އުދުހޭ ޓެކްސީގެ ހިދުމަތަށް ޖަރުމަނު ތައްޔާރުވަނީ
އުދުހޭ ޓެކްސީގެ ހިދުމަތަށް ޖަރުމަނު ތައްޔާރުވަނީ

ޖަރުމަނުގައި، 2025 ގައި އުދުހޭ ޓެކްސީގެ ހިދުމަތް ދޭން ނިންމައިި ތައްޔާރީތައް ފަށައިފި އެވެ.

އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ލިލިއަމް އިން ޓެކްސީގެ މި ހިދުމަތަށް ބޭނުންކުރާ އުޅަނދުގެ ނަމޫނާއެއް ވެސް ބުރާސްފަތި ދުވަހު ދައްކައިލި އިރު، މީގެ ޓެސްޓް ދަތުރު ވެސް މި މަހުގެ ކުރީކޮޅު ވަނީ ބާއްވައިފަ އެވެ. ފަސް މީހުންގެ ޖާގަ ހިމެނޭ އުދުހޭ ޓެކްސީ ވައްތަރީ ކުޑަވަރެއްގެ މަތިންދާބޯޓަކާ އެވެ.

މިއުނިކްގެ ލިލިއަމުން އުފެއްދި އުދުހޭ ޓެކްސީ އަކީ ބެޓެރީން ޗާޖް ކުރެވޭ އަދި އެއް ގަޑިއިރު ތެރޭގައި 300 ކިލޯމީޓަރު (186 މޭލު) އަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެ ކުންފުނިން ބުނި ގޮތުގައި 2025 ގައި އުދުހޭ ޓެކްސީ ހިދުމަތް ރަސްމީކޮށް ފަށަން ތައްޔާރުވާ އިރު، މި ހިދުމަށް ސިޓީތައް ހުންނާނީ ލޭންޑިން ޕެޑްތަކުގެ ވިއުގައަކުން ގުޅާލައިފަ އެވެ.

އުދުހޭ ޓެކްސީގެ ހިދުމަތް އެ މީހަކު އެ ވަގުތަކު ހުރި ތަނަކުން މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯދޭނެ އެވެ. ނަމަވެސް ހިދުމަތަށް ނަގާނެ އަގެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ލިލިއަމުން ދޭ ޔަގީންކަމަކީ އެންމެންނަށް ވެސް އަތްފޯރާ އަގެއްގައި ހިދުމަތް ދިނުމެވެ.

"އަހަރެމެންގެ ޓާގެޓަކީ ހަމައެކަނި ޖަރުނަމަށް ހިދުމަތް ދިނުމެއް ވެސް ނޫން. އުދުހޭ ޓެކްސީގެ ޒަރީރާ އިން އެހެން ގައުމުތަކުގެ ސިޓީތަކަށް ވެސް ހިދުމަތް ދިނުން،" ލިލިއަމްގެ ޗީފް ކޮމާޝަލް އޮފިސަރު ރެމޯ ގާބާ ސީއެންއެން އަށް ވިދާޅުވި އެވެ. "މިއީ ހަމަ ހުރިހާ ފަންތީގެ ބަޔަކަށް ވެސް ބޭނުން ކުރެވޭނެ ހިދުމަތެއް."

ދެހާސް ފަނަރައިގައި ވުޖޫދަށް އައި ލިލިއަމްގެ ބާނީ އަދި ސީއީއޯ ޑެނިއަލް ވެއިގަންޑް ވިދާޅުވީ އުދުހޭ ޓެކްސީގެ ހިދުމަތް ދިނުމަކީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ހާސިލު ކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ހައެއްކަ އަހަރުގެ ތެރޭގައި ލިލިއަމް އިން މި ހިދުމަތް ދޭން ރަސްމީކޮށް ނުކުތުމަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

"ހަމަމިއާ އެކު މިއީ ޓެކްސީ ހިދުމަތް ބޭނުން ކުރާ މީހުންނަށް ހުވަފެނީ ހިދުމަތަކަށް ވާނެ،" ޑެނިއެލް ވިދާޅުވި އެވެ.

އުދުހޭ ޓެކްސީގެ ހިދުމަތަށް ލިލިއަމް ނުކުންނަ އިރު އޫބާ އިން އަންނަނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއާ ގުޅިގެން 2023 ގައި އުދުހޭ ޓެކްސީގެ ހިދުމަތް ތައާރަފު ކުރަން މަސައްކަތް ކުރަމުންނެވެ. އަދި މި ހިދުމަތަށް ނުކުންނަ ފޫގަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ބޮއިން (ބީއޭ) އާއި ރޯލްސް ރޯއިސް (އާރްވައިސީއީއެފް) ހިމެނެ އެވެ.