22 އެޕްރީލް 2019 - 11:01

ލިވަޕޫލް (އޭޕްރިލް 22) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 4-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގައި ދެއްކި ކުޅުމަށް ސަޕޯޓަރުންގެ ކިބައިން ކޯޗު އޮލެ ގުނަ ސޯލްޝެއާ މައާފަށް އެދިއްޖެ އެވެ.
ސީޒަނުގެ މެދުތެރެއިން ހަވާލުވި ސޯލްޝެއާގެ ކޯޗުކަމުގައި ފުރަތަމަ ނުވަ މެޗުން މޮޅުވި ޔުނައިޓެޑް، އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މިވަނީ ބަލިވެފަ އެވެ. އެ ޓީމު 64 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގައި އޮތުމުން ގަދަ ހަތަރަކަށް ނޭރިދާނެ ކަމުގެ ބިރު އެބައޮތެވެ. މި މެޗުގައި އެވަޓަން އަށް ގޯލްތައް ޖަހައިދިނީ ރިޗާލިސަން އާއި ގިލްފީ ސިގާސަން އާއި ލޫކަސް ޑީނޭ އަދި ތިއޯ ވޮލްކޮޓެވެ.
"ފުރަތަމަ ކަށިގަނޑުން ފެށިގެން ހުރިހާ ކަމެއް ދިޔައީ ގޯސްކޮށް. އަހަރެން ބޭނުންވަނީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން. އެމީހުންނަކީ ކްލަބުގެ ބެޖް ޖަހައިގެން ތިބި މީހުންގެ ތެރެއިން މިއަދު އިސްއުފުލާލެވެން ތިބި ހަމައެކަނި ބަޔަކީ. އަހަރެމެންނަށް އެކަމެއް ނުވާނެ،" ސޯލްޝެއާ ބުންޏެވެ.
އޭނާ ބުނީ އެވަޓަން އިން ހުރިހާ ގޮތަކުން ޔުނައިޓެޑް ބަލިކުރި ކަމަށާއި އެ ޓީމަށް ކިރިޔާ ވެސް ކުރި ލިބުނީ ސަޕޯޓަރުން ތިން ތަރުހީބުން ކަމަށެވެ. އެހެންވެ ޓީމުން ދެއްކި ކުޅުމަށް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން ބޭނުންވީ ކަމަށް ބުންޏެވެ.
"މިއީ މެންޗެސްޓާ ޔުނައިޓެޑާ އެކަށީގެންވާ ކުޅުމެއް ނޫން. އަހަރެން އިން ފެށިގެން ކުޅުންތެރިން މިއަދު ސަޕޯޓަރުން މާޔޫސްކޮށްލައިފި. އަހަރެމެން ކްލަބް ވެސް މާޔޫސްކޮށްލައިފި. މި ކުޅުން ސިފަކޮށްދޭން ވެސް ނޭގޭހާ ދަށް،" ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑަށް ދެން އޮތީ ބުދަ ދުވަހުގެރޭ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ގަދަ ހަތަރަކަށް އަރަން އެ މެޗު ޔުނައިޓެޑަށް އިންތިހާ އަށް މުހިއްމުވެފައިވާއިރު ލީގު ކާމިޔާބުކުރަން ސިޓީ އަށް އެއީ މަރުގެ މެޗެކެވެ. ރޭ ކާޑިފް ސިޓީ އަތުން 2-0 އިން މޮޅުވި ލިވަޕޫލް 35 މެޗުން 88 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތްއިރު ސިޓީ ދެ ވަނައިގައި އޮތީ 34 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. އެހެންވެ ސިޓީ އަށް އިތުރަށް އޮތް މެޗުން ބަލިވެއްޖެ ނަމަ ތާވަލުގައި ލިވަޕޫލަށް ދާއިމީ ލީޑެއް ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.