11 މެއި 2019 - 15:04

މި އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭގެ އަމާޒަކީ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުން ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ހަތް ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، ލީގު ފަށާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ފުރަތަމަ ޑިވިޝަނުގެ އެހެން ޓީމުތަކެކޭ އެއްގޮތަށް ދަ ގްރާންޑޭ ވެސް ވަނީ ކުރިއަށް އޮތް ސީޒަނަށް ފަރިތަކުރުންތައް ފަށައިފަ އެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ ގިނަ ޓީމުތަކުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ ވަނީ ފުރަތަމަ ޑިވިޝަނުގައި މަގާމު ދަމަހައްޓައިފަ އެވެ.
ކުރިއަށް އޮތް ސީޒަނާ ބެހޭގޮތުން "މިހާރަ"ށް ޑަ ގްރާންޑޭގެ ކޯޗު އިންމަ ބުނީ ކުރަން އޮތީ އުނދަގޫ މަސައްކަތެއް ނަމަވެސް އަމާޒަކީ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުން ކަމަށެވެ.
"ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމެއް ވިޔަސް އުއްމީދު މިކުރަނީ މި އަހަރު ވެސް ހަމަ ރަނގަޅު ކުޅުމެއް ދައްކައި ކްލަބް ބޭނުންވާ ޓާގެޓަށް ވާސިލްވެވޭނެކަމަށް. އަޅުގަނޑުމެން ކްލަބް މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރޭގައި ޓީމު ހިމެނުން. އެ އަށް އަޅުގަނޑުމެން ފައިޓް މި ކުރަނީ. އިނގޭ ވަރަށް ޓަފް ޓީމުތައް އެބައުޅޭކަން ހަތަރެއްގެ ތެރޭގައި. އާމަޒަކީ އޭގެ ތެރެއަށް ވަނުން،" އިންމަ ބުންޏެވެ.
މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި އިރު އެ ޓީމާ ހަވާލުވެ ހުރީ އިންމަ އެވެ. އަހަރުން އަހަރަށް ޓީމު ވަރުގަދަކޮށް ޓީމު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރަމުން އައީ އިންމަގެ ކޯޗުކަމުގަ އެވެ. އިންމަ ބުނީ ދަ ގްރާންޑޭގެ ވެސް ވިސްނުން ބަހައްޓަންވީ އަހަރުން އަހަރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ އަހަރު އަރާ ގޮތަށް ބޮންތީގައި ހިފާ ކަހަލަ ވިސްނުމެއް ނޫން ތިބީ. ކްލަބްގެ އެންމެ ޓޮޕް މެނޭޖްމަންޓުގައި ވެސް ހަމަ ހުރީ އެ ވިސްނުން. މި ޓީމު ރަނގަޅު ވާ ވަރަކަށް މި ޓީމުގެ ފައިނޭންޝިއަލް ބެކަޕް ވެސް ވަރުގަދަވާ ވަރަކަށް އަޅުގަނޑުމެން މަޑުމަޑުން ހިއްލާ ކަހަލަ އުސޫލުތަކެއް ހުރީ،" ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އިންމަ ބުންޏެވެ.
ކުރިއަށް އޮތް ސީޒަނަށް ދަ ގްރާންޑޭ ވަރުގަދަކުރިއިރު ރަނގަޅު ކުޅުންތެރިންތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމާއި ފުރަތަަމަ ޑިވިޝަނުގެ ޓީމުތަކުން ފާހަގަވި މުހައްމަދު ރަޝީދު (ހޮކޭ) އާއި މާޒިޔާ އަށް މިދިޔަ އަހަރުތަކުގައި ކުޅުނު އަހުމަދު އިމާޒް (އާއްކޮ) އާއި ޔަސްފާދު ހަބީބު (މުލަކޭ) އަދި އީގަލްސް އަށް ކުޅުނު ހަސަން ޝިފާން (ޝިފާންޓޭ) ހިމެނެ އެވެ.
އިންމަ ބުނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނިގެން އެ ޓީމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"އެވްރެޖް މި އުޅެނީ ގާތްގަނޑަކަށް 24 އަހަރު. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ކުޅުންތެރިންނާއި މުޅިން އަލަށް ގަލޮޅު ދަނޑަށް ނުކުންނަ ކުޅުންތެރިން ވެސް އެބަތިބި. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ މި ސްކޮޑާ އެކު ވަރަށް ރަނގަޅަށް އަޅުގަނޑުމެން ކުރިއަށްގެންދާނެ ކަމަށް،" އިންމަ ބުންޏެވެ.
މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ދަ ގްރާންޑޭ އަށް ހޯދައިދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން އިރު ކޯޗަކަށް ހުރީ ވިކްޓަރީގެ ކުރީގެ ކުޅުންތެރިއާ ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ. މި ފަހަރުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ދަތުރުކުރި ދަ ގްރާންޑޭގެ ޒުވާން ޓީމުގެ ކޯޗުކަން ކުރީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި އަހުމަދު ނާޝިދު (ނާދު) އެވެ.