ޕްރޯ ލައިސަންސް ނެގި ފުރަތަމަ ކޯޗަކަށް ޝާޒް
ޕްރޯ ލައިސަންސް ނެގި ފުރަތަމަ ކޯޗަކަށް ޝާޒް

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗުގެ ޝަރަފް މުހައްމަދު ޝާޒްލީ (ޝާޒް) އަށް ލިބިއްޖެ އެވެ.

އެފްއޭއެމްގެ ހެޑް އޮފް ކޯޗު އެޑިއުކޭޝަންގެ މަގާމުގައި ހުރި ޝާޒް މި ކޯސް ފުރިހަމަކުރިތާ ދުވަސްތަކެއްވެފައިވީ ނަމަވެސް އޭނާ އަށް ރަސްމީކޮށް ލައިސަންސް ސެޓްފިކެޓް ލިބުނީ މިދިޔަ ހަފުތާގަ އެވެ.

އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފަހުރުވެރި ވަގުތެއް ކަމަށާއި ޝާޒްގެ މި ކާމިޔާބީ ވެގެންދާނީ ކުރިއަރަން ބޭނުންވެފައި ތިބި ދިވެހި ކޯޗުން އެހިސާބަށް ދަތުރުކުރުމަށް ލިބޭނެ ހިތްވަރަކަށް ކަމަށެވެ.

ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިހާރު އަންނަނީ މި ކޯސް ފުރިހަމަކުރަމުންނެވެ. ކޯސް ފުރިހަމަކޮށް މޯހަން އަށް ލައިސަންސް ލިބޭނީ އަންނަ އަހަރު އެވެ. މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއް ވެސް މެ އެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި އޭއެފްސީގެ ސީ ލައިސަންސް ކޯހުގައި ކިޔަވައިދީފަ އެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝާޒް ބޮޑަށް ހަރަކާތްތެރިވަނީ ޔޫތު ޑިވެލޮޕްމަންޓާއި ކޯޗުން ތަމްރީންކުރުމުގަ އެވެ. އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކޮށްދީފަ އެވެ.