ކާމިޔާބު ލިބުނީ ޕްރެޝަރާ ކުރިމަތިލައިގެން: ކޯޗު
ކާމިޔާބު ލިބުނީ ޕްރެޝަރާ ކުރިމަތިލައިގެން: ކޯޗު

އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން 5-0 އިން ރޭ މޮޅުވީ، ފުރަތަމަ ހާފުގައި ކުރިމަތިވި ޕްރެޝަރާ ކުރިމަތިލައި އޭގެ މައްޗަށް ކުރި ހޯދުމުން ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

ސްޓެވާޓްގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކޮޅަށް ރާއްޖޭން ފަސް ލަނޑު ޖެހީ ވެސް ދެ ވަނަ ހާފްގަ އެވެ. ރާއްޖޭގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު އަސަދުﷲ އަބްދުﷲ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިސްމާއިލް އީސާ އެވެ.

ގާތްގަނޑަކަށް ބަންގްލަދޭޝްގެ 9000 ސަޕޯޓަރުން ވަން މި މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، މި ހާފްގައި ބަންގްލަދޭޝް އިން ރާއްޖެ އަށް ނުރައްކާކުރި އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ކޯޗު ސްޓެވާޓް ވެސް ބުނީ ފުރަތަމަ ހާފްގައި ކުޅެން އުނދަގޫވި ކަމަށެވެ.

"ފުރަތަމަ 20 މިނިޓްގައި (އިދިކޮޅު) ސަޕޯޓަރުންގެ އަޑުގަދަވެ އަހަރެމެންނަށް ޕްރެޝަރު ބޮޑުވި. ބަންގްލަދޭޝް އަށް ލިބުނު ކޯނަރުތަކާއި ދިގު އެއްލުންތަކެއް އެއްލައިގެން އެމީހުން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި. މި ހާފްގައި ޕްރެޝަރާ ކުރިމަތިލައިގެން ކުޅުންތެރިން ދެއްކި ކުޅުމަށް އަހަރެން ސާބަސްދެން. އެ ވަގުތު ދެއްކި ކުޅުމުން މެޗުގެ ފަހު ކޮޅުގައި އަހަރެމެންނަށް ފަސޭހަވީ،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ ވަކިވަކި ކުޅުންތެރިންގެ ކުޅުމަށް ފާޑުކިއުމަކީ ކުރާހިތްވާ ކަމެއް ނޫން ކަމަށެވެ.

"އަހަންނަކީ ވަކިވަކި ކުޅުންތެރިންގެ ކުޅުމަށް ފާޑުކިޔައި އުޅޭ ކޯޗެއް ނޫން. އަހަރެންނަކީ ޓީމުގެ ކުޅުމަށް ފާޑުކިޔާ ކޯޗެއް. އަހަރެންގެ ކުޅުންތެރިން ކުރާ މަސައްކަތުގެ ކްރެޑިޓް ނަގާކަށް ވެސް ބޭނުމެއް ނޫން. އެއީ ދަނޑުމަތީގައި ކުޅެނީ އަހަންނެއް ނޫން. ގައުމީ ޓީމަކަށް ކުޅޭއިރު ބޭނުންވާނެ ހުރިހާ ކަމެއް މި މެޗުން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އެއީ އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ،" ސްޓެވާޓް ބުންޏެވެ.

ރޭގެ މެޗަކީ ފާއިތުވި ދެ އަހަރަށް ބަލާއިރު ރާއްޖެ އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. ސްޓެވާޓް ބުނީ މާޒީގައިވެދިޔަ ކަންތައްތަކާ އޭނާ އެއްގޮތަކަށް ވެސް ނުވިސްނާ ކަމަށެވެ.

"މެޗުގެ ކުރިން އަހަރެން ކުޅުންތެރިން ކައިރިން އެދުނިން ވެދިޔަ ކަންތައް ހަނދާން ނައްތާލަން. އޭގެން ކުރާނެ ފައިދާއެއް ނެތް. ކުރިން މިތަނުގައި އަހަރެންނެއް ނެތް. ކުޅުންތެރިން އަހަރެން އެދުނު ގޮތަށް މި މެޗުގައި ކުޅުނު. ވަރަށް ބަލާހިތްވާ ކުޅުމެއް ދެ ވަނަ ހާފްގައި ފެނިއްޖެ. ނަތީޖާ އަހަރެން އުއްމީދުކުރި ވަރަށް ވުރެން ވެސް ރަނގަޅު، ދެން އޮތީ ލާއޯސް މެޗަށް ތައްޔާރުވުން" ސްޓެވާޓް ބުންޏެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ލާއޯސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.