22 މެއި 2019 - 00:38

ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް، ނިކަމެތި ހާލަތެއްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އޮއްވާ އެ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދު މިރޭ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވި އެއް ސަބަބަކީ، މި ދަނޑިވަޅުގައި ކްލަބުގެ ޗެއާމަންކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކެއް ތިބި ކަމަށް ފެނުން ކަމަށް ޒިޔާދު އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެހެންވެ ބެލެވެނީ، މިއީ ކްލަބް އަލުން ނެގުމަށް ސަޕޯޓަރުންތަކެއް އިސްވެ ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އޭނާ ނިންމެވި ނިންމެވުމެއް ކަމަށެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) "މިހާރަ"ށް ވިދާޅުވީ ބޯޑުގެ އެހެން މެމްބަރުންނާ އެކު މާދަމާ ބައްދަލުވުމެއް ބާއްވައި ދެން ކުރިއަށްގެންދާނެ ގޮތެއް ނިންމަވާނެ ކަމަށެވެ. ބޯޑުން ވެސް މިހާރު މަސައްކަތްކުރަމުން އަންނަނީ ސަޕޯޓަރުންގެ ގްރޫޕާ ގުޅިގެންނެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކުރީގެ ކާނަލް، 2017 ވަނަ އަހަރު ނިއުއާ ހަވާލުވެ، މިހާތަނަށް އެއްވެސް ޗެއާމަނަކު އެއް ސީޒަނަކަށް ނުކުރާހާ ވަރުގެ ބޮޑު ހޭދައެއް ކުރެއްވި އެވެ. އެކަމަކު މިދިޔަ އަހަރުގެ މެދަކާ ހަމައިން ކްލަބް އަޑިއަޅާލައި، ދުވަހަކު ވެސް ނުވެއްޓޭ ފަދަ ހާލަތަކަށް ދިޔައީ އެވެ. އެކަމާ ގުޅޭ ގޮތުން ޒިޔާދު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ކްލަބް އަޑިއަޅާލި މައިގަނޑު ސަބަބަކީ ސްޕޮންސަރުންގެ އަތުން ލިބެން ޖެހޭ ފައިސާ ނުލިބުން ކަމަށެވެ.
"މިހާރަ"ށް ކޮޕީއެއް ލިބިފައިވާ ޒިޔާދުގެ އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން 2017 ވަނަ އަހަރު ކްލަބާ ހަވާލުވިއިރު ކުރީގެ ދަރަނިތަކެއް ވެސް ހުރި ކަމަށާއި އޭގެ ތެރޭގައި ބައެއް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އެކި ތަންތަނަށް ނުދައްކާ ހުރި ބިލްތަކުގެ އިތުރުން ޝަރުއީ ކޯޓްތަކުގައި ކްލަބާ ދެކޮޅަށް މައްސަލަތަކެއް ވެސް ހުރި ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން ކްލަބުގެ ބޯޑުން ނިންމީ އެ މައްސަލަތަކަކީ ކުރީގެ މައްސަލަ ތަކެއްގައި ވީ ނަމަވެސް ވީ އެންމެ ބޮޑަކަށް އެކަންތައްތައް ހައްލުކޮށްގެން ކުރިއަށް ދިއުމަށެވެ. މިގޮތުން އެފަދަ ގިނަ މައްސަލަތަށް ހައްލުކުރުމަށް ފަހު އަޅުގަނޑުމެންގެ ފުރަތަމަ އަހަރު ނިންމާލީ އެއްވެސް ދަރަންޏެއް ނެތި އެވެ،"
އެކަން އެގޮތަށް ހާސިލްކުރެވުނީ އަމިއްލަ ހައިސިއްޔަތުން ވެސް ކްލަބަށް ވަރަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކޮށްގެން ކަމަށާއި އެއާ އެކު 2017 ވަނަ އަހަރުގެ ޕްރިމިއާ ލީގުން ފެށިގެން 2018 ވަނަ އަހަރުގެ މާލޭ ލީގާ ހަމަޔަށް ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކުރުމުގެ ފަހުރު ލިބުނުކަން ވެސް، ވިޔަފާރިވެރިޔާ ފާހަގަކުރެއްވި އެވެ.
އެކަމަކު މިދިޔަ އަހަރު ފެށީ ސަރުކާރުން ދޭ ފައިސާގެ އިތުރުން ސްޕޮންސަރުގެ ގޮތުގައި ބޮޑު އެއްޗެއް ލިބޭނެ ކަމަށް ބެލެވިގެން ކަމަށާއި ނަމަވެސް ހީކުރި ގޮތާ ހިލާފަށް އެ ސްޕޮންސަރުންގެ އަތުން ފައިސާ ނުލިބުމުން 2018 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ކްލަބަށް މާލީ ގޮތުން ވަރަށް ބޮޑު އަޑިގަނޑަކާ ކުރިމަތިލާން ޖެހުނީ ކަމަށް ޒިޔާދު ވިދާޅުވެފައިވެ އެވެ. އަދި މުހިއްމު ވަކިވަކި ކުޅުންތެރިންނަށް ބައެއް ފަރާތްތަކުން ހަމަޖައްސަން އެއްބަސްވި ގޮތަށް ފައިސާ ނުދިނުމުން އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ވިދާޅުވި އެވެ.
"ދެން ވެސް މަސައްކަތްކުރަމުން ދިޔައީ އިތުރު ސްޕޮންސަރުން ހޯދައިގެންނާއި އަދި މި އަހަރު ކްލަބްތަކަށް ސަރުކާރުންނާއި އެފްއޭއެމުން ދޭ ފައިސާ އިން 2018 ވަނަ އަހަރުގެ ނުދެވި ހުރި މުސާރަތައް ދީ ހަލާސްކުރުމަށެވެ. ނަމަވެސް އެފްއޭއެމުން ކްލަބް އެންމެހާ ހަރަކާތްތަކުން ސަސްޕެންޑްކުރުމުން ފައިސާ ހޯދުމަށް ވަރަށް ބޮޑަށް ވަނީ ހުރަސް އެޅިފަ އެވެ،" ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަދި މިދުވަސްވަރު މަސައްކަތްތަކުގައި އަދި ދިރިއުޅުމުގެ ކަންތަކުގައި ގިނަ ދުވަސްތަކެއްގައި ހޭދަކުރަން ޖެހެނީ ރާއްޖޭން ބޭރުގައި ކަމަށް ވުމުން ކްލަބަށް އެކަށީގެންވާ ވަގުތު މިހާރު ދެވެން ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއާ އެކު، މި ދަނޑިވަޅުގައި ކްލަބުގެ ޗެއާމަންކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް ތިބި ކަމަށް ފެންނާތީވެ އާއި މި ވަގުތަށް ކްލަބަށް އެންމެ ފައިދާހުރި ގޮތަކީ ކްލަބުގެ ޗެއާމަންކަން އެހެން ފަރާތްތަކާއި ހަވާލުކުރުން ކަމަށް ވެސް ފެންނާތީވެ ޗެއާމަންގެ މަގާމުންނާއި ބޯޑް މެމްބަރުކަމުން އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވެފައިވެ އެވެ.
"މި ފުރުސަތުގައި އަޅުގަނޑާ އެކު މަސައްކަތްކުރެއްވި ހުރިހާ ބޯޑް މެމްބަރުންނަށާއި ހުރިހާ ކުޅުންތެރިންނަށާއި ކްލަބުގެ އޮފިޝަލުންނަށާއި އަދި ކްލަބުގެ އެންމެހާ ސަޕޯޓަރުންނަށް ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ. އަދި ކުރިމަގުގައި ވެސް އަޅުގަނޑުގެ ގާބިލްކަން ހުރި ވަރަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެހީވުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަމެވެ،" ސިޓީގައިވެ އެވެ.
މިދިޔަ އަހަރުން ފެށިގެން ނިއުގެ ބައެއް ކުޅުންތެރިންނަށް ވަނީ މުސާރަ ނުލިބިގެން އެ މައްސަލަ އެފްއޭއެމް އަށް ލައިފަ އެވެ. އެކަމަކު ޖެނުއަރީ މަހު ކުއްލި ގޮތަކަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިއު ސަސްޕެންޑްކުރީ، އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިއު އިން އެދެން ތައްޔާރުވަނިކޮށެވެ. އެހެންވެ ނިއު އިން ތުހުމަތުކުރަނީ، އެއީ އެކަމާ ގުޅިގެން އެޅި ޒާތީ ފިޔަވަޅެއް ކަމަށެވެ. ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެފްއޭއެމް އަށް ހުށަހަޅައި އޭގެ ތެރޭގައި ނިއު އަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ހުއްޓާ އެ ކްލަބަށް ހަމައެކަނި އަދަބު ދިނުމެވެ.
އޭރުގެ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު ވެސް ވަނީ އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެފްއޭއެމުން އެ ތުހުމަތުތައް ކަނޑައެޅިގެން ދޮގުކުރެ އެވެ.
ނިއު އިން އޭރު ބުނީ ސަސްޕެންޝަން އުވާލައިފި ނަމަ ފުރަތަމަ އިސްކަންދޭނީ ކުޅުންތެރިންގެ މުސާރަތައްދީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް ނެރެން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ސްޕޮންސަރުންނާއި އެހެނިގެން ގޮތްގޮތުން ފައިސާ ހޯދެން އޮތީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ކަމަށްވާތީ ސަސްޕެންޝަން އުވާލައިދޭން ނިއު އިން އެދުނެވެ.
އެއާ އެކު މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް، އެފްއޭއެމްގެ ކޮންގްރެސް އިން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ސަސްޕެންޝަން ދެމެހެއްޓީ އެވެ. އެހެންވެ ޕްލޭޔާސް ސްޓޭޓާސް ކޮމިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި އެ ކްލަބުން މުސާރަދީ ހަލާސްކުރި ނަމަވެސް މި އަހަރުގެ ސީޒަނުގައި ކުޅުމުގެ ފުރުސަތު އޮތްތޯ އާއި އަދި ފުރުސަތު ނެތް ނަމަ އެ ސަބަބު ބަޔާންކޮށް އޭޕްރިލް 3 ވަނަ ދުވަހުގެ ކުރިން ޖަވާބެއްދޭން ނިއުގެ ސިޓީގައި އެދިފައިވެ އެވެ. އެކަމަކު އަދިވެސް އެފްއޭއެމުން ޖަވާބެއް ނުދެ އެވެ.
އެއާ އެކު، ނިއުގެ ސަޕޯޓަރުންގެ ގްރޫޕަކުން ތެދުވެ ކްލަބަށް ރަނގަޅު ގޮތެއް ފެނޭތޯ މަސައްކަތް ފެށި އެވެ. އެ ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވާ ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ބުނީ ވަހީދު ހުރީ ނިއު އަށް އަލުން ފުރުސަތު ލިބޭނެ މަގެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަން ތައްޔާރަށް ކަމަށެވެ. އެ މަސައްކަތުގައި ކްލަބުގެ ކުރީގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދާ ވެސް އާދީއްތަ ދުވަހުގެރޭ ބައްދަލުކުރި އެވެ. އެހެންވުމާ އެކު ބެލެވެނީ ޒިޔާދުގެ އިސްތިއުފާ އަކީ، ސަޕޯޓަރުންގެ އެ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.