19 އެޕްރީލް 2019 - 22:58

އިސްލާމިކް މިނިސްޓްރީން އެކި ބޭނުންތަކަށް ހިންގާ ފަންޑުތަކާއި މިސްކިތްތައް އެޅުމާއި އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މާދަމާ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިިނިސްޓަރު ޑރ. އަހުމަދު ޒާހިރު "މިހާރު" އަށް ވިދާޅުވީ "ދަރުމަ ކަމާކެމި" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތް އޮންނާނީ އިސްލާމީ މަރުކަޒު ސަރަހައްދުގައި ކަމަށެވެ. އެގޮތުން، މާދަމާ ހެނދުނު 9:00 ން ފެށިގެން ހަވީރު 5:30 ވަންދެން ބާއްވާ މި ހަރަކާތުގައި ދީނީ އެކި ޕްރޮގްރާމްތައް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސްކިތްތައް އިމާރާތް ކޮށްދިނުމަށް އެދިފައިވާ ރަށްތަކާއި އެކަމުގައި އެހީތެރިކަން ދިނުމަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތައް އެއް ދުވަހަށް ގެންދާ ހަރަކާތުގައި ކިޔައިދޭނެ ކަމަށެވެ. އެކަންކަމުގެ އިތުރުން ޒަކާތުގެ ފައިސާ ލިބޭ ގޮތާއި އެ ބަހާ ގޮތުގެ ފުރިހަމަ މައުލޫމާތު ދޭނެ ކަމަށް ވެސް ވިިދާޅުވި އެވެ.
"މަރާމާތަށް ބޭނުންވާ މިސްކިތްތައް ފަސޭހަ އިން ފެންނާނެހެން ޑިސްޕްލޭ ކޮށްފައިވާނެ. ލައިވް ޕްރޮގްރާމްތަކެއް އަދި ރިކޯޑު ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަންޑުތަކަށް އެހީވާން ބޭނުންވާ މީހުންނަށް ކޭޝް ކާޑު ބޭނުންކޮށްގެން އަދި އޮންލައިންކޮށް ވެސް ފައިސާގެ އެހީ ދެވޭނެ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް އަމިއްލަ ފަރާތްތަކުން މިސްކިތްތައް އިމާރާތް ކޮށްދިނުން އަންނަނީ އިތުރުވަމުންނެވެ.