ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހެޅުއްވި އެ ބިލުގެ ބޭނުމަކީ، ރާއްޖޭގައި ވިޔަފާރީގެ ވާދަވެރިން އުފައްދައި ދެމެހެއްޓުމާއި ވިޔަފާރީގެ ވާދަވެރިކަން ހަނިވާގޮތަށް ހިންގާ އަމަލުތައް ހުއްޓުވުމެވެ.

މީގެ އިތުރުން، ވިޔަފާރީގެ ވާދަވެރިކަން ހުއްޓުވުމަށް އެކުލަވާ އެއްބަސްވުންތަކާއި އެފަދަ ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި ނުފޫޒު ފޯރުވޭ މަގާމެއްގައި ހުރެ، އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ހިފުމާއި އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ އެއްވުމުން ވާދަވެރިކަމަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލު ކުރުމެވެ.

މި ބިލުގައިވާ ގޮތުން، ވިޔަފާރިއެއް ހިންގާ ދެ ފަރާތެއް ނުވަތަ އެއް ފަރާތެއްގެ މެދުގައި އެއްވެސް މުދަލެއް ނުވަތަ ހިދުމަތެއްގެ ވާދަވެރިކަން ނައްތާލުމުގެ މަގްސަދުގައި ނުވަތަ ހުރަސްއެޅުމުގެ މަގްސަދުގައި އެއްވެސް ކަމެއް ކުރުން މަނަލެވެ.

އެފަދަ އަމަލުތަކުގެ ތެރޭގައި މުދާ ވިއްކުމަށް ނުވަތަ ގަތުމަށް އަގު ކަނޑައެޅުމާއި މުދަލެއް ވިއްކުމަށް ނުވަތަ ގަތުމަށް ޝަރުތުތައް ކަނޑައެޅުމާއި ވަކި ކަސްޓަމަރުންތަކެއް ކަނޑައެޅުމާއި މުދާ އުފައްދާ މިންވަރު ކޮންޓްރޯލު ކުރުމުގެ އިތުރުން ލިމިޓު ކަނޑައެޅުން ހިމެނެ އެވެ.

މި ކަންކަން ބެލި ނަަމަވެސް ކުންފުނިތަކުގެ ގްރޫޕެއްގައި ހިމެނޭ އެއް ކުންފުންޏެއް ނުވަތަ އެ ގްރޫޕުގައި ހިމެނޭ އެހެން ކުންފުންޏަކާ އެކުވާ އެއްބަސްވުންތަކެއް މީގެ ތެރޭގައި ނުހިމެނޭ އެވެ. މި ބިލުގެ ފަސް ވަނަ މާއްދާގައި މަނާކޮށްފައިވާ އެއްބަސްވުމެއް ނުވަތަ އަމަލެއް ހިންގައިފި ނަމަ އެންމެ ފުރަތަމަ އެކަން އިސްލާހު ކުރުމަށް އަންގާނެ އެވެ. އަދި އެއަށްފަހު 10000ރ. އިން 100000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާ އެއް ކުރެވޭނެ އެވެ.

މި ބިލުގައި ވާ ގޮތުން ނުފޫޒު ފޯރުވޭ ފަދަ މަގާމެއް ލިބިފައިވާ ވިޔަފާރިއެއް ހިންގާ ފަރާތަކުން އަމިއްލަ އަށް ނުވަތަ އެހެން ފަރާތަކާ ގުޅިގެން ވެސް އެ ވިޔަފާރި ހިންގާ ފަރާތަކަށް ލިބިފައިވާ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމައްޓަކައި އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ.

އެގޮތުން މުދާ ނުވަތަ ހިދުމަތެއް އަގށް ވުރެ ދަށް އަގެއްގައި ހޯދުމާއި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެ ގޮތުން ބޭއިންސާފުން އަމަލު ކުރުމާއި ކަސްޓަމަރުންނަށް ގެންލުންވާނެ ގޮތަށް މުދާ އުފެއްދުން ހިމެނެ އެވެ. މުދަލެއް ނުވަތަ ހިދުމަތެއް ލިބޭ ތަންތަނުގެ އަދަދު ކޮންޓްރޯލު ކުރުމާއި ވަކި މާކެޓަކަށް ވަދެވުނަ ނުދިނުމަށްޓަކައި ހުރަސް އެޅުން ވެސް ނުފޫޒުގެ ގޮތުގައި ބެލެވޭނެ އެވެ.