08 މެއި 2019 - 13:46

ހުޅުމާލޭގައި ހޯމަ ދުވަހު ހިނގި ބަސް އެކްސިޑެންޓްގައި މަރުވި ޔުކްރެއިން އަންހެން މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ގެންދަން އޭނާގެ މަންމަ ރާއްޖެ އަށް އަތުވެއްޖެ އެވެ.
ބަސް އެކްސިޑެންޓްގައި މަރުވީ 31 އަހަރުގެ ޔުކްރެއިން އަންހެނެކެވެ.
ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު އަނބުރާ އޭނާގެ ގައުމަށް ގެންދިއުމުގެ ކަންތައްތައް އާއިލާއިން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.
"އާއިލާއިން ތައްޔާރުވީހާ އަވަހަކަށް އޭނާގެ ހަށިގަނޑު ގައުމަށް ގެންދިއުމުގެ ކަންތައް ހަމަޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ހެނދުނު ޖޮގިން އަށް ނުކުމެ އުޅެނިކޮށް އަންހެންމީހާ މަރުވީ ޑްރައިވަރު ނިދިޖެހިފައި އިންދާ، ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ ދިޔަ ބަސް ދަށުވެގެންނެވެ. އެކްސިޑެންޓްގައި އޭނާގެ ހަށިގަނޑު އޮތީ ޗިސްވެފަ އެވެ. އެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގަ އެވެ.
ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތިން ދުވަސް ޖަހައިފަ އެވެ.
އެމްޓީސީސީން އިއްޔެ ބުނީ މަރުވި މީހާގެ އާއިލާ ރާއްޖޭގައި ތިބުމުގެ ކަންތައްތަކާއި ހަށިގަނޑު ގައުމަށް ގެންދިއުމުގެ ކަންތަކުގައި އެ ކުންފުނިން އެހީތެރިވާނެ ކަަމަށެވެ.
"އެ މީހުން ތިބި ހޮޓަލުގެ ކަންތައްތައް [ފައިސާގެ ކަންތައް] ހަމަޖައްސައިދޭން އަޅުގަނޑުމެން ވާނީ އެދިފައި. ދެން ހަށިގަނޑު ގައުމަށް ފޮނުވައިދިނުމުގެ ކަންތައް ހަމަޖައްސާނީ އަޅުގަނޑުމެން،" ޝާހު އިއްޔެ ވިދާޅުވިި އެވެ.