ކޮލަމްބޯގެ ބްރިޖްތަކަށް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ދީފި
ކޮލަމްބޯގެ ބްރިޖްތަކަށް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ދީފި

ކޮލަމްބޯ (މެއި 4) - ކޮލަމްބޯގެ ބްރިޖްތަކަށް ހަމަލާދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކޮލަމްބޯގެ އެކި ސްޓޭޝަންތަކަށް އިތުރު ސިފައިން ފޮނުވުމަށް އަންގާފައިވާ ކަމަށެވެ. އަދި ވެރިރަށުގެ އެކި ބްރިޖްތަކަށް ހަމަލާ ދޭން އުޅޭކަމުގެ އިންޓަލިޖެންސް ރިޕޯޓްތައް ލިބުމާ ގުޅިގެން ކޯރުތައްް ޕެޓްރޯލް ކުރުމަށް ނޭވީ އަށް އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޓެރަރިޒަމްގެ ހަމަލާތައް ކޯޑިނޭޓް ކުރުމަށް ލަންކާ ސިފައިން މިހާރު ވަނީ ޚާއްސަ ކޮމާންޑް ސެންޓަރެއް ވެސް ގާއިމްކޮށްފަ އެވެ.

ސަލާމަތީ ފަރާތްތަކުން މިހާރު ހިންގާ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި ވަނީ ގިނަ އަދަދެއްގެ ގޮވާ ތަކެއްޗާއި ހަތިޔާރު އަތުލައިގެންފަ އެވެ. ނަމަވެސް ފުލުހުން ބުނީ އެއީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ބައެއްގެ އެއްޗެހި ނޫން ކަމަށާއި އެ ތަކެތި ނިސްބަތް ވަނީ ޖިނާއީ ކުށްތައް ކުރާ ގްރޫޕްތަކަށް ކަމަށެވެ.

ހެލްތު މިނިސްޓަރު އަދި ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވީ ހައްދުފަހަނަޅާފައިވާ ކުޑަ ގްރޫޕަކުން ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ބޮމުގެ ހަމަލާތަކަށް ފަހު ޓެރަރިސްޓުން ހޯދަން ހިންގާ އޮޕަރޭޝަން ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިރު އެކީގައި ފިލައިގެން ހިނގައްޖެ ކަމަކަށް ނުބުނެވޭނެ. އެކަމަކު ހާލަތު ވަނީ އަންޑަ ކޮންޓްރޯލްގައި،" އޭނާ ވިދާޅުވި އެވެ.

ސެނެރަތުނަ ވިދާޅުވީ އީސްޓާ ސަންޑޭ ބޮމުގެ ހަމަލާއާ ގުޅުން ހުރި ހަތަރު ޓެރަރިސްޓަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޮމުގެ ހަމަލާތަކުގައި ވަނީ 257 މީހުން މަރުވެފަ އެވެ.