07 މެއި 2019 - 10:39

މަޑުމަޑު އެލާމްއަކުން އިއުލާންކުރީ މެންދަމުން އަލިވެ އެކެއްޖެހި ކަމެވެ. ދަންވަރުގެ ހިމޭންކަން ހިތްތަކަށް ހަމަޖެހުން ގެނެސްދެމުން ދިޔައެވެ. މަޑުތަންމަތިތަކުގައި އަރާމު ނިންޖަކުން ނަފްސުތައް ނިދާފައިވެއެވެ.
"ވާދީ" ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ބޮޑު ކޮޓަރީގައި ނަވާލް ހުރީ ކުޑަދޮރުގެ ކައިރީގަ އެވެ. އެނދުގެ އެއްކަނެއްގައި އަފްނާން އިނެވެ. ގައިގައި ފޭރާމެއްނެތި ހަމައެކަނި މެއާއި ކަކުލާއި ދެމެދުގައި ބެޑްޝީޓްގެ ބަޔަކުން ފޮރުވާލައިގެންނެވެ. ކުޑަދޮރުގެ ކައިރީ ހުރި ނަވާލް ހުރީ ހުސް ސޯޓެއްގައެވެ.
"އަހަރެން ހިއެއް ނުކުރަން ނަވާލް ނިންމުން ބަދަލުވެދާނެ ކަމަކަށް، މިއީ އަހަރެން ރުހޭގޮތެއް ނޫން، ކައިވެނީގެ ކުރިން ދެ މީހުން އެއްބަސްވީ ދެ އަހަރު ވުމުގެ ކުރިން ކުއްޖަކު ނުހޯދަން. ނަވާލް އަށް ވެސް އެނގޭނެ އަހަރެން މިއުޅެނީ މާސްޓާސް ހެދުމުގައިކަން،. ކިޔެވުމުގެ ބާކީ ދޮޅު އަހަރު އޮއްވާ މެދުކަނޑާނުލެވޭނެކަން." އަފްނާން އަޑު ނިކުތީ ރުއިމާ އެކުގަ އެވެ.
ނަވާލް ފަސްއެނބުރި ބަލައެއް ނުލި އެވެ. ދޮރުކަނީގައި ހިފަހައްޓާފައި ހުރި އިނގިލިތަކަށް އިތުރު ބާރެއްލީކަން އަފްނާން އަށް ފެނެއެވެ. ނަވާލް ދެލޯ މަރާލި އެވެ.
"އަފޫ، ޕްލީޒް، ދަރިފުޅު ބޮޑުވީމަ ކިޔެވުމުގެ ބާކީ ބައި ކުރިއަށް ގެންދެވޭނެ، އޭރުން އަހަރެންގެ ނެތް އެއްވެސް މައްސަލައެއް،" ނަވާލް އެނބުރިފައި އަފްނާންގެ ކައިރިއަށް އަންނަން ފެށި އެވެ.
އަފްނާން މޫނު އަނެއް ފަރާތަށް އަނބުރާލައިގެން އިނީ އެވެ. ލަމުން ދިޔަ ބާރު ނޭވާތަކުން އޭނާ ހިތްހަމަނުޖެހިފައި އިންކަން އެނގެއެވެ. ނަވާލްގެ ހިޔަނިވެގެން އަފްނާން ބަލައިލީ ރުޅިވެރިކަމާ އެކުގަ އެވެ.
** ** **
ކުލަގަދަ ރަސްމިއްޔާތަކުން އެ ދެ ހިތް ގުޅުނީ މީގެ ހަ މަސްކުރިންނެވެ. ދެ ޒުވާނުންނަކީ ވެސް ޗައިނާގައި ކިޔަވަމުން އައި ދެ ދަރިވަރުންނެވެ. އެ ދެ މީހުންގެ ލޯބީގެ ފެށުން އައީ ޔުނިވާސިޓީގެ ތެރެއިންނެވެ. ނަވާލްގެ ފަހު އަހަރު ކައިވެންޏަށް އެހި އެވެ. އަފްނާން އެންމެ ލޯބިވާ ފަރާތަކީ ނަވާލް އެވެ. އޭނާ ހުރީ ނަވާލްގެ ހައްގަކަށްވުމަށް އެދިއެދި އެވެ. ނަވާލްގެ ރީތިކަމާއި ފުރިހަމަ ކަމަށް ގިނަކުދިން ޝައުޤުވެރިވެފައި ހުއްޓާ އެ ނަސީބުވެރިއަކަށްވީ އަފްނާން އެވެ. އެ ދެ މީހުންގެ ލޯބީގެ ވާހަކަ ޔުނިވާސިޓީގައި ނުދަންނަ މީހަކު ނޫޅެ އެވެ.
ކައިވެނިކުރެވުނު އިރު ނަވާލް އަށް ވަޒީފާ މުޅިން ހަމަނުޖެހެއެވެ. އެހެންވިއަސް ބައްޕަގެ ވިޔަފާރި ބަލަހައްޓައިގެން އަފްނާންއަށް ޚަރަދުކުރެވޭނެކަމުގެ ޔަގީންކަން އޮތެވެ. ކައިވެނީގެކުރިން އަފްނާން އެދުނީ އޭނާ ކިޔަވައި ނިމެންދެން ކުއްޖަކު ނުހޯދާ މަޑުކުރުމަށެވެ. ދެވަނަ ކަމަކަށް އަފްނާން ވަޒީފާ އަށް ދިއުމަށް ނަވާލް އިއުތިރާޟް ނުކުރުމަށެވެ. އެ ދެ ކަންތަކަށް ނަވާލް އެއްބަސްވި އެވެ.
އަފްނާން އާ ބައްދަލުކުރަން ކޮންމެ ދެ މަހަކުން ނަވާލް އާދެއެވެ. މިފަހަރު ސެމިސްޓާ ބްރޭކަކަށް ދިމާވާތީ އަފްނާން އައީ ރާއްޖެއަށެވެ. ނަވާލް ގެ ފަރާތުން ލޯބި ލިބުމުގައި އުނިކަމެއް ނުވެއެވެ. އަފްނާން އާ އެކު ވަގުތު ހޭދަކުރުމުގައި ނަވާލް ފޫހިވުމެއް ނެތެވެ. ނަވާލް ކައިރީ ބަލައިގެން އުޅުމަށް އަފްނާން ހަނދާންކޮށްދެއެވެ. އެކަމަކު މިފަހަކަށް އައިސް ނަވާލް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓަ އެވެ.
** **
ހެނދުނު އަފްނާން އަށް ހޭލެވުނުއިރު ނަވާލް ބަދިގޭގައި އުޅެއެވެ. އަފްނާން އަށް އެންމެ ކަމުދާ ނާސްތާ ތައްޔާރުކޮށްދިނެވެ. އަފްނާން ހޭލިކަން އެނގުމާ އެކު ކައިރިއަށް އައިސް ދުވަހުގެ ތަހްނިޔާ ކިޔަ އެވެ.
"މިއަދު އަހަރެމެން ޑޮކްޓަރަށް ދައްކަން ދާންވާނެ،" އެނދުމަތީ ޓްރޭ ބަހައްޓަމުން ނަވާލް ބުނެލި އެވެ. އަފްނާން ހިތްހަމަނުޖެހިފައި އިނީ އެވެ. "ފާމަސީން ކިޓެއް ގެނައީމަ އެކަން އެ ނިމުނީނު."
ބަނޑުބޮޑުކަން ޔަގީންކުރުމަކީ މިހާރު އަމިއްލައަށް ވެސް ކުރެވޭ ވަރުގެ ކަމެކެވެ.
"ޑޮކްޓަރަށް ދައްކަން ދަނީ ބޭބީ ބަލާލަން، އަފޫއަށް ބޭސް ގަންނަން ޖެހޭނެ، އެހެން ނޫނީ ހޮޑުލެވޭއިރު ރަނގަޅަށް ނުވެސް ކެވޭނެ." ނަވާލް އަފްނާންގެ އަތުގައި ހިފި އެވެ.
އަފްނާން އަށް ބަލައިލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ، އެ މޫނުމަތިން ބަޔާންކުރަން ނޭނގޭ ކަހަލަ ރިހުމެއްވާހެން ހީވެއެވެ.
"އަހަރެންގެ އެންމެ އެދުމެއް އޮތީ، މި ދަރިފުޅު ދުނިޔެއަށް އުފަންކުރުވުން. އޭގެފަހުން ހުރިހާ ނިންމުމެއް އޮންނާނީ އަފްނާންގެ އަތްމަތީ،" ހިތްދަތިވެފައިވާ މީހެއް ފަދައިން ނަވާލްގެ އަޑު އައީ ކީއްވެކަމެއް އަފްނާންއަކަށް ނޭނގެއެވެ.
ނަވާލް އާއި ދެކޮޅަށް އެއްޗެއް ބުނަންނުކުރެވުނީ ނަވާލްގެ މޫނުމަތިން ފެންނަން ހުރި އަސަރުތަކުގެ ސަބަބުންނެވެ. ނޭނގޭ ހިތްދަތިކަމެއް އޭނާއަށްވެސް ލިބުނެވެ.
ނަވާލް ގެނައި ޓްރޭ އަފްނާންގެ އުނގުމަތީ ބަހައްޓައިދިނެވެ. އަފްނާން ބަލައިލީ ޓްރޭއަށެވެ. ޓޯސްޓަކާއި ކިރުތައްޓެއް ހުއްޓެވެ. ދޮންވެފައި އޮތް ދެވަށް ކެޔޮ އޮތެވެ. އަފްނާން ގަޔާވާ އެއްޗެއް އޭގެތެރެއަކު ނުވެއެވެ. ތަރުކާރީ ސޭންޑްވިޗު ހެދީ ސިއްހަތަށް ފައިދާހުރި އެއްޗެހި ކާންޖެހޭތީ ކަމަށް ނަވާލް ބުންޏެވެ. އަފްނާންގެ ކައިރީ އާދޭހާއ އެކު ނަވާލް އެދުނީ އޭގެ ރަހަ ބެލުމަށެވެ. އެއްކަނުން އެތިކޮޅެއް އެތުވާލިތަނާއި އަފްނާންއަށް ހީވީ އަނގަތެރެ ފުރުނުހެންނެވެ. އެނދުމަތިން އަވަހަށް ތެދުވަން ހަދައިގެން އުނގުމަތީގައި ހުރި ޓްރޭ ތިރިއަށް ވެއްޓުނެވެ. އޭގައިހުރި އެއްޗެހި އެކިދިމާލަށް ބުރައިގެން ދިޔައެވެ. އެވަރުން ވެސް ފާޚާނާއި ހަމަޔަށް ނުދެވެނީސް ހޮޑުލެވުނެވެ.
މޫނުދޮވެލައި ހަދައިގެން އަފްނާން ނިކުތުމުން ނަވާލް އެދުނީ ސިޓިންރޫމްގައި މަޑުކުރުމަށެވެ. ކޮޓަރި ތެރެ ސާފުކޮށް ހެދީ ނަވާލްއެވެ. ދުވަހަކުވެސް ނަވާލް މަސައްކަތްކުރިތަން އަފްނާންގެ ލޮލަކަށް ނުފެނެއެވެ.
ފެންވަރައިގެން ނިކުމެ ތުވާލި އެނދުމައްޗަށް ނޫނީ ދުވަހަކު ވެސް އެއްލައިނުލާނެއެވެ. އަފްނާން ހަޅެއްލެވިއަސް ނަވާލް ފަރުވާކުޑަކަމަށް ބަދަލެއް ނާދެއެވެ. އެކަމަކު އޭނާ ބަނޑުބޮޑުކަން އެނގުމާ އެކު ނަވާލްއަށް ބަދަލު އައީ ޚުދު އޭނާ ވެސް ހައިރާންވާ ދަރަޖައަށެވެ.
ދެވަނަ ނާސްތާއެއް ތައްޔާރުކޮށްފައި އަފްނާން އަށް ނަވާލް ގެނެސްދިނެވެ. މިފަހަރު ގެނައީ ކުޅި ސޫޕެކެވެ. ސަމުސަލުން އެތިފޮދެއް ނަގައި އަފްނާންގެ ތުންފަތުގައި ޖައްސާލުމުން ދެކޮޅު ނުހަދައި ކޯވަރެއް ބޯލިއެވެ. ދެން ހީލާފައި ނަވާލްގެ އަތުގައި ހުރި ސޫޕްތަށި އަތުލާފައި އޭނާ ބޯންފެށި އެވެ. އެބޮއި ނިމެންވާއިރަށް ނަވާލް އައީ ފެން ހިފައިގެންނެވެ.
އޭގެ ދެތިން މަސް ފާއިތުވީއިރު އަފްނާންގެ ދަށްބަނޑު އެނގޭހާ ވިއެވެ. އެކުވެރިންގެ ތެރެއިން ގިނަކުދިންގެ ފާޑުކިއުން އަމާޒުވި އެވެ. މިހާރު ނުކިޔެވުނު އެއްޗެއް ކުދިން ލިބުމަށްފަހު ނުކިޔެވޭނެކަމުގައި އެ މީހުން ބުނެއެވެ. އެކަމަކު އަފްނާންއަށް އިހްތިރާމްކުރި މަދު އެކުވެރިއަކު ވިއެވެ.
ބަނޑުގައި އަށަގަންނަމުން ދިޔަ ދަރިފުޅާއި މެދު މަޑުމަޑުން ފިކުރުކުރެވެން ފެށި އެވެ. ފަހަރެއްގައި އެއީ ކޮޓަރީ ތެރޭގައި ނަވާލް ފުރައިދިން ތުއްތު ތުއްތުކުދިންގެ ތަސްވީރުން ކަމުގައި ވެދާނެ އެވެ. ނަވާލް އެއްކުރަމުން ދިޔަ ދަރިފުޅުގެ އެއްޗިއްސަށް އަފްނާން ބައެއް ފަހަރު ބަލާލަ އެވެ. ވަކި ކޮޓަރިއެއް ދަރިފުޅަށްޓަކައި ތައްޔާރުކުރުމުގައި ނަވާލްގެ ވަގުތުތައް ހުސްކުރަމުން ދިޔަ އެވެ. އެހެން ނަމަވެސް އަފްނާންއަށް ބަހައްޓާ އޯގާތެރިކަމަށް ފަރުވާކުޑަނުކޮށެވެ. ދަރިފުޅު ތޮޅިލާނެ ވަގުތަކަށް ނަވާލް އިންތިޒާރުކުރަމުން ދިޔަ އެވެ. ބައެއް ފަހަރު އަފްނާންގެ ބަނޑުގައި ކަންފަތްޖަހާލާ އަޑުއިވޭތޯ ބަލައެވެ. ދަރިފުޅާއި ވާހަކަ ދައްކައެވެ.
އަފްނާން އަށް ރައްޓެއްސެއްގެ އުފަންދުވަހުގެ ޕާޓީ އަށް ދައުވަތު ލިބުނެވެ. އެތަނަށް ދާން އަފްނާން ބޭނުންވިއެވެ. ވިޔަފާރިކަމެއްގައި ނަވާލް އަށް އެދުވަސްވީ ބުރަ ދުވަހަކަށެވެ. އެހެންވިއަސް އަފްނާން ދިއުމަށް މަނަލެއް ނުކުރިއެވެ. ނަވާލްއަށް ވަގުތެއްވެއްޖެ ނަމަ ދާނެ ކަމަށް ބުނެލި އެވެ.
އަފްނާން އެ ގެއަށް ދިޔައިރު އެކުވެރިންގެ ނަޒަރުހުރީ އޭނާގެ ބަނޑަށެވެ. ކަކުލާ ހަމަޔަށް އަންނަ މެކްސީގެ ބަނޑާއި ބުޑުމަތިން ބާރުކަމުން އޭނާ ބަނޑުބޮޑުކަން އެންމެންނަށް އެނގޭހާ ވެއެވެ. ޕާޓީގެ ހޯލުގައި އެކުވެރިންގެ ސަކަރާތްޖެހުމާއި ހުނުމުގެ އަޑުން ވަނީ ހަލަބޮލިކޮށްފަ އެވެ. ސިނގިރޭޓުގެ ދުމުން ވަސްނުބައިކޮށްފަ އެވެ.
އަފްނާން ވައިޖައްސާލަން ކަމަށް ޒަހާ އާ އެކު މައްޗަށް އެރި އެވެ. ޓެރަސްގައި އިތުރުބަޔަކު ތިބިކަން އެނގުނީ ދެނެވެ. އަފްނާން ފެނުމުން ރައުލާ ފާޑަކަށް ހިނި އައިސް ބަލާލި އެވެ. އެއީ އަބަދުވެސް އަފްނާން އާއި ޖައްސާލާފައި ހުންނަ އަންހެނެކެވެ. ޚާއްސަކޮށް ނަވާލް އާއި ކައިވެނިކުރުމުން އިތުރަށް ރުޅި އާދެއެވެ. ރައުލާ ބޭނުންވި ނަވާލް އަފްނާން އަށް ލިބުމުން އެކަމުގެ ހަސަދަ އަބަދުވެސް އޮވެއެވެ. ދެވަނަ ކަމަކީ ރައުލާގެ މާކްސްތައް އަބަދުވެސް އަފްނާން އަށް ވުރެ ދަށްވުމެވެ.
"ލުކް އެޓް ޔޫ." ރައުލާގެ އަޑަށް އަފްނާން ބަލާލި އެވެ. އަފްނާންގެ އަތުގައި ހިފައި، ޒަހާ އެދުނީ ތިރިއަށް އެނބުރި ދިއުމަށެވެ.
"ލުކް ލައިކް އަ ލޫޒާރ." ރައުލާ ކުރީ މަލާމާތެވެ.
އަފްނާން އަކީ ނާކާމިޔާބު މީހެކޭ ރައުލާ ބުނީ ކީއްވެކަން ނޭނގިފައި އަފްނާން ހުރީ ހައިރާންވެފަ އެވެ.
"އަހަންނާ ބީޓް ނުކުރެވޭނެކަން އެނގުނީމައި ކޮލެޖުން ވަކިވާން ހޯދި ބަހަނާއެއްނު ތިއީ،" ރައުލާގެ ނިޔަތް އަފްނާންއަށް ސާފުވިއެވެ. "އަހަރެން އަބަދުވެސް ހުރީ ރައުލާއަށްވުރެ ކުރީގައި، މިފަހަރު ވެސް، ކިޔެވުން ދޫކޮށްލުމަކުން އަހަރެން ވަކި ދެރައެއް ނުވޭ، އައި އެމް އޯލްރެޑީ ބްލެސްޑް، ރައުލާގެ ކައިވެންޏަށް ތިން އަހަރު ވީއިރު ނުވި ކަމެއްނު މިއީ."
އަފްނާން ބޭނުންވީ ރައުލާ ދެރަކުރާށެވެ. ރައުލާ ބުމަ ގޮށްޖަހާލާފައި އަފްނާންއަށް ހަޅޭއްލަވައިގަތެވެ.
"އަހަރެންގެ ފިރިމީހާ އޭނާގެ އެދުމަށް ވުރެ އިސްކަން ދެނީ އަހަންނަށް." އަފްނާން ހިތުގައި ޖެހުނެވެ. ނަވާލް އާއި މެދު ރުޅިވެރިކަމެއް އުފެދުނެވެ. އަފްނާން ބަނޑުބޮޑުވީ އޭނާގެ ރުހުމާ ނުލަ އެވެ. ހަމައެކަނި ނަވާލްގެ އެދުމެއް ހާސިލްކުރަންވެގެންނެވެ. އަފްނާން އަށް ރައުލާ އަށް ދޭނެ ރައްދެއް ނެތެވެ. ކެކިކެކި އޮތް ހިތުގެ މައްޗަށް އޭނާ އަށް ބާރެއް ނުފޯރުވުނެވެ. ރައުލާ ބަލިކޮށްނުލެވޭނެކަން އެނގުމުން އައި ރުޅީގައި އަތުގައި ހުރި ކޯކު ތަށި އުކާލީ ރައުލާގެ މޫނަށެވެ.
"ބިޗް." ރައުލާ އަށް ދެން ވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ދެ އަރިމަތީތިބި ދެ އެކުވެރިން އަނގަ ހުޅުވާލައިގެން ބަލަން ތިއްބެވެ. އަފްނާން ހިނގައިގަތުމުން ރައުލާ އައިސް އަފްނާންގެ ބުރަކަށީގައި އަޅާ ކޮއްޕާލި އެވެ. ޓެރަސްއަށް އަރަން ހުރި ސިޑިމަތިން އަފްނާން ތިރިއަށް ވެއްޓުނެވެ.
** **
ލޯހުޅުވުނުއިރު ނަވާލް އިނީ އޭނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ނަވާލްގެ ދެލޯ ވަނީ ފެންކަޅި ވެފަ އެވެ. އަފްނާން އަށް އޮވެވުނީ ކޮންތަނަކުކަން އެނގުނީ ދެނެވެ. އަތަށް ގުޅާފައި އޮތް އައިވީތަކާއި އީސީޖީމެޝިން ފެނުމުން އޭނާ ކަންބޮޑުވި އެވެ.
"ބޭބީ." އަފްނާން މަޑުމަޑުން ބަނޑުގައި އަތްޖައްސާލި އެވެ. އެ ވަގުތަކީ އެ ދަރިފުޅު ފުރަތަމަ ފަހަރަށް ތޮޅިލި ވަގުތެވެ.
ފުރަތަމަ ފަހަރަށް ލިބެން އުޅޭ ދަރިފުޅަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރު އެހިތުގައި އުފެދުނު ވަގުތަކީ އެއީއެވެ. އަދި ޖަވާބު ވެސް ލިބުނީ އިތުރު މީހަކު ބުނުމަކާ ނުލައެވެ.
"ޝީ އިޒް އޯލް ރައިޓް." ނަވާލް އަތްޖައްސައިލީ އަފްނާންގެ އަތްމަތީގަ އެވެ.
"ހައު ކެން ޔޫ ޑޫ ދިސް ޓު މީ.؟" އަފްނާން ޝަކުވާކުރި އެވެ.
ނަވާލް އިސްޖަހާލި އެވެ. އެ ސުވާލަށް އެތައް ފަހަރަކު ނަވާލް ޖަވާބު ދީފި އެވެ. އެއީ ނަވާލް ބޭނުންވެގެން ހޯދާ ކުއްޖެއްކަމުގައި އަބަދުވެސް ބުނެއެވެ. އަދި ނަވާލް ދެކެ ދުވަހަކު ވެސް އަފްނާން ލޯބިވި ނަމަ މި ދަރިފުޅު އުފަންކޮށްދިނުމަށް އެދިފައި ވާތީ އަފްނާން އަށް ކަމެއް ކުރާކަށް ނުކެރެއެވެ.
"އެ މީހުން އަހަންނަށް މަލާމަތްކުރޭ." އަފްނާން އަރުބެދޭ ގޮތްވިއެވެ. ނަވާލްގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އަފްނާން ރުޅި އަޔަސް އެކަމުގައި އޭނާ އަށް ކޮށްދެވޭނެކަމެއް ނެތްކަމެވެ.
"އައި އެމް ސޮރީ، އަހަންނަށް މިކަން ބަދަލެއް ނުކުރެވޭނެ، އެކަމަކު އަހަރެން އަފްނާން ދެކެ ލޯބިވަން. އަހަންނަށްޓަކައި ތިޔަ އުފުލާ ބުރައަށް ޝުކުރުވެރިވަން، ދެން ބާކީ އޮތީ ހަތަރު މަސް، ޕްލީޒް، އަހަންނަށްޓަކައި މިކަން ފުރިހަމަކޮށްދީ." ނަވާލް ދެލޯ ފޮހެލިއެވެ. އެ މޫނަށް ބަލަން އަފްނާން އޮތެވެ.
"ކުއްލިއަކަށް ކީއްވެތަ ނަވާލްއަށް ކުއްޖަކު މުހިއްމުވީ.؟" އަފްނާންގެ ސުވާލާއި އެކު ނަވާލް ސިހުނުކަން އޭނާގެ ލޮލުން ހެކިވިއެވެ. އެކަން ފޮރުވާލަމުން ހިނިތުންވާން މަސައްކަތްކުރަމުން ނަވާލް ވާހަކަ ދެއްކިއެވެ.
"އަބަދުވެސް އަހަރެމެން ކުދިން ދެކެ ލޯބިވެއެއްނު،، ފިލްމު ބަލާއިރުވެސް އަފޫ ބުނަމެއްނު އެކަހަލަ ލޯބި ކުއްޖެއް ބޭނުންވާ ވާހަކަ،" ނަވާލް ގެ މޫނަށް ބަލަން އަފްނާންއަށް އޮވެވުނެވެ. ކުޑަކުދިން ދެކެ އެންމެން ވެސް ލޯބިވާނެއެވެ.
ވިހަން ކައިރިވީއިރު އަފްނާން ހުރީ ފޮއްސިވެ ސިފައަށް ބަދަލު އައިހެވެ. ނޭފަތާއި ދެކޮލުގެ މަސްތައް ވަނީ ބޯވެފަ އެވެ. އަތްފައި ފޮއްސިވެ މުޅި މީހާ ދުޅަވެއްޖެ އެވެ. ސިފަހުތުރުވަމުން އައިއިރު އަފްނާން އަމިއްލަ ސޫރަ ދެކެ ލަދުގަންނަވަރުވިއެވެ. ބައެއްފަހަރު މި ނުވަމަސްދުވަސް ދިގުލައިދެމިގެންދާތީ ހިތްހަމަނުޖެހެއެވެ.
ފަހު ދެމަހު ނަވާލް އުޅެނީ ބުރަކޮށެވެ. ދޭތެރެއަކުން އޮފީސް ކަމަކު ރަށުން ބޭރަށް ދާންޖެހެއެވެ. އެއިން ކޮންމެ ފަހަރަކު ނަވާލްގެ އާއިލާ މީހަކު އަފްނާންގެ ކައިރިއަށް ގެނެއެވެ. މިހާ އަވަސްއަވަހަށް ރަށުން ބޭރަށްދާން ޖެހެނީ ކީއްވެތޯ އަފްނާން ސުވާލުކުރެއެވެ. ވިޔަފާރިކަންތަކުގައި ކަމަށް ބުނެ ނަވާލް އެދެނީ އިތުރު ސުވާލު ނުކުރުމަށެވެ.
ބައެއްފަހަރު އެ ޖަވާބާއި ހިތްހަމަނުޖެހިގެން އަފްނާން ޒުވާބުކުރެއެވެ. ސިފައަށް އަންނަ ބަދަލާ އެކު ނަވާލް ބަދަލުވަނީތޯ އަފްނާން އަހައެވެ. އެއިން ކޮންމެ ޒުވާބެއް ހައްލު ކޮށްދެނީ އާއިލާއިންނެވެ.
ދެފަރާތުގެ އާއިލާއިން ލިބޭ ހިތްވަރާއި އެކު ދުވަސްތައް ގުނަމުން ދިޔައިރު ވިހާގޭތެރެއަށް ހޯދަންޖެހޭ އެންމެ ކަމެއް ވެސް މަދުވިޔަނުދީ ވޭތޯ ނަވާލް ބެލިއެވެ. ވިހަންވެފައި އިންއިރު އަފްނާން އަށް ނޭނގޭ ގިނަ މައުލޫމާތު ނަވާލް ވަނީ އެއްކޮށްފަ އެވެ. އެއީ އަލަތުދަރިފުޅަށްޓަކައި ނަވާލްގެ ހިތުގައި އޮތް ލޯބީގެ ބޮޑުކަމުންކަން އަފްނާންއަށް އެނގެ އެވެ.
އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އޮފީސް ނިމިގެން ނަވާލް އަންނަން ވާއިރަށް އަފްނާން ކާން ތައްޔާރުކުރި އެވެ. ނަވާލް އަންނަންދެން އަފްނާން ޓީވީ އެޅުވި އެވެ. ސޯފާގައި ދެފައި ދަމާލައިގެން އިށީނދެވޭތޯ ބެލިއެވެ. މިއަދު ހެނދުނުން ފެށިގެން އުނަގަނޑަށް އަރާފައިހުރި ރިހުން ލުއިނުވާތީ އޭނާ އަށް ހުރީ އުދަނގޫ ވެފަ އެވެ. ނަވާލް އަންނަންދެން އަފްނާން އޮށޯވެލައިގެން އޮއްވާ ނިދިޖެހުނެވެ.
ދޮރުފަތް ޖެހި އަޑަށް އަފްނާންއަށް ލޯހުޅުވައިލެވުނެވެ. އޭނާއަށް ފެނުނީ ހަލުވިކޮށް ގޮސް ކޮޓަރިއަށް ވަން ނަވާލް އެވެ. އޭނާ އެތަނުގައި އޮތްކަން ނަވާލްއަށް ނޭނގުނީބާއޭ ހިތަށް އެރިއެވެ. އަފްނާން އަށް ތެދުވެވުނީ އުދަނގުލުންނެވެ. ހިންދަމާލެވުނުއިރު ދެ ފައި ވަނީ ބަރުވެފައެވެ. ކޮޓަރީގެ ދޮރުގައި އަތްޖައްސާލެވުނުއިރު އަފްނާންގެ ކަންފަތުގައި ޖެހުނީ ނަވާލްގެ އަޑެވެ. އަފްނާންގެ ހިތް ބާރަށް ތެޅިގަތެވެ. އޯކާދެމޭއަޑާއި ކެއްސާއަޑު ގަދަކަމުން އަފްނާން އަށް އަމިއްލަ ހަށިގަނޑުގެ ބުރަކަން ހަނދާންނެތުނެވެ. ނަވާލްގެ ނަމުން ގޮވަމުން ފާޚާނާ ދޮރުގައި ތަޅައިގަނެވުނެވެ.
އެތައް އިރެއްފަހުން ނަވާލް ދޮރުހުޅުވިއެވެ. ތުވާލިން މޫނު ފޮހެމުން ނަވާލް ނިކުތެވެ. ނަވާލް ބަލީތޯ އަފްނާން އެހިއެވެ. ނަވާލް އަފްނާންގެ ކޮނޑުގައި އަތްޖައްސާލާފައި އެއްފަރާތްކޮށްލިއެވެ. އަފްނާން އާއި މޫނު ހަމަނުކޮށް ކޮޓަރިތެރެއަށް ހިނގައިގަތެވެ. ނަވާލްއަށް ދެވުނީ ތަންކޮޅަކަށެވެ. އަފްނާންއަށް ހަޅެއްލަވައިގަނެވުނީ ނަވާލް އަނބުރައިގަނެގެން ވެއްޓުނުތަން ފެނިފައެވެ.
އޭގެ ތިންގަޑިއިރު ފަހެވެ. އެމެޖެންސީ ރޫމްގެ ދޮރުމަތީ އަފްނާން އިނެވެ. މުޅި ކޮރިޑޯ ފުރިފައިވަނީ ދެފަރާތުގެ އާއިލާއިންނެވެ. ނަވާލް އަށް ވީގޮތް އޮޅުންފިލުވާހިތުން އަފްނާން ކެއްތެރިކަން ކުޑަވަމުން ދިޔައެވެ. ބައެއްފަހަރު ނަވާލްގެ ބައްޕަ ކައިރީ ޑޮކްޓަރަށް ގޮވާފައި އަހަން ވެސް ބުނެވެއެވެ. އެއިން ކޮންމެ ފަހަރަކު ނަވާލްގެ ބައްޕަ އެދެނީ ކެތްތެރިވުމަށެވެ.
އޭގެ އިރުކޮޅެއްފަހުން ނަރުހަކު ނުކުމެ ނަވާލްގެ ބައްޕަ އާ ވަކިން ވާހަކަ ދެއްކި އެވެ. އެ މީހުންގެ ވާހަކަތައް އަފްނާން އަށް ސިއްރުކުރެވުނީ ކީއްވެކަމެއް ނޭނގެ އެވެ. ނަވާލްގެ ބައްޕަ ކަންބޮޑުވެގެން އުޅޭތަން ފެނެއެވެ. ބޭރަށް ގެންދަން އުޅޭކަމުގެ ޚަބަރު އިވުނީ ވެސް އާއިލާގެ މީހުންގެ ތުންތުންމަތިންނެވެ. ނަވާލްގެ ބައްޕަގެ އަތުގައި ހިފާ އަފްނާން އާދޭސްކުރިއެވެ. ނަވާލް އަށް ވީގޮތެއް އޭނާއަށްވެސް އޮޅުންފިލުވައިދނުމަށް އެދުނެވެ. އެހިނދު ނަވާލްގެ ބައްޕަ އިސްޖަހާލިއެވެ. ހީވަނީ ބުނެނުދެވޭ އެތައް ވާހަކައެއް ވާހެންނެވެ.
"ނަވާލްއަށް ވީގޮތެއް އަހަންނަށް ބުނެދީ، ބައްޕައަށް ހީވަނީ އަހަންނަށް ކެއްނުވާނެހެން، އަހަރެންގެ ކެއްތެރިކަން ނެތިދަނީ ވީގޮތެއް ނޭނގިގެން، އަހަރެން އިންހާލަށް ނުވިސްނާ ފުރަތަމަ ވީގޮތެއް ކިޔައިދީ، " އެންމެންގެ ހާސްކަމުން އަފްނާންއަށް ނުބައި މެސެޖުތަކެއް ލިބެމުން ދިޔައެވެ. އޭނާ ރޮއިފައި އާދޭސްކުރުމުން ނަވާލްގެ ބައްޕަ ރޯންފެށިއެވެ.
"ނަވާލްގެ ލަންގް ވަނީ ފެއިލްވެފައި، އެކަން އެނގުނީ ކައިވެނިކޮށްފައި އަފްނާން ފުރައިގެން ދިޔަފަހުން،. ޑޯނާރެއް ނުލިބޭނަމަ ދިރިހުރުމުގެ މުއްދަތުވަރަށް ކުރުކަމަށް ޑޮކްޓަރުބުނި، އެހެންވެ ނަވާލް އަވަހަށް ކުއްޖަކު ބޭނުންވީ، އަފްނާން އަށް ސިއްރުކުރީ މިދުވަސްވަރު އަފްނާން ހިތާމަކުރަން ބޭނުންނުވާތީ، މިފަހަކަށް އައިސް ނަވާލް ވަރަށް އުދަނގޫވާތީ އުޅުނީ، ބައެއްފަހަރު ރަށުން ބޭރަށް ދަނީ ކަމަށް ބުނެފައި އަފްނާން އަށް ނުފެންނަ ހިސާބުގައި އުޅެނީ، ހޮސްޕިޓަލްގައި އެޑްމިޓްވެސް ކުރޭ، ދަރިފުޅާ، ކުރިން ނުބުނެވުނީ މިއިން އެއްވެސް ވާހަކައެއް ދަރިފުޅުކައިރިން ނުބުނަން ވައުދުވެފައިވާތީ، ނަވާލް ގެ އޮތީ އެންމެ އެދުމެއް، އޭނާ ނެތް ދުނިޔެއެއްގައި އޭނާ ނެތް ފަޅުކަން ފުރާލަދޭނެ ދަރިއަކު ހުރުން، ވަރަށް ބަލިވެ އުޅޭއިރު ވެސް ހީލާފައި ބުނޭ، އަންހެނުންނާއި ލިބެން އުޅޭ ދަރިފުޅު ބަލައިދޭށޭ." ނަވާލްގެ ބައްޕަ ކިޔައިދިނެވެ.
އަފްނާންއަށް އަނގަމަތީ އަތްއަޅާފައި ރޮއިގަނެވުނެވެ. އޭނާގެ އަމަލުތަކަށް ނަވާލް ހާދަ ކެތްތެރިވިއެވެ. އަފްނާންގެ އުފަލަށްޓަކައި ނަވާލްގެ ރިހުންތައް ސިއްރުކުރި އެވެ. އެތައް ފަހަރަކު ލޯބިވާ ކަމަށް ބުނެއެވެ. އަފްނާން ހިތްހަމަ ނުޖެހިފައި ހުރި ވަރުން އެއިން އެއްވެސް ކަމެއް ފާހަގަނުވީ އެވެ.
އާދުވަހެއްގެ އަލިކަން ދުނިޔެ އަށް ދައްކާލިއިރު އަފްނާން އިނީ ނަވާލްގެ ކުރިމަތީގަ އެވެ. ނަވާލް ވޯޑަށް ބަދަލުކުރިތާ ދެ ގަޑިއިރު ވަނީ އެވެ. އަދިވެސް އިންޖެކްޝަންތަކުގެ އަސަރު ނުކެނޑޭތީ ލޯހުޅުވާ ނުލެވިފަ އެވެ. އަފްނާން ދެލޯ ފޮހެފޮހެ ލޯވަނީ ދުޅަވެފަ އެވެ.
ނަވާލް ލޯހުޅުވާ ވަގުތު އަފްނާން ރޯތަން ފެނިއްޖެ ނަމަ ދެރަވާނެތީ އަފްނާން ބެލީ ކެތްތެރިވެވޭތޯ އެވެ.
"އަފޫ." ނަވާލް މަޑުމަޑުން ގޮވާލިއެވެ.
އަފްނާން ގެ މޫނަށް ނަވާލް ބަލާލަން މަސައްކަތްކުރިއެވެ. ލޯހުޅުވުނީ ވަރަށް ކުޑަކޮށެވެ. އަފްނާން އަށް ފެނުނީ އެ ދެ ލޮލުގައިވީ ރިހުމެވެ. ފެންކަޅިވެފައިވާ ވަރެވެ. މިއީ ނަވާލްގެ ރިހުން ފެނުނު ފުރަތަމަ ފަހަރެވެ. އަފްނާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ނަވާލްގެ އަތުގައި ބޮސްދެވުނެވެ.
"އެންމެ އެދުމެއް." ނަވާލްގެ އަޑަށް އަފްނާން ސަމާލުކަން ދިނެވެ.
އަވަހަށް ދެލޯ ފޮހެލާފައި އަފްނާން ހިތްވަރުކުރާކަން ދެއްކި އެވެ.
"އަހަރެން ދެކެ ވީ ލޯތްބަށްވުރެ ބޮޑަށް ދަރިފުޅު ދެކެ ލޯބިވައްޗޭ." ނަވާލްގެ އަޑުގައިވީ ވަރުބަލިކަމެވެ.
އެއީ އޭނާގެ ވަސިއްޔަތެކެވެ. އަފްނާން އަވަހަށް ބޯޖަހައިލި އެވެ.
"ވައުދުވަން،" އަފްނާން އަށް މާގިނަ ވާހަކަތަކެއް ނުދެއްކުނެވެ. އަނެއްކާވެސް ރޮވުނީ އެވެ.
ނަވާލް ބަލިއެނދުގައި އޮތީ މަދު ދުވަސްކޮޅެކެވެ. ބޭރަށް ގެންދިއުމުގެ ހުއްދަ ޑޮކްޓަރުން ނުދިނެވެ. އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ނަވާލް އަށް ޑޯނާއެއް ހޯދުމަށް އާއިލާއިން މަސައްކަތްކުރިއެވެ. އަފްނާން ވިހައި ގަދަވީއިރު ނަވާލްއެއް ނެތެވެ. އެ ދަރިފުޅު ދުށުގެ ނަސީބު ލިބުނުކަން އެކަންޏެވެ. ނަވާލް ދެކުނު ހުރިހާ ހުވަފެނެއް ކުލަޖެހިގެން ނުދިޔައެވެ. ވިހައި ގަދަވުމުން އަފްނާން ބޭނުން ނަމަ ކިޔެވުމުގެ ފުރުސަތު އޮތެވެ. ނަވާލްގެ މަންމަ ހުރީ ދަރިފުޅު ބަލާށެވެ. އެކަން އަމިއްލައަށް އަފްނާން މަނާވެގަތެވެ.
އަފްނާން ބޭނުމީ ދަރިފުޅަށް ވަގުތު ހުސްކުރާށެވެ. ބައްޕަ އާއި މަންމަގެ ލޯބި އަފްނާންއަށް ވެވުނުވަރަކުން ދޭށެވެ. ނަވާލްގެ އެދުން ފުއްދާށެވެ.
(ނިމުނީ)