19 މެއި 2019 - 12:56

ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ރަށުން ބޮޑު ސަރަހައްދެއް އިތުރުކޮށްދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
އެ ރަށު ކައުންސިލުން ބުނިގޮތުގައި އެއާޕޯޓަށް އިތުރު ކުރުމަށް ނިންމާފައި ވަނީ އެ ރަށު އިރު ދެކުނުން 34،228 އަކަފޫޓްގެ ބިމެކެވެ. އެއީ އެއާޕޯޓާ އިންވެގެން ބަނދަރާ ދިމާލުގައި އޮންނަ މަގެކެވެ.
ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ޖާގަ ދިނުމުގައި އެ ކައުންސިލްގެ އިއުތިރާޒެއް ނެތް ކަމަށް މިދިޔަ ހަފްތާގައި ނިންމީ ޕްލޭނިން މިނިސްޓްރީން އެ ކައުންސިލްގެ ލަފަޔަށް އެދުމުން ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެ ކައުންސިލްގެ ލަފައެއް ހޯދާފައި ވަނީ އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ޖާގަ ބޭނުން ވެގެން ވިލާ ކުންފުނިން އެދިފައިވާތީ އެވެ.
މާމިގިލީ ކައުންސިލްގެ ތިން މެމްބަރުންނަކީ ވެސް ވިލާ ކުންފުނީގެ ވެރިޔާ، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ މެމްބަރުންނެވެ.
އެ ބިން ވިލާ ކުންފުންޏަށް ދޫކުރަނީ ކޮން އަގަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.