05 މެއި 2019 - 12:46

އަހަރުތަކަށް ފަހު މާލޭ ވަރުނުލާ ރާޅުގަނޑުގައި ބޭއްވި ރާޅާއެޅުމުގެ ފުރަތަމަ މުބާރާތް ކަމަށްވާ ސީ ސްޕޯޓްސް ރާޅު ސީޒަން އޯޕަނިންގެ ޝޯޓްބޯޑް ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) އަދި ބޮޑީބޯޑް ޗެމްޕިއަންކަން އަލީ ޖާވީދު (ޖާއްޓެ) ހޯދައިފި އެވެ.

ޝޯޓްބޯޑް ކެޓަގަރީގެ ދެ ވަނަ އަހުމަދު އަގީލް ހޯދިއިރު ތިން ވަނަ އަކީ އިސްމާއިލް ރަޝީދު (ސްމައިލޭ) އެވެ. މި ކެޓަގަރީގައި ޖުމްލަ 23 ރާޅާއެޅުންތެރިން ވާދަކުރި އެވެ.
ބޮޑީބޯޑިން ކެޓަގަރީގެ ދެ ވަނަ ހޯދީ އަސްވާން މުހައްމަދެވެ. ތިން ވަނަ ހޯދީ އަހުމަދު ނަޒްމީން އެވެ. މި ބައިގައި 21 ރާޅާއެޅުންތެރިން ބައިވެރިވި އެވެ.
ޖުމްލަ 44 ރާޅާއެޅުންތެރިން ވާދަކުރި މުބާރާތުގައި މި ފަހަރު ރާއްޖޭގެ އެކި ހިސާބަތަކުން ގިނަ އަދަދަކަށް ރާޅާއެޅުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ލ. އަތޮޅާއި ފުވައްމުލަކުގެ ރާޅާއެޅުންތެރިން ހިމެނެ އެވެ.
ސިނަމާލޭ ބްރިޖް އެޅުމަށްޓަކައި އެ ސަރަހައްދު ބަންދުކުރުމުން، މުބާރާތެއް ނުބޭއްވި ފަސް އަހަރު ދިއުމަށް ފަހު ބޭއްވި ފުރަތަމަ މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރަކަށް ލިޒީ ހަމަޖައްސާފައިވާއިރު ޕާޓްނަރު ސްޕޮންސަރުންނަކީ ސީ ގިއާ އާއި ދިރާގެވެ.
މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ރާޅުގަނޑު ބަންދުކޮށްފައި އޮތުމުން ރާޅާއެޅުންތެރިން ރާޅަށް ދިޔައީ ކ. ތަނބުރުދޫ އަށެވެ. ސަރުކާރުން އިސް ނަގައިގެން އެމްޓީސީސީން ވަނީ ރާޅާއެޅުންތެރިންނަށް މާލެ އާއި ތަނބުރުދޫއާ ދެމެދު ފެރީ ބާއްވައިދީފަ އެވެ.