06 އެޕްރީލް 2019 - 19:19

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވަޑައިނުގަންނަވާ ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ސެޕްޓެމްބަރު 23، 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބު ވެވަޑައިގަތް ޔާމީން މި އިންތިޚާބުގައި ވޯޓު ދެއްވަން ޖެހިވަޑައިގަންނަވަނީ މައްޗަންގޮޅި އުތުރު ދާއިރާ އަށެވެ. މި އިންތިޚާބުގައި ވަރަށް ވާދަވެރި އެ ދާއިރާ އަށް އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމް އިން ނުކުންނެވީ ޖަރުމަނުގެ ސަފީރަކަށް ކުރިން ހުންނެވި އަދި ޔާމީނާ އެކު ލެބަނަންގައި އެކުގައި ކިޔަވާ ވިދާޅުވި ޖަމީލާ އަލީ އެވެ.
އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫން ވެސް މިފަހަރު ނުކުންނެވީ އެ ދާއިރާ އަށެވެ. މީގެ އިތުރުން މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކާއި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުހައްމަދު ރަޝީދު ވެސް އެ ދާއިރާ އަށް ވާދަކުރެއްވި އެވެ.
ޔާމީން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ކަން އެ ދާއިރާގެ ކެންޑިޑޭޓުންގެ އޮފިޝަލުން ކަށަވަރު ކޮށްދެއްވަ އެވެ. އެކަމަކު ދާދި ފަހުން ޖަލުން މިނިވަންވެވަޑައިގެންނެވި ކުރީގެ ރައީސް ވޯޓު ލައްވަން ވަޑައިނުގަތް ސަބަބެއް ސާފެއް ނޫނެވެ.
ސަރުކާރު ޒިންމާދާރު ކުރެވޭނީ މި އިންތިޚާބުގައި އިދިކޮޅަށް އަޣުލަބިއްޔަތު ދީގެން ކަމަށް ކެމްޕޭން ތެރޭގައި އެމަނިކުފާނު ގެންދެވީ ވިދާޅުވަމުންނެވެ. ވެރިކަމުގައި ހުންނެވި އިރު މަނީ ލޯންޑެރިން ހިންގެވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ފަހުން ގޭބަންދަށް ބަދަލުކުރުމަށް ފަހު އެމަނިކުފާނު ދޫކޮށްލީ އިންތިޚާބަށް ގާތްގަނޑަކަށް ހަފުތާއެއް ވެފައި ވަނިކޮށެވެ.
ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިނުގަތަސް ބައްދަލުވުންތަކުގައި ފޯނުން ދާއިރާތަކުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވައި އިދިކޮޅަށް އަޣުލަބިއްޔަތު ދޭން އެމަނިކުފާނު އެދިވަޑައިގަތެވެ.
ޕީޕީއެމުން އިންތިޚާބަށް ނުކުތީ ޕާޓީގެ އިސް ބޭފުޅުންނާ އެކު ކެމްޕޭންގެ ބޮޑު އެއްވެސް ހަރަކާތެއް ނުބާއްވަ އެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އެ ކެންޑިޑޭޓަކު އަމިއްލަ އަށެވެ.