ކަންގަނާ ރަނާވަތު އެކްޝަން ފިލްމެއް ޑައިރެކްޓްކުރަނީ
ކަންގަނާ ރަނާވަތު އެކްޝަން ފިލްމެއް ޑައިރެކްޓްކުރަނީ

މިދިޔަ ޖެނުއަރީ މަހު ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިން ޑައިރެކްޝަނަށް ނުކުތް ބަތަލާ ކަންގަނާ ރަނާވަތު ދެން ޑައިރެކްޓްކުރާނީ އަމިއްލަ ބައޮގްރަފިކަލް ޑްރާމާ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް، އޭގެ ކުރިން ހަނގުރާމައިގެ ވާހަކަ ކިޔައިދޭ އެކްޝަން ފިލްމެއް ޑައިރެކްޓް ކުރަން ނިންމައިފި އެވެ.

ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދި 32 އަހަރުގެ ބަތަލާ މީޑިއާތަކަށް ބުނީ އޭނާގެ ދެވަނަ ޑައިރެކްޝަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

"އޭގެ ސްކްރިޕްޓް ވެސް މިހާރު ވަނީ ފައިނަލްކޮށްފައި. އަދި ފިލްމުގެ ޕޯސްޓަރު ވަރަށް އަވަހަށް ޝޫޓްކޮށް ނިންމައިލުމަށް ފަހު، ފިލްމު ރަސްމީކޮށް ޕޯސްޓަރު ދައްކައިލުމާ އެކު ލޯންޗް ކުރާނަން،" ކަންގަނާ ބުންޏެވެ.

ނަމަވެސް މި ފިލްމުގެ ބަތަލާގެ ރޯލުން ކަންގަނާނެ ފެންނާނެ ކަމެއް އަދި ނޭނގެ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔާ މީހެއްގެ ނަމެއް ވެސް ހާމައެއް ނުކުރެ އެވެ. ކަންގަނާ ބުނި ގޮތުގައި ބޮލީވުޑްގައި މި ފަހުން ބަަތަލާ އިން، ބަތަލުންނަށް ދޫނުކުރާ ވަރުގެ ކާމިޔާބު ފިލްމުތަކެއް ގެނެސް ދެމުން އަންނަ އިރު އަންހެނުންނަށް އޮތް ފުރުސަތުތައް މިހާރު ބޮޑެވެ.

އެހެންވެ އޭނާގެ ހުރި ގާބިލުކަން ދައްކަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުންޏެވެ. ކަންގަނާ ބުނި ގޮތުގައި ފިލްމު ކުޅުމަށް ވުރެ ބޮޑަށް އޭނާ މިހާރު ލޯބި ކުރަނީ ޑައިރެކްޝަނަށެވެ. އެކަމަކު އެކްޓް ކުރުން ހުއްޓައެއް ނުލާނެ އެވެ.

"އަހަރެމެންގެ ސިނަމާ އަށް އަންހެނެއްގެ ތަސައްވުރުން ގެނެސް ދެވިދާނެ ކިތަންމެ ވާހަކައެއް އެބަހުރި. އަހަރެން ބޭނުންވޭ ތަފާތު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދޭން،" 2006 ގެ ފިލްމު "ގޭންގްސްޓާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.

ކަންގަނާ މިހާރު "ޕަންގާ" ކިޔާ ފިލްމެއް ކުޅެމުން އަންނަ އިރު، އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ މަހުގެ 24 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އިންނެވެ.

މީގެ އިތުރުން ކަންގަނާ ވަނީ އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" އަށް ވެސް ސޮއިކޮށްފަ އެވެ.