21 އެޕްރީލް 2019 - 08:44

މެންޗެސްޓާ (އޭޕްރީލް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަތުން 1-0 އިން މޮޅުވެ ލީގުގެ އެއް ވަނަ އަށް މެންޗެސްޓާ ޖެހިލިއިރު، ލީގުގައި އެ ޓީމުގެ ވާދަވެރި ލިވަޕޫލަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފުކޮށްފި އެވެ.

ލީގުގައި ސިޓީ އާއި ލިވަޕޫލް ކޮންމެ ޓީމެއް 34 މެޗު ކުޅެފައިވާއިރު ސިޓީ އެއް ވަަނައިގައި އޮތީ 86 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 85 ޕޮއިންޓް ލިބިފަ އެވެ. މިރޭ ރަށުން ބޭރުގައި، ރެލިގޭޝަނުގައި އޮތް ކާޑިފް ސިޓީ ބަލިކޮށް ލިވަޕޫލަށް އަލުން ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ.
ބުދަ ދުވަހުގެރޭ ހިތްދަތި ގޮތަކަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޓޮޓެންހަމް އަތުން ކެޓުމުން ސިޓީން އިއްޔެގެ މެޗަށް ނުކުތީ ބަދަލު ހިފުމުގެ ރޫހުގަ އެވެ. މި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ ފަސް ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ފިލް ފޯޑެން އެވެ. ސާޖިއޯ އަގުއޭރޯ ދިން ބޯޅަ އަކުން ފޯޑެން ޖެހި މި ގޯލަކީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
އިއްޔެގެ މެޗުގައި ލަނޑު ޖަހަން ޓޮޓެންހަމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އާއި ކްރިސްޓިއަން އެރިކްސަން އަދި ލޫކަސް މޯރާ ފޮނުވާލި ހަމާލާތައް ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން މޮރާއެސް ވަނީ މަތަކޮށްފަ އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގުގެ އެ މެޗަށް ފަހު ސިޓީގެ ކުޅުންތެރިން އެ ދެއްކި ހިތްވަރަށް އޭނާ ސެލިއުޓްކުރާ ކަމަށެވެ.
"އަހަރެމެންނަށް މި މެޗުގައި ޕްރިމިއާ ލީގު ގެއްލުމުގެ ފުރުސަތު އޮތް. އަހަންނަށް ވެސް މި މެޗުގައި ކުޅުންތެރިން އެ ދެއްކި ހިތްވަރު ދަނޑުމަތީގައި ނުދެއްކޭނެ. މިއީ ކުޅުންތެރިންގެ މަސައްކަތް. އަހަރެމެން އަތުގައި އަދިވެސް އަމިއްލަ ބާރު އެބައޮތް. ލީގު ސިޓީ އަށް ހޯދޭނެ،" މިދިޔަ އަހަރު ސިޓީއާ އެކު ލީގު ކާމިޔާބުކުރި ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ބާސެލޯނާއާ އެކު ސްޕެނިޝް ލީގާއި ބަޔާން މިއުނިކާ އެކު ޖަރުމަނު ލީގު ހޯދައިފަ އެވެ. އެކަމަކު އެ ހުރިހާ އަހަރުތަކަށް ވުރެން މި ފަހަރު މާ ތަފާތު ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"އަހަރެމެން ވާދަކުރަން މި ޖެހެނީ ލިވަޕޫލްގެ ތާރީހުގައި އެ ޓީމުގައި އޮތް އެންމެ މޮޅު ޓީމާ. މިއީ އަހަރެން ލީގެއްގައި ކުރިމަތިލާނެ އެންމެ އުނދަގޫ ރޭސް. މިހާރު ލިވަޕޫލްގައި އޮތް ޓީމަކީ އަހަރެން ދުށް އެންމެ މޮޅު އެއް ޓީމު،" ގާޑިއޯލާ ބުންޏެވެ.
ސިޓީ އަށް އިއްޔެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް އަނިޔާވުމެވެ. ޑިބްރޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވާން ނަގާނެ މުއްދަތެއް ކްލަބުން ބުނެފައިނުވާއިރު، ގާޑިއޯލާ ބުނީ ބުދަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ޑިބްރޭނާ ފެނުމުގެ ފުރުސަތު ކުޑަކަމަށެވެ.