22 އެޕްރީލް 2019 - 07:30

މަޝްހޫރު އޮންލައިން ފިހާރަ އެމެޒޯން އިން ކަސްޓަމަރުން ގަންނަ މުދާ ފޯރުކޮށް ދިނުމުގައި އެ ކުންފުންނަށް ކޮންޓްރެކްޓަށް މަސައްކަތްކުރާ ބައެއް ޑެލިވަރީ ޑްރައިވަރުން މަކަރު ހަދާ މައްސަލަތަކެއް ފެންމަތިވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މަސައްކަތަށް ނުކުތުމުގެ ކުރިން ޑްރައިވަރުން ސެލްފީ ނަގަން ޖެހޭ ގޮތަށް އެމެޒޯނުން ހަމަޖައްސައިފި އެވެ.
އެތަނުން ބުނީ ޑެލިވަރީއަކަށް ރަސްމީކޮށް ނުކުތުމުގެ ކުރިން ޑްއިވަރުން ސެލްފީއެއް ނަގައި އެ ސެލްފީ އެމެޒޯން ފްލެޕްސް އެޕް މެދުވެރިކޮށް ފޮނުވުމުން އެއީ ކާކުން ފޭސް ރިކޮގްނިޝަންގެ އެހީގައި ކަށަވަރު ކުރެވޭނެ ކަމަށެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް ދުއްވަމުން ސެލްފީ ނުނަގަން އެމެޒޯނުން ވަނީ ޑްރައިވަރުންނަށް އަންގައިފަ އެވެ.
ވެހިކަލް ދުއްވަމުން ސެލްފީ ނަގަން އުޅެގެން މީގެ ކުރިން މަގުމަތީގައި އެކި ކަހަލަ ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައިވެ އެވެ.
ގަންނަ މުދާ ނުލިބޭ މައްސަލަ ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑަށް ލިބޭތީ އެމެޒޯނުން އަންނަނީ އެ ކުންފުންޏަށް ކޮންޓްރެކްޓަށް މަސައްކަތް ކުރާ ޑެލިވަރީ ޑްރައިވަރުންގެ ކަންކަން ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމެޒޯނަށް މަސައްކަތްކޮށްދޭ ޑްރައިވަރުންނަށް ގަޑިއަކަށް 18-25 ޑޮލަރާ ދެމެދުގެ އަދަދެއްގެ ފީއެއް ލިިބޭ ކަމަށް ނޫސްތަކުން ބުނެ އެވެ.