18 އެޕްރީލް 2019 - 07:44

އެޗްބީއޯ އިން މިހާރު ދައްކާ "ގޭމްސް އޮފް ތުރޯންސް" ގެ ފަހު ސީޒަނުގެ ނިމުން ދިމާކުރާ މީހަކަށް ކްރޮއޭޝިއާ އިން ހިލޭ ޗުއްޓީ ދަތުރެއް ލިބޭ މުބާރާތެއް ފަށައިފި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލުގެ ސިލްސިލާގެ ރެކޯޑް އޮތް "ތުރޯންސް" ގެ ގިނަ މަންޒަރުތަކެއް ކްރޮއޭޝިއާގައި ވެސް ނަގާފައިވާ އިރު، ސިލްސިލާގެ ނިމުން އަންނާނެ ގޮތެއް ދިމާކުރާ މީހަކަށް ޗުއްޓީ ދަތުރެއް ލިބޭ މުބާރާތެއް ހުޅުވައިލީ އެ ގައުމުގެ ޓުއާ އެޖެންސީއެއް ކަމަށްވާ "އަންފޮގެޓަބަލް ކްރޮއޭޝިއާ" އިންނެވެ.
އެތަނުން ބުނީ ސިލްސިލާގެ ނިމުން ދިމާކުރާ މީހަކަށް ދޭނީ "ގޭމް އޮތް ތުރޯންސް" ތީމްގެ ހަތް ދުވަހުގެ ޗުއްޓީ ދަތުރެއް ކަމަށެވެ. އަދި މި ދަތުރަކީ ވަރަށް ލަގްޒަރީ ދަތުރަކަށް ވާނެ ކަމަށާއި އެ ސިލްސިލާގެ މުހިއްމު މަންޒަރުތަކެއް ޝޫޓްކުރި ތަންތަނަށްޓުއާއެއް ވެސް ދޭނެ ކަމަށް ބުންޏެވެ. މީގެ އިތުރުން ކްރޮއޭޝިއާގެ މުހިއްމު ތަންތަން އެ މީހަކަށް ދައްކާލުން ވެސް އޮންނާނެ އެވެ.
މި މުބާރާތުގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ "ގޭމް އޮފް ތުރޯންސް" ގެ ނިމުން އަންނާނެ ގޮތް 1،000 ލަފުޒަށް ވުރެ ދިގު ނުވާ ގޮތަށް ލިޔެފައި ފޮނުވާނީ އެވެ. މި ލިންކުން ttps://unforgettablecroatia.com/game-of-thrones-competition?currency=AUD އެކަން ކޮށްލެވޭނެ އެވެ. ސުންގަޑި ހަމަވާނީ އަންނަ މަހުގެ 5 ގަ އެވެ.
"ގޭމް އޮފް ތުރޯންސް" ފަހު އަދި 8 ވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. ދެހާސް އެގާރައިގައި ކިޔައި ދޭން ފެށި ހަތްކޮއިލުގެ ރަސްކަމުގެ ވާހަކަ އަށް ނިމުން އަންނާނީ އަންނަ މަހުގެ 19 ގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަ އެޕިސޯޑަށް ގެނެސްދޭ ފަހު ސީޒަން ލީކްވެދާނެ ކަމުގެ ބިރަށްޓަކައި ސިލްސިލާގެ ޓީމުން ވަނީ ހައެއްކަ ގޮތަކަށް "ގޭމް އޮފް ތުރޯންސް" ގެ ކްލައިމެކްސް ޝޫޓްކޮށްފަ އެވެ. އެކަމަކު މިއަށް ނިމުމެއް އަންނާނެ ގޮތެއް ވަޒަންކޮށްލުމަކީ ފެށުނީއްސުރެ ސިލްސިލާ ބަލަމުން އަންނަ ފޭނުންނަށް ފަހަރުގައި އެހާ އުނދަގޫ ކަމަކަށް ވެސް ނުވާނެ އެވެ.
ނަސީބުވެރިޔާ އަށް ދޭ ޗުއްޓީ ދަތުރު އޮންނާނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެހެންވީމާ މި މުބާރާތުގައި ބައިވެރިވެލައިގެން ނަސީބު ވެސް ވަޒަންކޮށްލެވިދާނެ އެވެ.