16 އެޕްރީލް 2019 - 11:02

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓް ކުރިމަތީގައި އޮންނަ ހުސް ބިމުގެ ބޮޑު ބައެއް އިއްޔެގެ އަލިފާނުގެ ހާދިސާގައި އަނދައިފި އެވެ.

ގަހާއި ވިނަ ވަރަށް ބޯކޮށް ހެދިފައި އޮތް ސަރަހައްދުގައި އަލިފާން ރޯވީ އިއްޔެ 1:30 ހާއިރު އެވެ. އެ ވަގުތުން ފެށިގެން އަލިފާން ނިންވުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށި ނަމަވެސް އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު އެކެއް ޖަހަނިކޮށް ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާންގަނޑު ނިއްވާލެވުނީ ސިފައިންނާއި އެއާޕޯޓުގައި މަސައްކަތް ކުރާ ފަޔަ ޓީމުތަކުގެ މަސައްކަތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަނުގައި އެހާ ބޮޑަށް ރޯވީ ގަސްތަކުގެ ތެރެއަށް އުކާލަފައި ހުރި ކުނިބުނި ވެސް ގިނަކަމުންނެވެ.
"ކުނިތަކެއް އަޅާފައި ހުރި ތަނެއް އެއީ. ސާފު ނުކޮށް ހުރީމަ އާއި ވިނަތަކާއި ހުއިތައް ވަރަށް މައްޗަށް ހެދިފައި ހުރީމަ ފަސޭހަ އިން އެ ބިމުގައި ރޯވީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަރަށް ބޮޑު ސަރަހައްދަކަށް އަލިފާން ފެތުރުނެވެ. އެކަމަކު އަލިފާން ރޯވީ ކީއްވެ ކަން އަދި ނޭނގޭ ކަމަށާއި ހޫނު ގަދަވެގެން ރޯވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ގޮތް މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
ހުޅުމާލޭގައި މި ފަހުން ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާ އެވެ.އަލިފާން އެއްކޮށް ނިއްވާނުލެވި 11 ގަޑިއިރަށް ވުރެ ގިނައިރު ވި ސަބަބާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ އެ ހާދިސާ ހިނގުމާ އެކު އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރި ކަމަށެވެ. ސިފައިން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ އަލިފާންގަނޑު ފެތުރުނަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެން ޖަހައިގެން އަލިފާން ނިއްވާލަން މަސައްކަތް ކުރީ. ކޮންޓްރޯލް ނުވާ ވަރަކަށް ނުދޭ،" އާޒިމް ވިދާޅުވި އެވެ.
އާ ލޯކަލް މާރުކޭޓު ކައިރީގައި ހުންނަ އެސްޓީއޯގެ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑް ބަންދު ކުރި އެވެ. އަދި ބަގީޗާ މަގުގެ ބޮޑު ބަޔަކާއި ފިތުރޯނު މަގުގެ ބޮޑު ބައެއް ވެސް އާންމުންނަށް ނުވަދެވޭ ގޮތަށް ފުލުހުން ބަންދުކުރި އެވެ. އެކަމަކު އެ ހުރިހާ ތަނެއް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އުފެދުނު ދުމުގެ އަސަރު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކުރި އެވެ. އެކަމަކު ސިއްހީ ފަރުވާ ހޯދަން ޖެހޭ ވަރަށް އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމެއް އެނގިފައެއް ނުވެ އެވެ.
ހުޅުމާލޭގެ ރޯހައުސްތަކެއްގައި އޮގަސްޓް 31، 2014 ގައި އަލިފާން ރޯވެ، ބައެއް ރޯހައުސްތަކުގެ ބޮޑު ބައެއް އެނދި އެވެ. ހުކުރު ދުވަހެއްގެ، ހުކުރު ގަޑީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަށި އެކެއް، ދޭއް، ތިނެއް، ހަތަރެއްގައި އަލިފާން ރޯވެ ގެއްލުންވި އިރު، މަށި ފަހެއް އަދި ހައެކަށް އަލިފާނުގެ އަސަރު ކުރި އެވެ.