20 މެއި 2019 - 19:45

ކުޑަކުދިންގެ ކާނާގެ ބާވަތެއް ކަމަށްވާ ލެކްޓޯޖަންގެ ޝިޕްމަންޓެއް ނައްތާލަން ނިންމާފައި ނުވާ ކަމަށާއި މި އުފެއްދުން 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުރަނީ އެންމެ ކުންފުންޏަކުން ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން މިހެން ބުނީ ލެކްޓޯޖަން ޝިޕްމަންޓެއް ނައްތާލަން ނިންމާފައިވާ ކަމަށާއި މި އެތެރެކުރުމުގެ ހުއްދަ އޮތް ކުންފުނި ނޫން އެހެން ކުންފުންޏަކުން ވެސް އެތެރެކުރާ ކަމަށް އަޑު ފެތުރުމާ ގުޅިގެންނެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި ލެކްޓޯޖަންގެ ޝިޕްމަންޓެއް އެއްވެސް ސަބަބަކާ ހުރެ ހިފަހައްޓާފައެއް ނުވެ އެވެ. އަދި އެފަދަ އެއްވެސް ޝިޕްމަންޓެއް ނައްތާލުމަށް ނިންމާފައި ނުވާނެ ކަމަށް ވެސް ބުންޏެވެ.
ރާއްޖެ އަށް ލެކްޓޯޖެން އެތެރެކުރުމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުންޏަކީ އެމްއެޗްއޭ އެވެ. މީގެ ދުވަސްކޮޅެއް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް ދިވެހިރާއްޖެ އަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާ ހިލާފު ކަންތައް ތަކެއް ހުރި ކަމަށްބުނެ، އެ އުފެއްދުން ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އެހެންވެ ލެކްޓޯޖެން ރާއްޖެ އެތެރެނުކުރެވޭތާ ގިނަ ދުވަސްތަކެއް ހޭދަވެ ލެކްޓޯޖެން ސްޓޭޖް 2 އަދި 3 ހުސްވި އެވެ. އަދި އެ ދުވަސްވަރު އެހެން ބަޔަކު އަގު ބޮޑުކޮށް ލެކްޓޯޖެން ވިއްކި ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ކަސްޓަމްސް އިން ބުނީ 2016 ގެ ފަހުން ރާއްޖެ އަށް ލެކްޓޯޖެން އެތެރެކުރަނީ ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި މުދާ އިމްޕޯޓްކުރާ އެންމެ ކުންފުންޏަކުން ކަމަށެވެ. ވަކި ކުންފުންޏެއްގެ ނަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ. އަދި މި އުފެއްދުމުގައި ހަރުކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑާ އެއްގޮތް ލޭބަލެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.