24 އެޕްރީލް 2019 - 14:12

ކުޑަ އިންޓަރެސްޓް ރޭޓުގައި ސްޓޫޑެންޓް ލޯނަށް ފައިސާ ދެއްކުމުގެ ކަންކަން މި އަހަރުގެ ޖުލައި މަހުގެ ކުރިން ހަމަޖެހޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ. އަދި އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި އިއުލާނު ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ. ހަތަރު މަސް ވެގެން ދިޔައިރު ވެސް ލޯނު ދައްކަން ޖެހެނީ ބޮޑު އިންޓަރެސްޓް ރޭޓާ އެއްގޮތަށް ކަމަށް ވާތީ ދަރިވަރުން ޝަކުވާ ކުރެ އެވެ. އެކަމަކު މިދިޔަ އޮގަސްޓް މަހު ހުޅުވާލި ސްކީމުގެ ތެރެއިން، ލޯނު ލިބުނު ދަރިވަރުންނަށް ލޯނު ދީފައިވަނީ ވައުދުގައި ހިމެނޭގޮތަށް ކުޑަ އިންޓްރެސްޓުގަ އެވެ.
މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ތިން ޕަސެންޓަށް ލޯނުގެ އިންޓަރެސްޓް ކުޑަކޮށް، އާ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސަމުން އަންނަ ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިނޭންސް މިނިސްޓްރީ އަދި ހަޔަ އެޑިއުކޭޝަން ގުޅިގެން އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލީގަލް ކަންތައްތަކެއް އުޅޭތީ ލަސްތަކެއް ވެގެން މި އަންނަނީ. އެކަމަކު ޖުުލައިގެ ކުރިން [އިންޓަރެސްޓް ކުޑަ ލޯނުގެ] ކަންކަން ހަމަޖެހިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން މީގެ ކުރިން ލޯނު ދޫކުރީ ފަސް ޕަސެންޓުގެ އިންޓަރެސްޓު ރޭޓުގަ އެވެ. އެ ލޯނުގެ އިންޓަރެސްޓް ކުޑަކޮށް ލޯނު ދައްކަން ލިބޭ މުއްދަތު އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
އިންޓްރަސްޓެއް ކަމަށް ބުނި ނަމަވެސް އެއީ ބޭންކުގެ މުއާމަލާތްތަކުގައި އާންމުކޮށް ނަގާ އިންޓަރެސްޓް ނޫން ކަމަށާއި އެއީ ދަރިވަރަށް ހިނގާ ޖުމްލަ ހަރަދަށް ބެލުމަށް ފަހު، އެއަށް ނަގާ އެޑްމިނިސްޓްރޭޓިވް ޗާޖެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.