60 މީހުން ހައްޔަރުކޮށްފި، އިތުރު މީހުން ހޯދަނީ
60 މީހުން ހައްޔަރުކޮށްފި، އިތުރު މީހުން ހޯދަނީ

ކޮލަމްބޯ (އެޕްރީލް 24) - ސްރީ ލަަންކާގައި އާދިއްތަ ދުވަހު ބޮމުގެ ހަމަލާތަކާ ގުޅިގެން އެންމެ ފަހުން ހައްޔަރުކުރި 18 މީހުންނާ އެކު މިހާތަނަށް ގާތްގަނޑަކަށް 60 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ މީހުން ހައްޔަރުކޮށްފައި ވަނީ މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތުގެ ދަށުން ސަލާމަތީ ބާރުތަކަށް ލިބިފައިވާ ބާރުގެ ދަށުން ހިންގި ސާޗް އޮޕަރޭޝަނެއްގައި ކަމަށެވެ.

"ލިބުނު މައުލޫމާތުގެ އަލީގައި ތިން ތަނެއް ބަލައި ފާސްކޮށް، ތުހުމަތު ކުރެވޭ 17 މީހުން ވަނީ ހައްޔަރުކޮށްފައި. އިތުރު މީހަކު ހައްޔަރުކޮށްފައި ވަނީ ހަތަރު ވަނަ ތަނެއް ބަލައި ފާސްކުރުމަށް ފަހު،" ގުނަސެކަރަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަންތަން ބަލައި ފާސްކުރަނީ ޖާނުންފިދާވުމުގެ ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުން ހޯދަން ކަމަށެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައި ވަނީ ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ އިތުރު މީހުން ފިލައިގެން އެބައުޅޭ ކަމަށާއި އަދިވެސް އިތުރު ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.