22 އެޕްރީލް 2019 - 12:27

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި އެތަން ދިގު މުއްދަތަކަށް ދެމެހެއްޓުމަށް ކުރަން ހުރީ ކޮން ކޮން މަސައްކަތްތަކެއްތޯ އިންޑިއާގެ މާހިރުން ބަލަން ފަށައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ތޯރިގު "މިހާރު" އަށް ވިދާޅުވީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަން ކުރަން ޖެހޭ މަސައްކަތްތައް ބަލައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެއީ ދެ ގައުމުގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކޮށްފައި އޮތް އެމްއޯޔޫއެއްގެ ދަށުން. އިންޑިއާގެ މާހިރުންގެ ވަފުދެއް މިހާރު އެ މަސައްކަތް އެކުރަނީ. މިހާރު ކުރާ ކަމަކީ ކުރެވެން ހުރީ ކޮންކޮން މަސައްކަތްތަކެއްތޯ ބެލުން،" އޭނާ ވިދާޅުވި އެވެ.
ހުކުރު މިސްކިތުގެ ހާލަތު ބަލަން އައި އިންޑިއާގެ މާހިރުންގެ ވަފުދު މިއަދު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާ ބައްދަލުކޮށް މަޝްވަރާތައް ކުރި އެވެ.
ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތުގައި ކަތުރުފަނި އަޅައިި ވަރަށް ބޮޑެތި ގެއްލުންތައް ވެގެން 2012 ވަނަ އަހަރު ވެސް އެ މިސްކިތް މަރާމާތު ކުރި އެވެ. ދެވަނަ ފަހަރަށް ބިނާކުރިތާ 300 އަށް ވުރެ ގިނަ އަހަރު ވީ އެ މިސްކިތުގެ ލޭޒާ ސްކޭނެއް މިދިޔަ އަހަރު ކުރި އެވެ. ތިމާވެށީގެ ސާވޭތައް ކުރާ ދިވެހި ކުންފުނި، ވޯޓާ ސޮލިއުޝަންސް އިން ހަ މަސްދުވަހުން ކުރި އެ މަސައްކަތަށް ފަހު ހަދާފައިވާ ވީޑިއޯ ޑޮކިއުމެންޓްރީ މިދިޔަ ޖެނުއަރީ މަހު ވަނީ ހެރިޓޭޖް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްުގައި ހިމަނަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.