ހާޓް ޓޮރިނޯ އަށް، ގަބިގޯލް އިންޓަ އަށް
ހާޓް ޓޮރިނޯ އަށް، ގަބިގޯލް އިންޓަ އަށް

މިލާން (އޮގަސްޓް 31) - މެންޗެސްޓާ ސިޓީގެ އިނގިރޭސި ގޯލްކީޕަރު ޖޯ ހާޓް ލޯނެއްގެ ދަށުން އިޓަލީގެ ޓޮރިނޯއާ ގުޅުނުއިރު ބްރެޒިލްގެ އުއްމީދީ ފޯވާޑް ގެބްރިއަލް ބަރްބޯސާ (ގަބިގޯލް) އިންޓަ އަށް ސޮއިކޮށްފި އެވެ.

ހާޓް ޓޮރިނޯ އަށް، ގަބިގޯލް އިންޓަ އަށް
ހާޓް ޓޮރިނޯ އަށް، ގަބިގޯލް އިންޓަ އަށް

އިންގްލެންޑާއި ސިޓީގެ އެއް ވަނަ ކީޕަރަށް އެ ޓީމުން ޖާގަ ގެއްލުނީ އާ ކޯޗު ޕެޕް ގާޑިއޯލާގެ ޕްލޭނުގައި އޭނާ ނުހިމެނޭތީ އެވެ. ކްލަބް ދޫކޮށްލުމުގެ ހުއްދަ ހާޓަށް ދިނުމުން އޭނާ މިހާރު ވަނީ ޓޮރިނޯއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

އަދި އޭނާ ވަނީ އިންގްލެންޑް ކޯޗުގެ ހުއްދައާ އެކު ކޭމްޕްދޫކޮށް އިއްޔެ އިޓަލީ އަށް ގޮސްފަ އެވެ. އޭނާ ޓޮރިނޯގެ ޖާޒީއާ އެކު ހުރި ފޮޓޯތައް އިޓަލީ ނޫސްތަކުގައި ވަނީ ޖަހައިފަ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އަންނަ އާދީއްތަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅެން އެނބުރި ގައުމީ ޓީމާ ގުޅޭނެ އެވެ.

ހާޓުގެ ބަދަލުގައި މެންޗެސްޓާ ސިޓީން ވަނީ ބާސެލޯނާގެ ޗިލީ ކީޕަރު ކްލައިޑިއޯ ބްރާވޯ ގެނެސްފަ އެވެ. ލޯނުގެ މުއްދަތުގައި ހާޓުގެ މުސާރައިގެ އެއް ބައި ދޭނީ ސިޓީންނެވެ.

އިންޓަ އިން ބްރެޒިލްގެ ސަންތޯސްގެ ގަބިގޯލް ގެނައީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޮލިމްޕިކްސްގެ ރަން މެޑަލް ބްރެޒިލް ހޯދިއިރު ދެ ގޯލް ޖެހި ގަބިގޯލް ގެންދިއުމަށް އިނގިރޭސި ބައެއް ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. އިންޓަ އިން ވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގެ މިޑްފީލްޑަރު ޔޮއާ މާރިއޯ ވެސް ގެނެސްފަ އެވެ.