12 މެއި 2019 - 11:45

ކޮލަމްބޯ (މެއި 12) - ސްރީ ލަންކާގެ އެކި ތަންތަނުގައި ބޮން ގޮއްވި ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ކަމަށްވާ ޒަހްރާން ހާޝިމް މަރުވިކަން ޔަގީން ކުރުމަށްޓަކައި މި މަހު 15 ކުރިން ޑީއެންއޭ ޓެސްޓް ހަދަން ލަންކާގެ ކޯޓަކުން އަންގައިފި އެވެ.
ޒަހްރާން މަރުވެފައި ވަނީ ޝަންގްރިއްލާ ހޮޓަލަށް ދިން ހަމަލާގަ އެވެ. އޭނާއާ އެކު އެ ހޮޓަލަށް އަމިއްލަ އަށް މަރުވެގެން، ދެން ހަމަލާ ދިނީ އިލްހާމް އަހުމަދު އިބްރާހިމް ކިޔާ މީހެކެވެ. ޝަންގްރިއްލާ އަށް ދިން ހަމަލާގައި އެ ހޮޓަލުން 36 މީހުން މަރުވި އެވެ. އޭގެ ތެރޭގައި 12 ބިދޭސީއަކު ހިމެނެ އެވެ.
ޝަންގްރިއްލާގެ ތިން ވަނަ ފްލޯގައި ހުންނަ ރެސްޓޯރެންޓަށް ބެކްޕެކް އަޅުވައިގެން ތިބި ދެ މީހަކު ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެ އެވެ.
ބޮމުގެ ހަމަލާ ދިން ދެ މީހުންނަށް ޝަންގްރިއްލާ އިން ކޮޓަރި ބުކްކޮށްފައި ވަނީ އިލްހާމްގެ ބޭބެ އިންސާފް އިބްރާހިމެވެ. އަމިއްލަ އަށް މަރުވެގެން ސިނަމަން ގްރޭންޑްގައި ބޮން ގޮއްވާފައި ވަނީ އިންސާފް އިބްރާހިމެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ އިލްހާމް އަހުމަދު ވެސް މަރުވިތޯ ބަލަން ޑީއެންއޭ ހަދަން އަންގައިފަ އެވެ. މެޖިސްޓްރޭޓް ކޯޓުން ކޮލަމްބޯ ޖުޑިޝަލް މެޑިކަލް އޮފިސަރަށް އަންގާފައި ވަނީ ޒަހްރާންގެ އަންހެން ދަރިފުޅުގެ ލޭގެ ސާމްޕަލް ނަގައި ޑީއެންއޭ ހަދަން ގަވަރްމަންޓް އެނަލިސްޓަށް ފޮނުވަން އަންގައިފަ އެވެ. ޑީއެންއޭ ޓެސްޓް ހަދަން ކޯޓުގައި އެދިފައި ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިންނެވެ. ބޮމުގެ ހަމަލާ ދިން މީހުންގެ ހަށިގަނޑުގެ ބައިތަކާއި އިސްތަށި ސީއައިޑީ އިން ވަނީ ކޯޓާ ހަވާލުކޮށްފަ އެވެ.
ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލެއްގައި އެޕްރީލް 21 ވަނަ ދުވަހު އަމިއްލަ އަށް މަރުވުމުގެ ހަމަލާ ދީފައި ވަނީ ނުވަ މީހެކެވެ. ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި 40 ބިދޭސީއަކު ވެސް ހިމެނެ އެވެ. ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. ލަންކާ ސަރުކާރުން ބުނެފައި ވަނީ ހަމަލާ ދިނީ އެންޓީޖޭގެ މެންބަރުން ކަމަށެވެ.
ބޮމުގެ ހަމަލާ ދިން ނުވަ މީހުންގެ އާއިލާތަކުގެ ގިނަ މެންބަރުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ތެރޭގައި ޒަހްރާންގެ އަންހެނުން ފާތިމާ ސާދިޔާ އާއި އަންހެން ދަރިފުޅު ހިމެނެ އެވެ.