01 ސެޕްޓެމްބަރ 2016 - 15:25

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ސްޕެޝަލް އެޑްވައިޒަރު ޑރ.ފާއިޒް އަލް އަބީދީ، ރައީސް އަބްދުﷲ ޔާމީނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާ ކުރެއްވި އެވެ. ރައީސް ޔާމީން ވަނީ ސްޕެޝަލް އެޑްވައިޒަރަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސައޫދީ ސަރުކާރުގެ ފަރާތުން މި އަހަރުގެ ހައްޖު ކޯޓާ ރާއްޖެއަށް އިތުރުކޮށް ދިނުމުން ސައުދީ ސަރުކާރަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖެ އާއި ސައުދީއަކީ ޒަމާނުއްސުރެ، ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މި ގުޅުން އިތުރަށް ބަދަހިވެ ރާއްޖޭގައި ހިންގާ ބޮޑެތި ބައެއް މަޝްރޫއުތަކަށް ސައުދީ ސަރުކާރުން ބޮޑެތި އެހީތައް އަންނަނީ ދެމުންނެވެ.