13 މެއި 2019 - 11:54

މި ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި އެމްޓީސީސީގެ ބަހެއްގެ ދަށުވެ މަރުވި ޔުކްރެއިންގެ ޓޫރިސްޓު އަންހެންމީހާގެ ހަށިގަނޑު އޭނާގެ ގައުމަށް މިއަދު ފޮނުވާލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓުގައި މަރުވި އުމުރުން 31 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު ޔުކްރެއިނަށް ގެންދަން އޭނާގެ މަންމަ ވަނީ ރާއްޖެ އައިސްފަ އެވެ. ހަށިގަނޑު ގެންދެވެންދެން ބާއްވާފައި އޮތީ މޯޗަރީގަ އެވެ.
ހެނދުނު ޖޮގިން އަށް ނުކުމެ އުޅެނިކޮށް އަންހެންމީހާ މަރުވީ ބަސް ޑްރައިވަރު ނިދިޖެހިފައި އިނދެ، ސިއްސައިގެން ގޮސް ސްޕީޑް ބާރުކޮށްލެވި، ކޮންޓްރޯލުން ނެއްޓި އަންހެން މީހާގެ ގައިމަތިން ބަސް ދިއުމުންނެވެ. އެ އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.
އެމްޓީސީސީން ކުރިން ބުނެފައި ވަނީ އަންހެންމީހާގެ ހަށިގަނޑު ޔުކްރެއިނަށް ފޮނުވައިލުމުގެ ހަރަދުތައް އެ ކުންފުނިން ކުރާނެ ކަމަށެވެ. އަދި އޭނާ މަރުވުމާ ގުޅިގެން އާއިލާ އިން ރާއްޖެ އަށް ކުރި ދަތުރުގައި ރާއްޖޭގައި ތިބުމުގެ ކަންތައްތައް ހަމަޖައްސާނެ ކަމަށް ބުނެފައި ވެ އެވެ.