"300 ކިލޯގެ މާވަހަރެއް": ނުވިކި އޮވެ އެންމެ ފަހުން ލައްކަ އަކަށް!
"300 ކިލޯގެ މާވަހަރެއް": ނުވިކި އޮވެ އެންމެ ފަހުން ލައްކަ އަކަށް!

ދިވެހިންގެ ބަޔަކު "300 ކިލޯގެ މާވަހަރެއް" ހޮވި ވާހަކަ އަޑު އެހިން ހެއްޔެވެ؟ މީގެ ތިން އަހަރު ކުރިން ހޮވި އެ މާވަހަރު މި އަހަރު ކުރީކޮޅު ވަނީ ވިއްކާލައިފަ އެވެ. އެކަމަކު ނުވިކިގެން ގިނަ ދުވަސްތަކެއް ވާންދެން ބާއްވާފައި އޮތުމުން، މާވަހަރު ކުޑަވަމުން ގޮސް ވިކުނީ އެންމެ 96،000 ރުފިޔާ އަށެވެ.

"300 ކިލޯގެ މާވަހަރެއް": ނުވިކި އޮވެ އެންމެ ފަހުން ލައްކަ އަކަށް!
"300 ކިލޯގެ މާވަހަރެއް": ނުވިކި އޮވެ އެންމެ ފަހުން ލައްކަ އަކަށް!

ށ. ފީވަކު އަލީ ޒަހިރާއި އޭނާގެ ދޯނީގެ ފަޅުވެރިން އެ ބިޔަ މާވަހަރު ހޮވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. މަހަށް ނިކުމެ އުޅެނިކޮށް، މާލެ އަތޮޅުން ފެނުނު އެ މާވަހަރު ދޯންޏަށް ނެގީ މާވަހަރެއް ކަމަށް ޔަގީން ކުރެވިގެންނެއް ނޫނެވެ. އެކަމަކު ދޯނީގައި ތިބި ދިހަ މީހުން، ދާވަނި އަޅުވައިގެންނާއި ދާ ޖަހައި، ގިނަ މަސައްކަތްތަކެއްކޮށްގެން އެ ބަރު އެތިގަނޑު ދޯންޏަށް ނެގުނީ ގަޑިއިރެއްހާއިރު މަސައްކަތުންނެވެ.

"300 ކިލޯގެ މާވަހަރެއް": ނުވިކި އޮވެ އެންމެ ފަހުން ލައްކަ އަކަށް!
"300 ކިލޯގެ މާވަހަރެއް": ނުވިކި އޮވެ އެންމެ ފަހުން ލައްކަ އަކަށް!

އެ އެތި ރަށަށް ގެންދިއުމުން އެ ބެލި ގިނަ ބަޔަކު އެއީ މާވަހަރެއް ކަމަށް އެއްބަސްވި އެވެ. އެކަމަކު އެކަން ޔަގީންކުރެވޭނީ ޓެސްޓުތަކަށް ފަހުގައި ކަން އެނގޭތީ ޓެސްޓު ކުރެވެންދެން ބޭއްވީ ޒަހީރުގެ ގޭގައި ފޮތިގަނޑަކަށް ލާފައި އެލުވައިފަ އެވެ.

ދެން ދިޔައީ މާވަހަރެއްކަން ޔަގީން ކުރަން ނެގި ދުވަސްތަކެވެ. ބައެއް މީހުން ރަށަށް ގޮސް މާވަހަރު ބެލި އިރު ގިނަ ފަހަރަށް ޖެހެނީ އެއިން އެތިކޮޅުތައް ޓެސްޓުކުރަން މާލެ ފޮނުވާށެވެ. ބައެއް ޓެސްޓުތަކުން މާވަހަރެއް ކަމަށް ދައްކަ އެވެ. އަނެއް ބައި ޓެސްޓުތައް އެކަން ދޮގު ކުރެ އެވެ. އެހެންވެ، އެކަމަށް ނެގި މުއްދަތު ދިގުވެ، ދޯނީގެ ގިނަ ފަޅުވެރިން ތިބީ އެއާ މެދު އުއްމީދު ކަނޑާލައިގެންނެވެ.

އެކަމަކު ގޭތެރޭގައި އޮވެގެން، މާވަހަރު ހިކެމުން ގޮސް، އޭގެ ބަރުދަން އެތަން ތަނެއް ލުއި ވަމުން ދިޔައިރު ވެސް ޒަހީރު އުއްމީދު ކަނޑައެއް ނުލަ އެވެ.

"ވަރަށް ގިނަ މަސައްކަތް ކުރެވުނު މާވަހަރެއްތޯ ޔަގީންކުރަން. ކޮންމެވެސް އަގަކަށް ވިކޭނެ ކަމަށް އުއްމީދުކުރިން،" ދޯނީގެ ވެރިޔާ ޒަހީރު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ އެތި ކިތަންމެ ބޮޑު ނަމަވެސް އޭގައި ހިމެނެނީ މާވަހަރުގެ ވަރަށް ކުޑަ މިންވަރެކެވެ. އެކަން ޓެސްޓުތަކުން ޔަގީންވި އިރު، މާވަހަރު އޮތީ 96 ކިލޯއަށް ލުއި ވެފަ އެވެ. އެހެންވެ، އެންމެ ފަހުން އޭތި ވިއްކާލަން ޖެހުނީ ކިލޯއެއް 1000 ރުފިޔާގެ މަގުން 96،000 ރުފިޔާ އަށެވެ.

ކަނޑުން ހޮވި އެ ނިއުމަތް ދެބައި ކޮށްލާފައި އެއްބައި ޒަހީރު ނެގީ އެވެ. ޒަހީރަށް ގާތްގަނޑަކަށް ބައި ލައްކަ ރުފިޔާ ލިބުނު އިރު އަނެއް ދިހަ ފަޅުވެރިންނަށް 5،000 އެއްހާ ރުފިޔާ ލިބުނެވެ. އެކަމަކު އެ ވިއްކާލުމަށް ތިން އަހަރު ކުރި މަސައްކަތާ ބަލާއިރު މިއީ އުއްމީދުކުރި ވަރު ނޫން ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު މިއީ އަނެއްހެން އަޅުގަނޑުމެން ބުރަ މަސައްކަތަކުން ހޯދި ފައިސާއެއް ނޫން. އެހެންވީމަ ދެން ރަނގަޅުތާ،" ޒަހީރު ބުންޏެވެ.

މާވަހަރު ވިއްކާލައިގެން ލިބުނު ފައިސާ މިހާރު އޭނާ ބޭނުންކޮށް ހުސް ވެސް ކޮށްފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން މާވަހަރު ހޮވަމުންނެވެ. މި އަހަރުގެ ތެރޭގައި ވެސް ހައެއްކަ މީހުން ބޮޑެތި މާވަހަރު ވަނީ ހޮވައިފަ އެވެ. އެކަމަކު އެއިން ގިނަ މާވަހަރު އަދިވެސް ނުވިކެ އެވެ. ބައެއް މީހުން މާވަހަރު ހޮވާފައި، އެކަން ގިނަ ބަޔަކަށް ނާންގާ ވިއްކާލާފައި ވެސް ވެ އެވެ.