17 މެއި 2019 - 09:49

އާ ދެ ތަރިއަކު ބޮލީވުޑަށް ތައާރަފު ކުރަން ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭ ފިލްމު "މަލާލް" ގެ ޓްރެއިލާ މާދަމާ ދައްކައިލަން ނިންމައިފި އެވެ.
މި ފިލްމަކީ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމަން ސޭގަން އާއި އެކްޓަރު ޖާވިދު ޖާފްރީގެ ފިރިހެން ދަރިފުޅު މީޒާން ޖާފްރީ ބޮލީވުޑަށް ނެރޭ ފިލްމެވެ. ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މަލާލް" ޑައިރެކްޓްކޮށްފައި ވަނީ މަންގޭޝް ހަޑަވާލޭ އެވެ.
މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން "މަލާލް" އަކީ ސަންޖޭގެ ސިގްނޭޗާ ސްޓައިލްގެ ފިލްމަކަށް ވާނެ އެވެ. އެގޮތުން ފިލްމުން އިންޑިއާވަންތަކަން ދައްކުވައިދޭ ބޮޑެތި ސެޓްތަކާއި ހިތްގައިމު މިއުޒިކާއި ޖާދުވީ ކޮސްޓިއުމްތައް ވެސް ފެނިގެން ދާނެ އެވެ.
ޓީ ސީރީޒުން ވެސް ހިއްސާވާ "މަލާލް" ރިލީޒް ކުރާނެ ތާރީހެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒާއި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް ގުޅިގެން ގެނެސްދޭ ފިލްމު "ޝިއްދަތު" ގެ ކާސްޓް އިއުލާންކޮށްފި އެވެ.
ކުނާލް ދޭޝްމުކް ޑައިރެކްޓް ކުރާ ފިލްމުގެ ލީޑް ތަރިންނަކީ ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ރާދިކާ މަދަން އާއި ދާދި ފަހުން ރިލީޒް ކުރި "އުރީ" އިން ބޮލީވުޑަށް ތައާރަފުވާ ޓީވީ އެކްޓަރު މޯހިތު ރައިނާގެ އިތުރުން ޑަޔާނާ ޕެންޓީ އެވެ.
ސްރީދާރް ރަގްވަން އާއި ދީރަޖް ރަތަންގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކުނާލްއަކީ "ޖައްނަތު" އާއި "ތުމް މިލޭ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2014 ގެ "ރާޖާ ނަޓްވަރުލާލު" އެވެ.
"ޝިއްދަތު" އަކީ ކުރިން ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން އުޅުނު ފިލްމަކަށް ކިޔަން އުޅުނު ނަމެކެވެ. ނަމަވެސް ދިނޭޝްގެ އެދުމަކަށް ނަން އޭނާ އަށް ދިނީ އެވެ.
މެޑަމް ޓްސޯޑްސްގެ ސިންގަޕޫރް ގޮފިން ތައްޔާރު ކުރި، ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރުގެ ވެކްސް ސްޓެޗޫ ދައްކާލައިފި އެވެ.
ޝާހިދު ވަނީ އެ ދައްކާލަން ބޭއްވި ހަފުލާގައި ބައިވެރިވެ، ސްޓެޗޫއާ އެކު ފޮޓޯ ވެސް ނަގައިފަ އެވެ. ސްޓެޗޫ ހުރީ ސޫޓެއް ލައްވައިފަ އެވެ.
މެޑަމް ޓްސޯޑްސްގެ ސިންގަޕޫރް ގޮފީގައި ހުންނަ އިންޑިއާގެ ތަރިންގެ ސްޓެޗޫތްކުގެ ތެރޭގައި ކާޖޮލް، އަނިލް ކަޕޫރް، ކަރަން ޖޯހަރު އަދި ސައުތުގެ އެކްޓަރު މަހޭޝް ބާބޫ ހިމެނެ އެވެ.
އަންނަ އޮގަސްޓް މަހު ޝޫޓިން ފަށާ ފިލްމު "ތޫފާން" އަށް ތައްޔާރުވުމުގެ ގޮތުން ފަރްހާން އަހްތަރު ހަށިގަނޑު ވަރުގަދަ ކުރަން ފަށައިފި އެވެ.
އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓް ކުރާ ފިލްމުގައި ފަރުހާން ފެނިގެން ދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ. މިއީ 2013 ގައި ރިލީޒްކޮށް، ފަރުހާނަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ބައޮގްރަފިކަލް ޑްރާމާ "ބާގް މިލްކާ ބާގް" އަށް ފަހު މެހެރާ އާއި ފަރުހާން އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
އެ ފިލްމަކީ އިންޑިއާގެ ކުރީގެ ދުވުންތެރިޔާ މިލްކާ ސިންގްގެ ވާހަކަ ކިޔައި ދިން ފިލްމެވެ.
"ތޫފާން" ގެ ޝޫޓިން އޮގަސްޓް މަހު ފަށަން ތާވަލުކޮށްފައި އޮތް ނަމަވެސް، ފިލްމުގެ އިތުރު ކާސްޓުންނާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި ފިލްމަކީ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.