ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟
ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟

ބަޣުދާދު (މެއި 3) - އެއީ ދުނިޔޭގައި ހޯދަން އެންމެ ބޮޑަށް ބޭނުންވެފައިވާ މީހާ އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް-ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟
ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟

އައިއެސްގެ ޚިލާފަތު ޖޫން 2014 ގައި އިރާގުގެ މޫސަލްގެ ނޫރީ މިސްކިތުގައި އިއުލާން ކުރީ ބަޣުދާދީ އެވެ. އެއީ އޭނާގެ ފުރަތަމަ ފެނިލުމެވެ. އޭގެ ފަހުން ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިދިޔަ ހަފުތާގައި ބަޣުދާދީ ވަނީ 18 މިނިޓުގެ ވީޑިއޯއެއް ނެރެފަ އެވެ. ދެން މުޅިން ވެސް ބަޣުދާދީގެ އަޑުން ނެރެފައި ވަނީ އޯޑިއޯ އެވެ. އޭނާގެ ޚަބަރެއް ނުވާތާ ދުވަސްތަކެއް ވެއްޖެ ނަމަ ބޮމުގެ ހަމަލާތަކުގައި ބަޣުދާދީ މަރުވި ކަމުގެ އަޑުތައް ފަތުރަ އެވެ.

ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟
ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟

އިރާގާއި ސީރިއާގައި އައިއެސްގެ ބާރުގެ ދަށުގައިވާ ހުރިހާ ބިންތަކެއް ހިފައިފި އެވެ. އެކަމަކު ބަޣުދާދީއެއް ނުހޯދުނެވެ. އޭނާ ވީތަނެއް ވެސް ނޭނގެ އެވެ. އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންގެ އަތުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ހުރި ނަމަވެސް ބަޣުދާދީ އުޅޭ ތަން ދެނެގަނެވޭ ގޮތެއް ނުވެ އެވެ.

ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟
ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟

ރިޕޯޓްތައް ބުނާ ގޮތުގައި ނޮވެމްބަރު 3، 2016 ގައި ބަޣުދާދީ އަށް ވަނީ ގޯހެއް ހެދިފަ އެވެ. އެ ފަހަރު އޭނާ ސަލާމަތްވީ ކިރިޔާ އެވެ. އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ، މޫސަލްގެ ހަނގުރާމަ ވަރުގަދަވެ އައިއެސް ފިތެމުން ދަނިކޮށް، މޫސަލް ސިޓީގެ ބޭރުން ކޮންމެވެސް ހިސާބެއްގައި ހުރެ ބަޣުދާދީ ވަނީ އައިއެސްގެ ހަނގުރާމަވެރިންނަށް ހިތްވަރު ދޭން 45 ސިކުންތުގެ ރޭޑިއޯ ކޯލެއް ކޮށްފަ އެވެ.

ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟
ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟

އެ ކޯލް ވަނީ އެމެރިކާ ކޯލިޝަނުގެ މަތިންދާ ބޯޓަކުން އަޑު އަހައި ބަޣުދާދީ ހުރި ތަން ހޯދަން ވަގުތުން މަސައްކަތް ކޮށްފަ އެވެ. އެކަމަކު ބޮޑީގާޑުންނާ އެކު ބަޣުދާދީ ވެސް ވަނީ އެހެން ތަނަކަށް އަވަހަށް ބަދަލުވެފަ އެވެ. އޭގެ ފަހުން ވަނީ ރިއަލް ޓައިމްގައި އެއާވޭވްސް ނުފޮނުވަން ބަޣުދާދީ އަށް އޭނާގެ ބޮޑީގާޑުން އަންގައިފަ އެވެ.

ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟
ބަޣުދާދީ އަތުލައިގަންނަން ދަތިވެގެން އުޅެނީ ކީއްވެ؟

އަލް ގައިދާ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިން އުޅޭ ތަނެއް ހޯދާ އޭނާ މަރާލަން އެމެރިކާގެ އިންޓަލިޖެންސް އެޖެންސީން 10 އަހަރު ހޭދަކުރި އެވެ. ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ބިން ލާދިން ހޯދަމުން ގޮސް އެމެރިކާގެ ނޭވީ ސީލުގެ ކޮމާންޑޯ އިން ބިން ލާދިން ހޯދާ މަރާލީ މެއި 2، 2011 ގައި ޕާކިސްތާނުގެ އަބޮތުއާބާދުންނެވެ.

ވޯންޓެޑް ލިސްޓުގައި ތިބޭ މީހުން މޯބައިލް ފޯންކޮށް، އެއް ލޮކޭޝަނެއްގައި އޮންލައިންގައި މާގިނައިރު ނުތިބޭނެ އެވެ. ބިން ލާދިން އާއި ބަޣުދާދީ ވެސް އެކަމުގައި ކުޅަދާނަ އެވެ. ބިން ލާދިން ހޯދީ ޑިޖިޓަލް ފުޓްޕްރިންޓުގެ އެހީގައެއް ނޫނެވެ. އެކަމަކު ބިން ލާދިން އަތުލައިގަތީ އޭނާގެ މެސެޖްތަކާއި ވީޑިއޯތައް އިންޓަނެޓަށް އަޕްލޯޑް ކުރަން ގެންދާ މީހާގެ ފަރާތުން ހޯދި މައުލޫމާތުގެ އެހީގަ އެވެ.

އެހެންވެ ބަޣުދާދީއާ އެކު އަބަދުވެސް ތިބެނީ އޭނާ ވަރަށް އިތުބާރު ކުރާ މީހުންނެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިންގެ ވެރިކަން އެމެރިކާ ސިފައިން ވައްޓާލުމުން ވެސް ފިއްލަވައިގެން ނުވަ މަސް ދުވަހު އުޅުއްވި އެވެ. އެމެރިކާގެ ރެޑް ޑޯން އިން ސައްދާމު ހޯދީ އުފަން އަވަށް ތިކްރީތުގެ ބިންގަރާހެއްގައި ފިއްލަވައިގެން އޮންނަވަނިކޮށެވެ. ސައްދާމާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށް ދިނީ އޭނާ އަށް ބޭވަފާތެރިވި މީހަކު، މަލްޓި- މިލިއަން ޑޮލަރުގެ އިނާމުގެ ބޭނުމުގަ އެވެ.

އެހެންކަމުން ދުނިޔޭގެ އެންމެ ހޯދަން ބޭނުންވެފައިވާ މީހާ އޯފްލައިންގައި އުޅެ، މޯބައިލް ކޯލް ނުކޮށް، އަވަސް އަވަހަށް އެއް ތަނުން އަނެއް ތަނަށް ބަދަލުވަމުންދާ އިރު އެމެރިކާ އާއި ހުޅަނގަށް ބަޣުދާދީ ހޯދިދާނެކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. ނޫނީ ބަޣުދާދީއާ ބެހޭ މައުލޫމާތު ދޭނެ އައިއެސްގެ މެންބަރަކު ހުރެދާނެތޯ ވެސް ސުވާލު އުފައްދަ އެވެ.

އިރާގު ސަރުކާރުގެ ރަސްމީ ލިޔުންތަކުގައިވާ ގޮތުން ބަޣުދާދީ ނުވަތަ އަސްލު ނަމުން ނަމަ އިބްރާހިމް އަވާދު އަލް ބަދްރީ އުފަންވެފައި ވަނީ 1971 ވަނަ އަހަރު ސަމައްރާގަ އެވެ. އެމެރިކާ އިން 2003 ވަނަ އަހަރު އިރާގަށް އެރުމުގެ ކުރިން ބަޣުދާދީ އަކީ މިސްކިތުގެ އިމާމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ބަޣުދާދީ އަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭންގެ ވެރިކަމުގެ ދުވަސްވަރު ޖިހާދީ ހަނގުރާމަވެރިއެކެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ހަރުކަށި ޚިޔާލުގެ މީހަކަށް ބަޣުދާދީ ބަދަލުވީ އިރާގުގެ ދެކުނުގައި އެމެރިކާގެ ޖަލެއްގައި ބަޣުދާދީ ގެންގުޅުނު ހަތަރު އަހަރު ދުވަހު އެވެ. އެ ތަނުގައި އަލްގައިދާގެ އެހެން ކޮމާންޑަރުން ވެސް ބަންދުކޮށްގެން ގެންގުޅުނެވެ. ބަޣުދާދީ ފަހުން ވަނީ އިރާގުގައި އައިއެސްގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އައިއެސް އަކީ އަލްގައިދާއާ ވަކިވެގެން 2010 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ.

ބަޣުދާދީގެ ފުރަތަމަ އަނބި މީހާ އަށް ހަތަރު ކުދިން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އިރާގުގެ އިންޓަލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި އިސްލާމިކް ސްޓަޑީޒް އިން ބަޣުދާދީ ވަނީ ޕީއެޗްޑީ ނަގައިފަ އެވެ. އަދި ތިކްރީތު ޔުނިވާސިޓީގެ ޕްރޮފެސަރުކަން ވެސް ކޮށްފައިވެ އެވެ.

ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ.