޑޮކްޓަރާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު އެ ހުށަހެޅުން މިދިޔަ އަހަރު ވަނީ އިންޑިއާގެ ކޯޓަކުން ބާތިލްކޮށްފަ އެވެ.